އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދު ބޮޑުވެ ބާރު ލިބުނީމާ މައިމިހާގެ ބަނޑުގައި އޮވެ މައިމީހާ ނޭވާލާން އުނދަގޫކުރުމުންވެސް އުފާކުރި މަންމަ ރޮއްވަން ޖެހިލުންނުވާނަމަ ތިއައީ އިންސާނެއް ހެއްޔެވެ؟

މިއަދު ބޮޑުވެ ބާރު ލިބުނީމާ މައިމިހާގެ ބަނޑުގައި އޮވެ މައިމީހާ ނޭވާލާން އުނދަގޫކުރުމުންވެސް އުފާކުރި މަންމަ ރޮއްވަން ޖެހިލުންނުވާނަމަ ތިއައީ އިންސާނެއް ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 57 ސިކުންތު

މައިންނަށް އިހާނެތި ގޮތްތައްހަދާ ދަރިން އެހައި ގިނަ ކަމަކަށް އަހުރެން އެއްބަހެއް ނުވާނަމެވެ. އަހުރެންނަށް ފެންނަ ތަނުގައި ގިނަ ދަރިން މައިންނަށް ވަރަށް ހެޔޮކޮށް ހިތައެވެ. ނަމަވެސް މައިންނަށް އަނިޔާވެރިވާ ދަރިންވެސް ތިބެއެވެ.  

ހުރިހާ ދަރިންނަށް ޚާއްޞަކޮށް މައިންނަށް އަނިޔާވެރިވާ ދަރިންނަށް މިރޭ ވިސްނައިދޭން މިއުޅެނީ ޘަވާބާއި ޢަޛާބުގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ ބުއްދީގެ ހަމަތަކުން ވިސްނައިލުމުން އެނގޭނެ ކަންކަމުގެ ވާހަކައެވެ.  

މިއަދު އަހުރެމެންގެ ތެރެއިން ބައަކު އެހަނދާން ކުރަން ބޭނުން ނުވިޔަސް އަހަރެމެންނަށް އެއްވެސް ޝައްކެއްނެތި ޔަޤީންވާ ކަންކަމުގެ ތެރޭގައި ދުނިޔެއަށް އައުދެވުމުގެ ކުރިން ﷲ ތަޢާލާގެ ޙަޟްރަތުގައިވީ ކަމާއި މަރުވުމުން އެނބުރި ދާންޖެހޭނީ ﷲ ތަޢާލާގެ ޙަޟްރަތަށްކަމާއި މައިމީހާގެ ބަނޑުގައި އޮންނަން ޖެހުނުކަން ހިމެނެއެވެ. މި 3 ކަންތައް ޔަޤީން ނުކުރެވޭނެ މީހަކު ހުރެގެން ނުވާނެއެވެ. މާނައަކީ މި ޙަޤީޤަތްތައް އެންމެންވެސް ޤަބޫލުކުރެއެވެ.  

މީގެ ތެރެއިން މިއަދު އަހުރެން ފާހަގަކޮށްލަން މިއުޅެނީ މައިމިހާގެ ބަނޑުގައި ހޭދަކުރި މުއްދަތެވެ. އެއިރު ހިނގާ ބައެއް ކަންކަމެވެ. އެކަންކަމާއި ގުޅިގެން ވިސްނާލަންޖެހޭ ބައެއް ކަންކަމެވެ.  

އެގޮތުން ފުރަތަމަ ކަމަކީ ތިމާ އުފެއްދެނީ ފެން ތިއްކަކުން ކަމެވެ. އެއަށްފަހު އެކި ސްޓޭޖްތަކުގައި ބަދަލު އަންނަމުން އައިސް ދުނިޔެއަށް އުފަންވި ކަމެވެ. މިދުވަސްވަރުގައި މައިމީހާ ތިމާއަށްޓަކައި ވަރަށް ބޮޑެތި ބުރަތަކެއް އުފުލިކަމެވެ.  

