އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު
އަޅުގަނޑު ދެކެ ވަރަށް ބޮޑަށް ލޯބިވާކަމަށް ބުނާ މީހަކު އުޅެއެވެ. އެއީ ތަނަވަސްކަމުގެ ގޮތުން މެދުމިނުގެ މީހެކެވެ. އޭނާ އުޅޭ ގޮތުންނާއި ދައްކާ ބައެއް ވާހަކަތަކުން ބައެއް ފަހަރު ވަރަށް ބިރުވެސް ގަނެއެވެ. އެހެން ބުނަން ޖެހުނީ ދުވަހަކުވެސް އޭނާގެ ގާތުން އެއްވެސް ނޭދޭއިރުވެސް އަގު ބޮޑު ހަދިޔާތައް ދޭން އުޅޭތީއެވެ.
އަޅުގަނޑު ބުނަމުން އައީ ހިލޭ ފިރިހެނެއްގެ އަތުން އެއްވެސް ހަދިޔާއެއް ބޭނުން ނޫން ކަމަށެވެ. ހަދިޔާ ދޭން ބޭނުންވާނަމަ ކައިވެނިކުރުމަށެވެ. އަޞްލު އެގޮތަށް ބުނަމުން އައީ އޭނާއަށް އިތުބާރު ނުކުރެވޭތީއެވެ. ކައިވެނިކުރާނެ ކަމަށް ޤަބޫލުނުކުރެވޭތީއެވެ.
ކޮންމެއަކަސް މީގެ ހަފްތާއެއްވަރު ކުރިން އެއް ރޭ ގެއަށް އައީ 2 މީހަކާއި އެކުގައެވެ. އައިސް މައިންބަފައިންނާއި ބައްދަލުކޮށްފައި ބުނީ އޭނާ އެންމެ ބޮޑަށް ލޯބިވަނީ އަޅުގަނޑު ދެކެ ކަމަށާއި މިއުޅެނީ އަޅުގަނޑަށް ޢީދު ހަދިޔާއެއް ދޭން ކަމަށެވެ. އެކަމަށް މަންމަ އާއި ބައްޕަ ރުހުމަށެވެ.
އެހެން ބުނާއިރަށް އަޅުގަނޑަށް ބުނެވުނީ އެކަމަށް ރުހިގެން ނުވާނެ ކަމަށާއި ހިލޭ ފިރިހެނެއްގެ އަތުން އެއްވެސް ހަދިޔާއެއް ބޭނުން ނޫން ކަމަށެވެ. އެހެން ބުނާއިރަށް ބުނީ ދޭން އުޅޭ ހަދިޔާއަކީ ކައިވެނިކުރުން ކަމަށާއި މައިންބަފައިންގެ ކިބައިން މިއެދެނީ އެކަމަށް ރުހުން ދިނުމަށް ކަމަށެވެ.
އެހިސާބުން އަޅުގަނޑުގެ ބާރު ކެނޑިއްޖެއެވެ. އޭނާއަކީ މަންމަމެން ވަރަށް ރަނގަޅަށް ދަންނަ މީހަކަށްވެފައި ގެއަށް އައިސް އުޅޭ މީހަކަށްވުމުން މަންމަ އާއި ބައްޕަ އެކަމަށް ވަޤުތުން ރުހިއްޖެއެވެ. ގެއިން ނުކުތީ ރަންކިޔުއްވައި ފޯމުވެސް ފުރައިގެންނެވެ.
ރޭގައި ވަނީ ކައިވެނި ކުރެވިފައެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ކިބައިން އަޅުގަނޑު އެދެނީ އަޅުގަނޑަށްޓަކައި ހެޔޮދުޢާކޮށްދެއްވުމެވެ. އަޅުގަނޑަށް ލިބުނު ޢީދު ހަދިޔާއަކީ މުޅި ޢުމުރަށް އަޅުގަނޑަށް ފައިދާކުރާނެ ހަދިޔާއެއްކަމުގައިވުން އެދިއެވެ.
- ނާޒިމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-
Advertisement
30 މާޗް 2025