އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 37 ސިކުންތު
އަޅުގަނޑަކީ އެންމެ ތަނަވަސް މީހެއް ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި ލިބޭ އާމްދަނީ ފުދިގެން ދިރިއުޅެމުން އައި މީހަކީމެވެ.
ފުރަތަމަ އަދާކުރީ ވަޒީފާއެވެ. ވަޒީފާގައި އުޅެމުން ފައިސާކޮޅެއް އެއްކޮށްގެން އަމިއްލަ މަސައްކަތް ފެށީމެވެ. އެމަސައްކަތުގައި ކުރއަށް ދަމުންގޮސް މާލެއިން ކުޑަ ބިންކޮޅެއްވެސް ގަތީމެވެ. ޢުމުރުން 32 އަހަރުވީއިރު އަމިއްލަ ބިންކޮޅެއްގައި ކުޑަނަމަވެސް އަމިއްލަގެއެއްވެސް ހުއްޓެވެ.
އެހިސާބުން ކައިވެނިކުރީމެވެ. އަނބިމީހާއަށް ވީހައި ހެޔޮކޮށް ހިތީމެވެ. އަތުގައި ތަނަވަސްކަން ހުރި މިންވަރުން ހުރިހާ ކަންކަންވެސް ކޮށްދިނީމެވެ. އެހެނަސް އޭނާގެ ހިތެއް ނުފުރުނެވެ. ގެ 4 ބުރިއަށް ހުރުމުން ކުޑަވީއެވެ. ކާރަކީ އެންމެއަގުބޮޑު ކާރަކަށް ނުވުމުން އަގެއް ހުރި އެއްޗަކަށް ނުވިއެވެ. ކޮންމެ ދުވަހަކު އޭނާ ބޭނުންހައި ކަމެއް ކުރަން ބޭނުންވަރަކަށް ޚަރަދުކުރާނެ ފައިސާ ދެވެން ނެތުމުން ކަމެއް ކޮށްދެވޭ ކަމަކަށް ނުވިއެވެ. ޝަކުވާތައް ގިނަވަމުން އައިސް އެންމެފަހުން އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން އެންމެ ތަނަވަސް މީހާ އާއި ގުޅި އަޅުގަނޑު ގާތުން ވަރިވެގެން ހިނގައްޖެއެވެ.
އަޅައެއް ނުލަމެވެ. ބެލީ އެއީ ފިލާވަޅެއް ކަމަށެވެ. މިހެން ބުނި ނަމަވެސް ވަރަށް ދެރަވިއެވެ. ސަބަބަކީ އަޅުގަނޑު ހުރީ ދުވަހަކުވެސް ދެވަނަ ކައިވެންޏެއް ކުރަން ނުޖެހޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކޮށްގެން ކަމަށްވާތީއެވެ.
އަޅުގަނޑުމެން ގޭގައި މުސާރަ ދީގެން އަންހެނަކު ގެންގުޅެމެވެ. އެއީ މައިންބަފައިންނަށްވެސް ޚިދުމަތްކުރި ކުއްޖެކެވެ. އެމީހުން ނިYaވީވެސް އޭނާ ގޭގައި އުޅެނިކޮށެވެ. ޢުމުރުންވެސް އަޅުގަނޑަށްވުރެ 5 އަހަރު ދޮށީ އަންހެނެކެވެ.
އަނބިމީހާ ވަކިވެގެން ދިއުމުން އަޅުގަނޑަށް ލިބުނު ހިތްދަތިކަން ފޫބައްދައިދޭން އޭނާ ވަރަށް މަސައްކަތްކުރިއެވެ. ހިތްވަރުދިނެވެ. ނަޞޭޙަތްދިނެވެ. އުޚުތެއް ފަދައިން ހުރިހާ ކަންކަންވެސް ކޮށްދިނެވެ.
