އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު
ތައުބާވުމުގެ ވާހަކަ ދެކެވޭ އިރަށް ގިނަ ބައަކަސް ވިސްނެނނީ އެއީ ކުރަން ވަރަށް އުނދަގޫ އަދި ވަރަށް ބޮޑު ކަމެއް ކަމަށެވެ. ނަމަވެސް ތައުބާވުމަކީ ކޮންމެ މުސްލިމަކަށްވެސް ކުރަން އެންމެ ފަސޭހަ ކަންތަކެވެ.
ތައުބާވާނެ ގޮތް:
ތައުބާއަކީ ތިމާއަށް ކުށެއް ކުރެވިއްޖެނަމަ އެކުށަށް އިޢުތިރާފުވެ، ދެން އެފަދަ ކުށަކަށް އަރައިނުގަތުމަށް ޢަޒުމްކަނޑައަޅައި މާތްﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. މިގޮތުން ތައުބާ ވުމުގައި ތިމާގެ އަމިއްލަ ބަހުން، ކުރެވިފައިވާ ފާފަ ފުއްސެވުމަށް އެދި ދުޢާ ދެންނެވިދާނެއެވެ. ޢަރަބި ބަހުން ދުޢާ ކުރުން ލާޒިމެއް ނޫނެވެ.
ތައުބާ ވުމުގައި ހިމެނޭ ޝަރުތުތައް:
1- ތިމާއަށް ފާފައެއް ކުރެއްވިޖެކަން ޤަބޫލުކޮށް އެކަމަށް ހިތާމަ ކުރުން.
2- ކުރަމުން އައި ފާފައިން ވަގުތުން ދުރުވުން.
3- ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރުމަށް ޢަޒުމްކަނޑައަޅާ އެ ފާފަ ތަކުރާރު ނުކުރުން. (ތެދު ނިޔަތަކުން ތައުބާވެއްޖެނަމަ އެފަދަ ފާފައަކަށް އެމީހަކު ދެވަނަ ފަހަރަށް އަރައެއް ނުގަންނާނެއެވެ.)
4- މީހެއްގެ ޙައްގަކަށް އަރައިގެންފައި ވާނަމަ އެމީހަކަށް އެ ޙައްޤު ރައްދުކޮށްދިނުން. އަދި އޭނަގެ ކިބައިން މާފަށް އެދުން.
އެފަދަ ހައްޤަކީ ތިމާ އެވާހަކަ އޭނާ ގާތު ބުނުމުން އެހައްޤުގެ ވެރި މީހާގެ ދިރި އުޅުމާއި ޢާއިލާރޫޅުންފަދަ އަދި މިނޫންވެސް މިފަދަ އެތައް ފަސާދައެއް އޭނާގެ ޙަޔާތަށް އަންނަ ފަދަ ކަމެއްކަމުގައި ވާނަމަ ސީދާ އެވާހަކައެއް ނުބުނެ، ތިމަންނަގެ ފަރާތުން ހިތްހަމަ ނުޖެހޭކަމެއް ހިނގާފައިވާ ވާނަމަ ތިމަންނައަށް މަޢާފުކުރާށޭ ބުނާނީއެވެ. އެހެނީ ބައެއްކަހަކަލަ ކަންތަކަކީ އެވާހަކަ ބުނުމުގެ ސަބަބުން ޢާއިލާތައް ރޫޅި ދަރިން ބިކަވާ ޒާތުގެ ކަންތަކެވެ. އަދި އެއަށްފަހު ގިނަ ގިނައިން އޭނާ އަށް ފާފަ ފުއްސެވުން އެދި ދުޢާ ކުރާނީއެވެ.
މަތީގައި ލިޔެވިދިޔަ ހަތަރު ޝަރުޠު ހަމަވުމުން ތައުބާ ވެވުނީއެވެ. މީހަކަށް އޭނާ ކުރާ ފާފަތަކުގެތެރެއިން އެއް ފާފާއިން ތައުބާވިޔަސް އެފާފައެއްގެ ތައުބާ ކަމުދާނެއެވެ. ނަމަވެސް ހުރިހާ ފާފައަކުން ތައުބާ ވުމަކީ ވާޖިބެކެވެ. ބޮޑެތި ފާފަތަކުން ވަކިވަކީން ތައުބާ ވާން ޖެހޭނެއެވެ. ނަމަވެސް ކުދިފާފާތަކުން ޢާންމުކޮށް ތައުބާ ވުމުން ފުދޭނެއެވެ.
ރަނގަޅު އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ މާތް ﷲ ހުރިހާ ފާފައެއް ފުއްސަވާނެއެވެ. ތައުބާ ގަބޫލުކުރެއްވިކަން އަންގައިދޭ ޢަލާމާތަކީ ދެވަނަ ފަހަރަށް އެފާފަޔަށް އެނބުރި އަރައި ނުގަތުމެވެ. واللهأعلم
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
18 އޭޕްރީލް 2025