އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 54 ސިކުންތު
އަޅުގަނޑު ބަލިވެއިނީ އަޅުގަނޑުމެންގެ ކައިވެނީގެ 3 ވަނަ އަހަރުއެވެ. ބަލިވެއިނދެ ބަނޑަށް 5 މަހުންސުރެ އުޅެންޖެހުނީ ވަރަށް ބަލިޙާލުގައެވެ. 7 ވަނަ މަހުން ފެށިގެން ގިނައީ ނުތެދުވެވޭ ދުވަސްތަކެވެ. އެެހންކަމާއިއެކުވެސް ގޭގެ އެއްވެސް މަސައްކަތެއ ނުކުރެވި ހުރެއްޖެނަމަ ފިރިމީހާ އެއްޗެތި ގޮވައެވެ.
ބުނެއެވެ. "ހުރިހާ އަނހެނުންވެސް ބަލިވެ އިނދެއެވެ. އެއީ އަނހެނުންގެ ޠަބީޢީ ކަމެކެވެ. ބަލިވެ އިންނައިރަށް އެއްވެސް މަސައްކަތެއް ނުކޮށް އޮށޯވެ އޮންނަވެއްޖެނަމަ ގޭގެ މަސައްކަތްކުރާނީ ކާކުހެއްޔެވެ؟" އެހެންވެ ގައިގައި ނުހުންނަ ބާރު ނެރެވޭތޯ މަސައްކަތްކުރަމެވެ. ގޭގެ ހުރިހާ މަސައްކަތެއްވެސް ކުރެވޭތޯ ބަލަމެވެ.
ބަނޑަށް 8 މަސް ފުރުނުތަނާ އެއް ރޭ ފިރިމީހާ ގެއަށް އައީ އެކުވެރިންތަކަކާއިއެކުގައެވެ. އެއިރު ތެދުވާނެ ވަރުވެސް ގައިގައި ނެތިގެން އަޅުގަނޑު އިނީ ބަދިގޭގައި ހުރި ގޮނޑިއެއްގައެވެ. އެތަން ފެނުމާއިއެކު އެއްޗެތިގޮވަން ފެށިއެވެ. "މީނާގެ ކަމަކީ އަބަދު އިށިނދެ އިނުމެވެ. ނޫނީ އޮށޯވެ އޮތުމެވެ. ބަލިވެއިނުން އެއީ މާބޮޑުކަމަކަށް ހަދައިގެން އެއްވެސް މަސައްކަތެއް ނުކުރަންވެގެން ހަދާމަކަރު ބަލަން ބޭނުމެއް ނޫނެވެ. އަވަހަށް ކާން ގެންނާށެވެ!"
ރޮމުން ރޮމުން ބުނީމެވެ. "އުނަގަނޑުގަ ރިއްސާވަރުން މިއުޅެނީ ކޮޅަށް ނުހުރެވިގެންނެވެ. އެހެންވެ މިއަދަކު ނުކެއްކެއެވެ." އެހެން ބުނާއިރަށް ފުންމައިގެން އައިސް އަޅިގަނޑު ކޮޅަށް ނަގަން އުޅެނިކޮށް އަޅުގަނޑު ވެއްޓިއްޖެއެވެ.
އެވަޤުތު ފިރިމީހާގެ އެކުވެރިއަކު އަޅުގަނޑަށް ރަޙުމްކޮށް އަޅުގަނޑުގެ ދިފާޢުގައި ވާހަކަދެއްކުމުން ދިން ޖަވާބު އެނގޭހެއްޔެވެ؟ "ކަލޭމެން ދެމީހުން ހިތާވެގެން އުޅޭތާ ކިތަންމެ ދުވަހެއް ވެއްޖެކަން މާކުރިންވެސް އެނގެއެވެ. އެއިނީ ވަރިކޮށްފައެވެ. އަވަހަށް ގޮވައިގެންދާށެވެ."
އެހެންބުނާއިރަށް އެކުވެރިޔާ ގެއިން ބޭރަށް ނުކުމެއްޖެއެވެ. ތެދުވެވޭތޯ މަސައްކަތްކުރުމުން ނުވެސް ތެދުވެވުނެވެ. އެހެންވެ ރޯން ތަޅުންގަނޑުގައި އިންދައި ފެނުނީ މަންމަ އާއި ބޭބެ އައިސް ވަންތަނެވެ. ފަހަތުން ސްޓްރެޗަރ ހިފައިގެން އެމްބިޔުލާންސް އެހީތެރިން ވަދެ އަޅުގަނޑު ގެންދިއައީ ހޮސްޕިޓަލަށެވެ.
ޑޮކްޓަރުން އަޅުގަނޑުގެ ޙާލަތު ބަލާފައި ނިންމީ ވަގުތުން ސިޒޭރިއަން ހަދާށެވެ. އެއީ ލިބިފައިވާ އަނިޔާގެ ސަބަބުން ދަރިފުޅު ސަލާމަތްނުކުރެވިދާނެކަމުގެ ބިރަށެވެ. ސިޒޭރިއަން ހަދައި ހޭއެރުމުން ބުނީ ދަރިފުޅު ސަލާމަތްކުރެވުނީ ހަމަ ކިރިޔާ ކަމަށެވެ. ތަންކޮޅެއްވެސް ލަސްވިނަމަ ސަލާމަތް ނުކުރެވޭނެ ކަމަށެވެ.
