އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޠޯނާ ހަދާ އެންމެ ބޮޑު ދޮގަށް ހެއްލެވި ކުރެވޭ އެންމެ ބޮޑު ފާފަ!: މުފްތީ މެންކް

ޝައިޠޯނާ ހަދާ އެންމެ ބޮޑު ދޮގަށް ހެއްލެވި ކުރެވޭ އެންމެ ބޮޑު ފާފަ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 35 ސިކުންތު

ގިނަ ބައަކަށް މިއަދު ދިމާވެގެން މިއުޅޭ މައްސަލައަކީ ﷲ ތަޢާލާގެ ފޮތަށް، ޤުރްއާނަށް އިތުބާރުކުރެވޭ މިންވަރު ކުޑަކުރެވެނީއެވެ. މިޘާލަކަށް ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވުމުން އެހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެ ކަމަށް އޮތް ބަސްފުޅު ޔަޤީންނުކުރެވެނީއެވެ. އަދި އީމާންތެރިކަމުގައި ކުރިއަރައިގޮސް ފާފަކުރުން ހުއްޓައިލުމުން ކުރިން ކުރެވިފައިވާ ފާފަތަކަކީ ޘަވާބު ދެއްވަވާ އަޅުކަމަށް ބަދަލުކުރައްވަވައި ދެއްވަވާނެ ކަމަށް އޮތް ބަސްފުޅުވެސް ޔަޤީންނުކުރެވެނީއެވެ.  

އެކަންކަން އެގޮތަށް މެދުވެރިވާ ގޮތާއިމެދު ވިސްނާލަމާ ހިނގާށެވެ!  

މުސްލިމަކު ޝިރުކެއް ނުކުރާނެއެވެ. ވީމާ ޝިރުކުރުމުގެ ވާހަކަ ގިނަ ބައަކު ނުވެސް ދައްކާނެއެވެ. އެންމެ ގިނައިން ކުރެވޭ ބޮޑެތި ފާފަތަކުގެ ވާހަކަ ދައްކާނަމަ އެންމެ ގިނައިން ދައްކާނީ ފާޙިޝް ޢަމަލުތައް ކުރުމާއި މަސްތުވާތަކެތި، ބަނގުރާ ފަދަ ތަކެތި ބޭނުންކުރުމުގެ ވާހަކައެވެ.  

އެކަމަކު އެފަދަ ބޮޑެތި ފާފަތަކަށްވުރެވެސް މާބޮޑު ފާފައެއް އެބަ ކުރެވެއެވެ. ގިނަ ބައަކަށް އެ ފާފަ ކުރެވެނީ މިކުރެވެނީ އެހައި ބޮޑު ފާފައެއް ކަމާއިމެދު ވިސްނައިވެސް ނުލައި ތިބެގެންނެވެ. މިވާހަކަ ގިނަގިނައިން ދައްކަން މިޖެހެނީވެސް އެހެންވެގެންނެވެ.  

މީސްތަކުންނޭވެ! މީހަކަށް ފާފަތައް ކުރެވެމުން އައިސް ޢުމުރުން 70 އަހަރުވާފަހުން ނަމަވެސް އެކަން ވިސްނި ތައުބާވުމަށް އެދޭމީހާ ތައުބާވުމަށްޓަކައި އޮތީ އިޚްލާޞްތެރިކަމާއިއެކު ހަމަ އެންމެ ފަހަރަކު ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައިލުމެވެ. އެމީހެއްގެ ތައުބާ ޤަބޫލުފުޅު ކުރައްވަވާނެތެވެ. އިން ޝާ ﷲ އެއަށްފަހު ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ކޮންމެ ދުވަހަކުވެސް ދަންނަވަމުން ގެންދަންވީ ފާފަތައް ފުއްސަވައި ނުދެއްވަވާތީއެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ މަތިވެރިކުރުމަށެވެ.  

އެކަމަކު މީހާ ތައުބާވުމުން އިތުރު މައްސަލައެއް ކުރިމަތިވެއެވެ. އެއީ ޝައިޠޯނާ މާޔޫސްވުމެވެ. ޝައިޠޯނާ މާޔޫސްވީމާ ދެން އައިސް ބުނާނީ ކަލޭކުރި މިވެނި އެވެނި ފާފަތަކަކީ އެހެން ދަންނަވައިލާއިރަށް ފުއްސަވައި ދެއްވަވާވަރަށްވުރެ މާބޮޑެތި ފާފަތަކެވެ. ކަލޭގެ ފާފަތައް ފުއްސަވައެއް ނުދެއްވަވާނެއެވެ. 

އެގޮތަށް ވަސްވާސް ދިނުމުން ބައެއް މީހުން މާޔޫސްވެއެވެ. ﷲ ތަޢާލާގެ ރަޙްމަތާއިމެދު އުންމީދުކަނޑާލެވެއެވެ. ވީމާ އާދޭސްކޮށްފައި ބުނަމެވެ. އެގޮތަށް އެކަން ނުކުރާށެވެ! ﷲ ތަޢާލާގެ ރަޙްމަތާއިމެދު އުންމީދުކަނޑައިނުލާށެވެ! އެއީ ކުރިން ބުނި ފަދައިން އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ.  

މިގޮތަށްވެސް ވިސްނައިލާށެވެ! ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ތިމަން ﷲ އީ ގިނަގިނައިން ފާފަފުއްވައިދެއްވެވުމަށް ލޯބިފުޅުވެވޮޑިގަންނަވާ ރަސްކަލާނގެ ކަމަށެވެ. އަދި އެކަލާނގެ ނަންފުޅުތަކުގެ ތެރޭގައި މިފަދަ އެތައް ނަންފުޅެއް ހިމެނިގެންވެއެވެ. އެކަންކަން ޤަބޫލުނުކުރެވުމަށްވުރެ ބޮޑު ފާފައެއް ނުއޮންނާނެއެވެ.  

އަދިވެސް ވިސްނައިލާށެވެ! މީހަކު ތައުބާވުމުން ފާފަފުއްސަވައި ނުދެއްވެވިކަން ޝައިޠޯނާއަށް އެނގޭނެ ގޮތަކީ ކޮބައިހެއްޔެވެ؟ އެކަމަކީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮތް ކަމެކެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީއިރު ޝައިޠޯނާއަށް އެކަން އެނގޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.  

ވީމާ އަހުރެން އަބަދުވެސް ކުރާ އާދޭސް މިރޭވެސް މިތަކުރާރުކުރީ އެކަމުގެ މުހިންމުކަން ހަމަ ބޮޑުކަމުންނެވެ. ވިސްނައި ހޭލުންތެރިވާށެވެ! ޝައިޠޯނާގެ ވަސްވާސްތައް ޤަބޫލުކޮށް މަޅީގައި ނުޖެހޭށެވެ!

 

- މުފްތީމެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް