އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމީރު މުޢާވިޔާތު 15: ޒިޔާދު ބިން އަބީސުފްޔާނަށް ބަޞަރާގެ ގަވަރުނަރުކަން ދެއްވުން

އަމީރު މުޢާވިޔާތު 15: ޒިޔާދު ބިން އަބީސުފްޔާނަށް ބަޞަރާގެ ގަވަރުނަރުކަން ދެއްވުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 18 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ޒިޔާދު ބިން އަބީސުފްޔާން: 

زياد ގެ މަންމަ ސުމައްޔާއަކީ الحارث بن كَلَدَةَ ގެ އަޅެކެވެ. زياد ގެ އަސްލު ބައްޕައަކީ ކޮބައިކަމާމެދު އިޚްތިލާފު އުފެދިފައިވެއެވެ.  ބައެއް ބުރުހާނުތަކުން ހާމަވާގޮތުގައި أبو سفيان އިސްލާމްދީން ގަބޫލު ކުރުމުގެ ކުރިން ސުމައްޔާ އާ ކައިވެނި ކުރެއްވިއެވެ.  زياد އުފަންވީ އެ އެކާވެނިންނެވެ. زياد، أبو سفيان އާ ވައްތަރުވި ނަމަވެސް أبو سفيان ގެ އާޢިލާގެ މީހުންނާއި އަމީރު މުޢާވިޔަތުގެފާނު، زياد އަކީ، أبو سفيان ގެ ދަރިއެއްގެ ގޮތުގައި ބަލައިނުގަތެވެ.

މުސްލިމުންގެ ޚަލީފާއެއްގެ ގޮތުގައި އަމީރު މުޢާވިޔަތުގެފާނު ހަމަޖެހިގެން ދިޔުމުން ޒިޔާދު، މުޢާވިޔަތުގެފާނަށް ބައިޢަތު ހިއްޕެވުމަށް ފަސްޖެހުނެވެ. އަމީރު މުޢާވިޔަތުގެފާނު، المغيرة بن شعبة رضى اللّـه عنــه އަށް ލިޔުއްވައިގެން އެކަލޭގެފާނު ޒިޔާދުގެ އަރިހަށް ފޮނުއްވިއެވެ. އެއަށްފަހު ޒިޔާދު މުޢާވިޔަތުގެފާނުގެ އަރިހަށް ހާޒިރުކުރެއްވިއެވެ. މުޢާވިޔަތުގެފާނަށް ޒިޔާދު ފެނިވަޑައިގެންނެވުމުން އެކަލޭގެފާނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އަދި ޒިޔާދަކީ މުޢާވިޔަތުގެފާނުގެ އަޚެއްގެ ގޮތުގައި ބަލައިގެންނެވިއެވެ. 

އޭގެ ފަހުން زياد ގެ ނަންފުޅު ރަސްމީކޮށް ހުރިހާ ލިޔެކިޔުމެއްގައި ލިޔުއްވީ زياد بن أبي سفيان  ގެ ނަމުންނެވެ. علي بن أبي طالب رضى اللّـه عنــه އަށް، ޒިޔާދަކީ އަބޫސުފްޔާނުގެ ދަރިކަލެއްކަންވަނީ މާކުރިންވެސް ޔަޤީންވެވަޑައިގެންފައެވެ.  އެހެނީ އެއްފަހަރަކު عمر الفاروق رضى اللّـه عنه  ގެ މަޖިލިސެއްގައި އަބޫސުފްޔާންވަނީ ޒިޔާދަކީ އޭނާގެ ދަރިކަލެއްކަމުގައި ވިދާޅުވެފައެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި ޒިޔާދު ފާރިސްކަރައިގެ ގަވަރުނަރަކަށް އައްޔަންކުރެއްވިއެވެ.

އަމީރު މުޢާވިޔަތުގެފާނު ޒިޔާދަށް ވަރަށް ކަމޭހިއްތެވިއެވެ. ވަރަށް ބޮޑު ޝަރަފެއްދެއްވިއެވެ. އެކަލޭގެފާނުގެ މަޤާމު މަތިކޮށްދެއްވިއެވެ.  މުޢާވިޔަތުގެފާނު، ޒިޔާދު އައްޔަން ކުރެއްވީ ބަޞަރާގެ ގަވަރުނަރުކަމުގެ މަޤާމަށެވެ. 

ޒިޔާދު ބަޞްރާއަށް ވަޑައިގެން އެ ރަށުގެ މީސްތަކުން ހުކުރު މިސްކިތަށް އެއްކުރުމަށްފަހު އެބައިމީހުންނަށް ތަޤުރީރެއްދެއްވިއެވެ.  އޭރު ބަޞަރާގެ މީސްތަކުންގެ އަޚުލާޤީ ފޭރާންވަނީ ވީދި ކުދިކުދިވެފައެވެ.  ވައްކަމާއި ފޭރުމާއި ފިތުނަވެރިކަންވަނީ އާންމުވެފައެވެ.  ޒިޔާދު ބަޞަރާއަށް ވަޑައިގެން މާޝަލް ލޯ ތަންފީޒު ކުރައްވަން ފެއްޓެވިއެވެ.  ރޭގަނޑު ބޭރަށް ނުކުމެ އުޅޭ ކޮންމެ މީހެއް ޤަތުލުކުރެވޭނެކަމަށް އެންގެވިއެވެ.  އެ ޤާނޫނަށް ފުރިހަމައަށް އަމަލުކުރައްވަން ފެއްޓެވުމާއެކު ބަޞަރާގެ މީސްތަކުން މައިތިރިވެއްޖެއެވެ. 

