އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު
ބައިވެރިޔާގެ ބޭނުންތައް ފުއްދައިދިނުމަކީ ތިމާއަށް އިޚްތިޔާރެއް ކަމަށާއި ތިމާ ބޭނުންވާ ވަޤުތަކު އެކަން ކުރުމުން ފުދޭނެ ކަމަށް ޤަބޫލުކުރާ މީހާ އެހުންނަނީ އަހުރެމެން ޤަބޫލުކޮށްގެން މިތިބަ އިސްލާމް ދީނަކު ނޫނެވެ. ސަބަބަކީ އަނެކާގެ ބޭނުންތައް ފުއްދައި ނުދިނުމަކީ އެމީހަކަށް މައްސަލައަކަށް ނުވިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެއީ މައްސލައެކެވެ. ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ.
މިވާހަކަ މިދައްކަނީ ވަކި ކަމަކަށް ޚާއްޞަކޮށްގެނެއް ނޫނެވެ. އެއްދާންކުރުންވެސް ހިމެނޭ ގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމަކަށް ނިޞްބަތްކޮށެވެ. އަދި މިވާހަކަ މިދައްކަނީ އަންހެނުންނަށް ނުވަތަ ފިރިހެނުންނަށް ޚާއްޞަކޮށްގެންނެއްވެސް ނޫނެވެ. ދެބައިމީހުންނަށްވެސް ޚާއްޞަކޮށްގެންނެވެ.
ދިރިއުޅުމުގައި ފިރިމީހާ އަދާކުރަންޖެހޭ ދައުރާއި އަނބިމީހާފެ ދައުރު ތަފާތެވެ. ކޮންމެ މީހަކަށްވެސް އޮތީ އެމީހަކު އަދާކުރަންޖެހޭ ދައުރު އަދާކުރުމެވެ. އެމީހަކަށް ސަލާމަތްކަން ލިބެން އޮތީ އެއިރުންނެވެ.
އަދިވެސް ވިސްނާށެވެ! ކައިވެނިކުރަނީ އެމީހަކު ކުރަން ބޭނުންވުމުން ކަންކަންކުރާކަށް ނޫނެވެ. ކައިވެނިކުރަނީ އެކަކު އަނެކެއްގެ ބޭނުންތައް ފުއްދައިދިނުމަށެވެ. ތިމާއަނެކާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށެވެ. ކައިވެނި ދެމެހެއްޓޭނީ އެކަމަށް ވިސްނައިގެން ދިރިއުޅުމުންނެވެ.
މައްސަލައަކަށް މިވަނީ މުސްލިމުންގެ ގޮތުގައި ތިބެވެސް ތިމާ ކުރަން ބޭނުންވާހައި ގޮތަކަށް ހުރިހާ ކަމެއް ކުރަން އުޅޭތީއެވެ. އެއީ އިސްލާމް ދީނުގައި އެކަންކުރަން އޮތްގޮތެއް ނޫނެވެ. ތިމާ ބޭނުންވާ ގޮތަށް ކުރެވޭނީ އަނެކާގެ ޙައްޤެއް އެކަމުގައި ނެތް ކަންކަމެވެ. އަނެކާގެ ޙައްޤެއް އޮތްނަމަ ޖެހޭނީ އެޙައްޤު އަނެކާއަށް ނުގެއްލޭނެ ގޮތަށް ކަންކަން ކުރާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމަކީ އެއީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
9 އޭޕްރީލް 2025