އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު
ބުއްދިވެރި މުސްލިމަކާމެދު ދަންނައެވެ. އޭނާ ދިރިއުޅޭ ތަނާއި މުޖުތަމަޢުގެ ސަލާމަތްތެރިކަން ގެއްލި ހަލާކުވެދާފަދަ ކަންކަމުން ރައްކާތެރިވާނެއެވެ. އަދި މުޖުތަމައުގައި ހިނގާ ފިތުނަތަކުން މުޖުތަމައު ސަލާމަތްކުރަން މަސައްކަތްކުރަން މަސައްކަތްކުރާނެއެވެ. އިސްލާމް ދީނާއި ޚިލާފަށް ކުރާ ކަންކަން ހުއްޓުވަން ގަދައަޅައި މަސައްކަތްކުރާނެއެވެ. އަދި އިސްލާމް ދީނުގެ ޙުކުމްތަކާއި އެއްގޮތަށް ޢަމަލުކުރަން ލޯބިކޮށް އެކަމަށް ބާރުއަޅާނެއެވެ.
ކީރިތި ޤުރްއާނަށް ޢަމަލުނުކޮށް ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ޚިލާފަށް ކުރެވޭ ކަންކަން ހުއްޓުވަން ތިމާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށް ޤަބޫލުކުރުމަކީ ބުއްދިވެރި، އަދި ﷲ ތަޢަލާއަށް އީމާންވެގެންހުރި އެއްވެސް މީހަކު ކުރާނެ ކަމެއް ނޫނެވެ. އެހެނީ ކޮންމެމީހަކަށްވެސް ކުރެވޭނެ ކަންކަން ރަސޫލް ﷺ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއީ:
1 އަތުން އެކަމެއް ހުޓުވަން މަސައްކަތް ކުރުން
2 އަތުން ހުއްޓުވުމުގެ ބާރު ލިބިފައި ނުވާނަމަ ދުލުން އެކަމަކާއިދެކޮޅަށް ބަސްބުނެ ހުއްޓުވަން މަސައްކަތްކުރުން
3 ދުލުން ބަސްބުނުމުގެ ބާރު ލިބިގެންނުވާނަމަ ހިތުން އެކަމަށް ދެކޮޅު ހެދުން
އެކަމެއް ހުއްޓުވަން ނުވަތަ ހިތުން އެދޭމީހާވެސް އަދި އެންމެންވެސް މުޖުތަމައުގައި ހިނގާ އެފަދަ ކަންކަމުން މުޖުތަމައު ސަލާމަތްކުރައްވަވައިދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އެފަދަ ކަންކަން ކުރާ މީހުންނަށް ނަޞްރު ދެއްވުން އެދި ދުޢާކޮށްގެންނުވާނެއެވެ. ދުޢާކުރަންވާނީ އެފަދަ އަމަލުތައްކުރާ މީހުންގެ ކިބައިން މުޖުތަމައު ސަލާމަތްކުރައްވަވައި ދެއްވެވުން އެދިއެވެ. އެފަދަ ޢަމަލުތައްކުރާ މީހުންނަށް ހިދާޔަތު ދެއްވެވުން އެދި ދުޢާކުރެވިދާނެއެވެ.
އެއިރުން އެމީހަކަށް ﷲ ތަޢާލާ ޘަވާބު ދެއްވަވާނެތެވެ! ވީމާ މީހަކު ނުބައި ޢަމަލެއް ކުރާތަން ފެނުމުން އަޅައިނުލައި ނުހުންނާށެވެ! އެކަން ހުއްޓުވަން ތިބާއަށް ކުރެވޭނެ ކަމެއް ނެތް ނަމަ ހިތުންނަމަވެސް އެކަން ކުށްވެރިކުރާށެވެ! އަދި މިބުނިމަގުން ދުޢާކުރާށެވެ! އެކަމަށް ﷲ ތަޢާލާ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
16 މާޗް 2025