ނިކަން ވިސްނައިލަބަލާށެވެ. އަހަރެމެން މީހެއްގެ ބަނޑުގައި މީހަކު ކޮޅުފައި ޖަހައިފިނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ތަދުނުވާނެ ހެއްޔެވެ؟ ތަދުވީމާ ރުޅި ނުއަންނާނެ ހެއްޔެވެ؟ އަމިއްލަ ނަފްސަށް މިސުވާލުގެ ޖަވާބު ދީފައި މައިމީހާ އާއިމެދުގައި ވިސްނައިލާށެވެ.  

މައިމީހާގެ ބަނޑުގައި ތިމާ އޮތް މުއްދަތުގައި ކިތައްފަހަރު މައިމީހާގެ ބަނޑުގައި ކޮޅުފައިން ޖެހިންހެއްޔެވެ؟ އެންމެ ކުޑަމިނުން އެކަން ކުރެވުނުކަން ތިބާއަށް އެނގޭހެއްޔެވެ؟ ނުއެނގުނު ނަމަވެސް ބޮޑުވެ ދަރިން ލިބެން ފެށުމުން އެއީ ބަނޑުގައި އޮންނަ ދަރިފުޅު ކުރާކަމެއްކަން އެނގޭނެއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މައިމީހާގެ ބަނޑުގައި ދަރިފުޅު އޮންނަ ދުވަސްތަކުގައި މައިމިހާ ގެންދަނީ ވަރަށް ބޮޑެތި ވޭންތަކެއް އުފުލަމުންނެވެ. އެހެންކަމާއިއެކުގައިވެސް ދަރިފުޅު ބަނޑުގައި އޮވެގެން ކޮޅުފައިން ތެޅީމާ އެއްވެސް މައަކު ރުޅިއެއް ނުއަންނާނެއެވެ. އެބަޤުތު ނޭވާލާން އުނދަގޫވިނަމަވެސް ކުރާނީ އުފަލެވެ. އެއީ ދަރިފުޅު ދުޅަހެޔޮ ޞިއްޙަތެއްގައި ބަނޑުގައި އޮތްކަން އެނގުމުން ލިބޭ އުފަލެވެ. މައިމީހާއަށް އެއަށްވުރެ ބޮޑު އުފަލެއްވެސް އެދުވަރަކު ނުއޮންނާނެއެވެ.  

ދެން ބުނަން މިއުޅެނީ އެންމެ މުހިންމު ވާހަކައެވެ. ކުރަން މިއުޅެނީ އެންމެ މުހިންމު ސުވާލެވެ. އެ ސުވާލަކީ އަހަރެމެން ބޮޑުވެ ތަޝައްރަފް ފުދި ބާރުވެރިވުމުން، ބަނޑުގައި އޮވެގެން ކޮޅުފައިން ތެޅީމާ ވާތަދުން ނޭވާނުލެވިގެން އުޅެންޖެހޭ ޙާލުގައިވެސް އެކަމަށްޓަކައި އުފާކުރި މަންމައަށް ދެރަ ނިކަމެތިގޮތްތައް ހަދައި ހިތުގައި ޖައްސުވަން ހެޔޮވެދާނެ ހެއްޔެވެ؟ ވިހެއުމަށްފަހު ބަލައި ބޮޑުކުރަން ކުރި މަސައްކަތާއި އެހެން ހުރިހާ ކަންކަން އެއްފަރާތުގައި ބަހައްޓާފައި ހަމައެކަނި މައިމީހާގެ ބަނޑުގައި ކޮޅުފައިތެޅުނުކަމާއި އެކަމަށްވެސް މަންމަ އުފާކުރިކަން ހަނދާންކޮށްލެވޭނަމަވެސް މަންމަ އަބަދު އުފަލުގައި ނުބައިންދަންވީ ކީއްވެގެން ހެއްޔެވެ؟  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މައިންނާއިމެދު ތަންކޮޅެއް ފުންކޮށް ވިސްނައިލާށެވެ. އެމީހުންނަށް އޯގާތެރިވެ ހެޔޮކޮށް ހިތާށެވެ. ތިމާއަށްޓަކައި މައިމީހާވެފައިވާ ޤުރްބާނީގެ އަގު ދުނިޔޭގައި އަދާކުރަން މަސައްކަތްކޮށްފި ކޮންމެ މީހަކަށް އެމީހަކު ކުރި މަސައްކަތުގެ އަގު ޤިޔާމަތް ދުވަހުން ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް