އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު
ބޭބެ ވޮލެޓުގައި ކޮންމެވެސް އަކައެއް ކަހަލަ އެއްޗެއް ނުގެންގުޅޭ އިރެއް ނުދެއެވެ. އެކަން އެނގެނީ ދޭތެރެއަކުން އެފަދަ އެއްޗެއް ފެންނާތީއެވެ. ބޭބެގެ ހެދުންލާ އަލަމާރީގައިވެސް އެބާވަތުގެ އެއްޗެތި ތަތްކޮށްފައި ހުރެއެވެ. މިއީ ކޮންކަހަލަ ކަމެއްތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ
ފުރަތަމަ ކަމަކީ ސިޙުރުވެރިންގެ ގާތަށް އެއްވެސް ކަމަކު ނުދިއުމެވެ. އެމީހުން ކުރަން ބުނާ އެއްވެސް ކަމެއް ނުކުރުމެވެ. އެމީހުންދޭ އެއްވެސް އެއްޗެއް ނުގެންގުޅުމެވެ. މާނައަކީ ވޮލެޓުގައި ގައިގައި އަޅައިގެންވެސް ނުގެންގުޅުމެވެ. އަދި ގޭގައި ނުބަހައްތާށެވެ. ސަބަބުތައް މިކިޔައިދެނީއެވެ.
އެކަމެއް ކުރުމުން ޖިންނި ޝައިޠޯނުންނަށް ދައުވަތު ދެވޭނެ އެއްވެސް ކަމެއް ނުކުރާށެވެ! ޖިންނި ޝައިޠޯނުންނަކީ ނުވާބައެއް ކަމަށާއި ތިމާއަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ނުވަތަ އެއްވެސް ގެއްލުމެއް ނުދެވޭނެކަމަށް ހީނުކުރާށެވެ! އެއީ ދުޅިޔޭގައި އުޅޭ ތަކެއްޗެވެ. މީސްތަކުން އެއާއި ކައިރިވެއްޖެނަމަ ގެއްލުން ދިނުމުގެ ބާރު އެއަށް ﷲ ތަޢާލާވަނީ ދެއްވަވައިފައެވެ. ބައެއް ޖަނަވާރުތަކަށާއި ނިގުލަންދާށިފަދަ ތަކެއްޗަށް ވެސް ދެއްވެވިފަދައިންނެވެ.
ސިހުރުވެރިންގެ ގާތަށް ގޮސް ޖިންނި ނުގެނުވާށެވެ! އެއީ އެތަކެއްޗަށް ތިބާގެ މައްޗަށް ބާރުފޯރުވަން ދެވޭ ދަޢުވަތެކެވެ. ސިޙުރުވެރިން ދޭ ތަކެތި ނުގެންގުޅޭށެވެ! ގޭގައިވެސް ނުބަހައްޓާށެވެ! ގޭގައި ބެހެއްޓުމުން ޖިންނިންނަށް ގޭގައި ވޒަންވެރިވުމުގެ ފުރުޞަތު ލިބިގެންދެއެވެ. ވޮލެޓަށްވެސް ނުލާށެވެ! އަދިގައިގައިވެސް ނާޅާށެވެ!
ބައެއް ބާވަތުގެ އަކައަކީވެސް އެއާއި ޖިންނި އަވަލާފައިވާ ތަކެއްޗެވެ. އެފަދަ ތަކެތި ގެންގުޅޭ މީހުންނާއިއެކުގައި އެއްޗެތި އުޅުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.
ސިހުރުން ސަލާމަތްވާންވީ ޖިންނީގެ އެހީތެރިކަން ހޯދައިގެނެއް ނޫނެވެ. ކީރިތި ޤުރްއާނުގެ އެހީތެރިކަން ހޯދައިގެންނެވެ. ސިހުރާއި އެސްފީނާ އާއި އެނޫންވެސް އެފަދަ ކަންކަމުން އިންސާނުންނަށް ސަލާމަތްކަން ހޯދޭނެ މަގު ކީރިތި ޤުރްއާނުގައި އެބައޮތެވެ! އެމަގުން ކުރިއަށްދާށެވެ!
މިނަޞޭހަތް މިދެނީ އަހަރެންނަކީ މިކަންކަން އަމިއްލައަށް ތަޖުރިބާކޮށްގެން ހުރި މީހަކަށްވާތީއެވެ. އެތަކެއްޗާއި ތަޅާފޮޅަން ޖެހުނު މީހަކަށްވާތީއެވެ. މީހުންނަށް ރުޤްޔާކޮށްދޭން ކުރި މަސައްކަތުގެ ތެރެއިން މިފަދަ އެތައް ކަމެއް ވަނީ ތަޖުރިބާ ކުރެވިފައެވެ!
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން
Advertisement
9 އޭޕްރީލް 2025