އެއީ ދުވަހަކުވެސް ވިސްނިވެސް ކަމެއް ނޫނެވެ. އެކަމަކު ތަޤްދީރުގައި އެކަން އެގޮތަށް ވުމަށް އޮތުމުން މެދުވެރިވި ކަމެކެވެ. އޭނާ އާއި ކައިވެނިކުރުމުގެ ޝައުޤުވެރިކަން ހިތުގައި އުފެދެން ފަށައިފިއެވެ. "ހަމަ ޤައިމުވެސް އޭނާ ތެދުވެރިވާނެއެވެ. މާއަގުބޮޑު ކަންކަމަކަށް ބޭނުމެއްވެސް ނުވާނެއެވެ. ގެއިން ބޭރުގައި ވަޤުތު ހޭދަކުރާކަށްވެސް ބޭނުމެއް ނުވާނެއެވެ. ބަލައިލަންވެސް ހުތުރީއެއް ނޫނެވެ. ހަމައެކަނި 5 އަހަރު ދޮށިކަމެވެ. އެކަމެއްވެސް އޭނާގެ މޫނުމައްޗަކުން ނުފެނެއެވެ. އެހެންވީއިރު އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟"
މިޚިޔާލުތައް ކުރެވެން ފެށުމުން ވަރަށް ލަދުންހުރެ އެވާހަކަ އޭނާގެ ގާތުގައި ބުނީމެވެ. އޭނާގެ ޖަވާބު ވަރަށް ކުރެވެ. "އަހަރެންނަކީ އަޅައިލާނެ އެއްވެސް މީހަކު ނެތް ނިކަމެތި އަންހެނަކުކަން ދަންނަންވާނެއެވެ. ދުވަސްކޮޅަކުން ޅަކުއްޖަކު ފެނިގެން ވަރިކޮށްލައި ގެއިން ނެރެލައިފިނަމަ ގޮސް ވަންނާނެ ތަނެއްވެސް ނެތެވެ. ވަޒީފާވެސް ގެއްލި ވަރަށް ބޮޑަށް ނިކަމެތިވާނެއެވެ. އެފަދަ ދެރައެއް ނުދޭނެ ނަމަ ހެކިވެރިން ފޮނުވާށެވެ."
އަޅުގަނޑު އޭނާ އާއި ކައިވެނިކުރީމެވެ. ކައިވެންޏަށް 20 އަހަރުވެސް ވެއްޖެއެވެ. ދުވަހަކުވެސް ކަންބޮޑުވާކަށް ނުޖެހެއެވެ. އަންތބެއްގެ ކިބައިން ލިބެންވާ ލޯތްބާއި އަޅައިލުން އަޅުގަނޑަށްވުރެ ބޮޑަށް ލިބޭ އެހެން ފިރިހެނަކު ހުންނާނެ ކަމަކަށް ޤަބޫލެއްވެސް ނުކުރެވެއެވެ.
ފުރަތަމަ އަނބިމީހާގެ ވާހަކައެއްވެސް ބުނެލާނަމެވެ. އަޅުގަނޑުގެ ދެވަނަ ކައިވެންޏަށް އަހަރުވެސް ނުވަނީސް ގެއަށް އައިސް މާފަށް އެދިފައި އަލުން ގުޅެން އެދުނެވެ. އޭނާއަށް ގުޅެވުނީ ވަރަށް ނުބައި މީހަކާއިކަމަށްބުންޏެވެ. ކުރަންޖެހުނީ ވަރަށް ހިތި ތަޖުރިބާ ތަކެއް ކަމަށްވެސް ބުންޏެވެ. އެކަން ކުރެވެން ނެތްކަމަށް ބުނީމައި ބުނީ "މަންމަ އާއި އިނދެވުނީމާ ތިހިރީ މޮޔަވެފައިދޯއެވެ."
އަޅުގަނޑު ބުނަން ބޭނުންވިއެވެ. "ހަމަޤައިމުވެސް އެއީ ކަލޭ ކަހަލަ ހިތް ނުފުރޭ އަދި ޚިޔާނާތްތެރިއެއް ނޫނެވެ. ދެމީހުން އެކުގައި ސުވަރުގެދާން އެބަ ވަރަށް މަސައްކަތްކުރެއެވެ. އެހެންވެ މިހުރީ ވަރަށް އުފަލުންނެވެ. ފުދި އިތުރުވެސްވެގެންނެވެ." ނަމަވެސް އަނގައިން ނުބުނެ ގެއިން ނެރެލާފައި ދޮރުލެއްޕީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އަޅުގަނޑުގެ ޙަޔާތުގައި ކުރެވުނު ތަޖުރިބާއަށް ބަލާއިރު ވިސްނަންވީ އަންހެނުންގެ ބޭރުފުށުގެ ސިފައަކަށް ނޫނެވެ. ޢުމުރަކަށްވެސް ނޫނެވެ. އަޅުގަނޑުގެ އަނބިމީހާ އަޅުގަނޑަށްވުރެ 5 އަހަރު ދޮށިނަމަވެސް މިހާރުވެސް ފެންނަނީ އަޅުގަނޑަށްވުރެ މާޅަކަމަށެވެ.
- ޒަމީރު / މިއަދުނޫހުގެ ކިޔުންތެރއެއް
Advertisement
24 މާޗް 2025