ގެއަށް ފޮނުވީ 5 ދުވަސްފަހުންނެވެ. އެންމެ ދެރަވީ މަންމަމެން އެހައި ފަޤީރު އިރުގައި އަޅުގަނޑާއި ދަރިފުޅުގެ ބުރަ އުފުލަން މަންމަމެންނަށް ޖެހުނީތީއެވެ. ފިރިމީހާ ހޮސްޕިޓަލަކުން ނުފެނެއެވެ. އެހެންވެ ބިލްދެއްކީ ކާކުތޯ އަހަންވެސް ނުކެރުނެވެ. އެކަމަކު ކޮޓަރިއެއްގައި ބާއްވާފައި އޮތުމުން ކޮންމެވެސް މީހަކު އެހީތެރިވެއްޖެކަން ވިސްނުނެވެ.
ވިހައި ގަދަވެ 3 މަސްވެ ޢިއްދަ ހަމަވިތަނާ އެއްރޭ ފިރިމީހާ އަޅުގަނޑު ވަރިކުރިރޭ އެހީތެރިވެދިން އެކުވެރިޔާ އައެވެ. ޙާލު އޮޅުންފިލުވައި ހެދުމަށްފަހު ބުންޏެވެ. "ޒަރީރު އެރޭ ބުނި ނުބައި ބަސްތަކަށް އަހުރެން ރައްދު ނުދިނީ އޭނާގެ އަޚްލާޤް ހުރި ފެންވަރު ފެނުމުން އޭނާއާއި އެއްދަރަޖައަށް ނުވެއްޓެން ވެގެންނެވެ. އަހަރެންނަކީ އޭނާ ކަހަލަ މީހެއް ނޫނެވެ. ކައިވެނިކުރިފަހުން ހިލޭ އަންހެނަކާއި އެގޮތުން އަނގައިންވެސް ބުނެފައެއް ނުވާނެއެވެ. އަނބިމީހާ އާއިއެކު މިއުޅެނީ ނުލާހިކު ލޯބިންނެވެ.
މަންމައަށް ގުޅީވެސް އެމްބިޔުލާންސް ގެނުވީވެސް އަހަރެންނެވެ. މިހައިތަނަށް ޚަރަދުމިކުރީވެސް އަދިވެސް ޚަރަދުކުރާނީވެސް އަހަރެންނެވެ. ކަލޭ ކައިވެނިކުރާނެ ރަނގަޅު މީހަކުވެސް ހުންނާނީ ހޯދައިފައެވެ. މިވަގުތު އޭނާ ރާއްޖެއަކު ނެތެވެ. އައިމަ ގެނެސް ދައްކާނަމެވެ. ރުހޭނަމަ ކައިވެނިކުރާށެވެ."
އެކުވެރިޔާ ދެއްކި މީހާއާއި ކައިވެނިކުރީމެވެ. އޭނާވީ ވަރަށް ރަނގަޅު ފިރިއަކަށެވެ. ކައިވެންޏަށް މިހާރު 12 އަހަރުވީއެވެ. ދުވަހަކުވެސް ބާރަށް އަނގައިންވެސް ނުބުނެއެވެ. ވަރަށް ގާތުން އަޅުގަނޑުގެ ކަންކަން ބަލައެވެ. ބަލިވެއްޖެނަމަ އިންތިހާއަށް އަޅައިލައެވެ. އެހެންވީމާ ފުރަތަމަ ފިރިމީހާގެ ކިބައިން އެހައި ބޮޑު އަނިޔާތަކެއް ލިބުނުކަން ވެފައިމިވަނީ ލެއްވެވި ބޮޑު ރަޙްމަތަކަށެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑުގެ އެފިރިމީހާ އެކުރި އަނިޔާތަކަށް ކެތްތެރިވާން މަސައްކަތްކުރުމަކީ ހާދަހައި ވޭންހުރިކަމެކެވެ. ނަމަވެސް ކެތްތެރިވާން ކުރި މަސައްކަތުގެ ނަތީޖާ މިފެނުނީ ވަރަށް ފޮނިކޮށެވެ. އުފާވެރި ދިރިއުޅުމެއް ލިބެން މެދުވެރިވި ސަބަބަށެވެ.
އަޅުގަނޑު ވަރިކުރިފަހުން އޭނާ 4 ކައިވެނިކޮށްފިއެވެ. އެކަކާއިއެކުގައިވެސް ނުއުޅެވުނެވެ. މިހާރު އުޅެނީވެސް ވަރަށް ބަލިކޮށެވެ. ދަރިފުޅުގެ ޙާލުބަލަން ކަމަށް ހެދިގެން ދޭތެރެއަކުން ގުޅައި ބޭކާރު ވާހަކަ ދައްކާތީ އިންނާނީ ނަމަބަރުވެސް ބްލޮކްކޮށްފައެވެ.
- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
22 މާޗް 2025