މުޢާވިޔަތުގެފާނު، ޒިޔާދާއި، المغيرة بن شعبة ބަޞަރާ އާއި ކޫފާގެ ގަވަރުނަރުކަމަށް އައްޔަނު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ފާރިސީންނާއި ޢިރާޤުގެ މީހުންގެ ޕްރެޝަރުން ސަލާމަތްވެވުނެވެ. އެހެނީ އީރާނުގެ ހުރިހާ ޕްރޮވިންސްތަކެއް ހުރީ ކުފާ އާއި ބަޞަރާގެ ދަށުގައެވެ. 

އަމީރު މުޢާވިޔަތުގެފާނު، ފާރިސްކަރައާއި ޖަޒީރަތާއި، ސަޖިސްތާނު ވެސް ބަޞަރާގެ ޙުކޫމާތުގެތެރެއަށް ލެއްވިއެވެ. ޒިޔާދު އަވަސް ފުރުޞަތެއްގައި އިރުމަތީގައި އުފެދިފައިވާ ފިތުނަތައް ނައްތަވައިލެއްވިއެވެ. އެދުވަސްވަރު ޚަވާރިޖުންގެ ފިތުނަވެރިކަން ހުރި ގޮތަކީ، ދޭރެއަކުން މަޑުވެލައިފައި އަނެއްކާ ދޭތެރެއަކުން ހިލިގަންނަފަދަ ގޮތަކަށެވެ. ނަމަވެސް ޒިޔާދާއި المغيرة بن شعبة ގެ ހިންމަތާއި މިންނަތާއި، ޤާބިލުކަމުގެ ބޭނުންފުޅު ކުރައްވައިގެން އެބައިމީހުން މައިތިރިކުރުވައެވެ. މުޢާވިޔަތުގެފާނަށް އުނދަގޫފުޅު ވެދާނެފަދަ، އެންމެހައި ފިތުނަތަކެއް އޭގެދެކަލުން މައިތިރި ކުރައްވަމުން ގެންދެވިއެވެ. 

ހިޖްރައިން 43 ވަނަ އަހަރުގެ ތެރޭގައި މިޞްރުގެ ގަވަރުނަރު عمرو بن العاص އަވަހާރަވިއެވެ. އަމީރު މުއާވިއްޔާ އޭނާގެ ބަދަލުގައި އެތަނުގެ ގަވަރުނަރަކަށް އައްޔަން ކުރެއްވީ އޭނާގެ ދަރިކަލުން ޢަބްދުﷲ ބިން ޢަމްރު އެވެ. 

ހަމަ އެ އަހަރު ކުފާގައި ތިބި ޚަވާރިޖުންނަށް المغيرة بن شعبة  އަކީ ޒިޔާދު ބިން އަބީ ސުފްޔާން ފަދަ ހަރުކަށި ބޭފުޅެއް ނޫންކަން އެނގިގެން އެކަމުގެ ނާޖާއިޒު ފައިދާނަގައި، ބަޣާވާތް ކުރުމުގެ ރޭވުމެއް ފެށިއެވެ. މުޣީރަތު ބިން ޝުޢުބާގެ ބަދަލުގައި ޒިޔާދު ބިން އަބީ ސުފްޔާން ކުފާގައި ހުރިނަމަ، ޚަވާރިޖުންނަށް މި ރޭވުން ކުރިއަށް ގެންދާކަށް ނުކެރުނީހެވެ. އެހެނީ ޒިޔާދު ޚަވާރިޖުންގެ ގޮތްބާވަތް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. ކުރިން ދެންނެވިފައިވާނެ ފަދައިން ޒިޔާދުވަނީ ބަޞަރާގެ ޚަވާރިޖުންގެ ކަންތައްތައް އެއްކޮށް ހަމައަކަށް އަޅުވައިލައްވައިފައެވެ. 

مستورد بن القمة ގެ އަމުރުގެ ދަށުން ތިންސަތޭކައަށްވުރެ ގިނަ ޚަވާރިޖުން ކޫފާއިން ފުރައިގެން 1 ޝައްވާލު 43 ހ. ދިޔައެވެ. މުޣީރަތުގެފާނަށް އެކަން އެނގިވަޑައިގެން އެބައިމީހުންގެ ފަހަތުން ތިންހާސް ސިފައިންގެ ލަޝްކަރެއް ފޮނުއްވިއެވެ. އެބައިމީހުންނާ ބައްދަލުކޮށް ކުރެވުނު ހަނގުރާމައިގައި ތިންސަތޭކަ ޚަވާރިޖުން، ކުފާގެ ތިންހާސް ސިފައިން ބަލިކުރިއެވެ. އިތުރަށް ހަނގުރާމަވެރިން ފޮނުއްވުމުންވެސް ޚަވާރިޖުން އެމީހުންވެސް ބަލިކުރިއެވެ.

ދެން އެންމެފަހު معقل بن قیس ގެ އަމުރުގެ ދަށުން ބޮޑު ލަޝްކަރެއް ޚަވާރިޖުންނާ ދިމާލަށް ފޮނުއްވިއެވެ. މި ލަޝްކަރު ގޮސް ކުރި ހަނގުރާމައިގައި معقل بن قیس އާއި ޚަވާރިޖުންގެ ވެރިޔާ مستورد بن القمة އާ ދެމީހުން މުޤާބަލާ ކުރުމުގެ ތެރޭގައި ދެމީހުންވެސް ޤަތުލުވެގެން ދިޔައީއެވެ.  ޚައްވާރިޖުންގެ ތެރެއިން ފަސްމީހަކު ފިޔަވައި ހުރިހާ އެންމެން ޤަތުލުކުރެވުނެވެ. މި ހަނގުރާމައަށްފަހު މުޣީރަތުގެފާނު ވަކީން ބޮޑަށް ޚަވާރިޖުންގެ ފިނުތައާމެދު ފަރުވާތެރިވާންފެއްޓެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް