އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު
އަހުރެން ކަލޭމެންގެ ކުރިމައްޗަށް އައިސް ހުއްޓި މިހުރި އެއް ބޭނުމަކީ އެއްވެސް މީހަކަށް މާފުނުކުރަން ދެއްކޭނެ ޢުޛުރެއް ނެތަކަމަށް ބުނުމަށެވެ. އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް ޢުޛުރެއް ނެތްއިރު އަހުރެމެންނަށް ދެއްކޭނީ ކޮން ޢުޛުރެއް ހެއްޔެވެ؟
ދެވަނަ ކަމަކަށް ބުނަން ބޭނުންވަނީ އެއްވެސް މީހެއްގެ ހިތަށް އަނިޔާކޮށްފައި ދެއްކޭނެ އެއްވެސް ބަހަނާއެއް، ޢުޛުރެއް ނެތްކަމަށް ބުނުމަށެވެ. އާނއެކެވެ! ކައިވެނިނުކޮށް ލޯބިވެގެން އެކުގައި އުޅުމެއް ނެތެވެ. އެހެންކަމާއިއެކުގައިވެސް ލޯބިވެގެން އުޅެމުންވެސް އަނެކާގެ ހިތަށް އަނިޔާކޮށްފިނަމަ އެހިންގުނީ ބޮޑު ޖަރީމާއެކެވެ. ކައިވެނިކުރުމަށްފަހު ބައިވެރިޔާގެ ހިތަށް އަނިޔާކޮށްފިނަމަ އެހިންގުނީ އެންމެ ބޮޑު ޖަރީމާއެވެ.
އެކަމުގެހުރި ނުބައިކަން ބޮޑުކަން ސިފަކުރައްވަމުން ބައެއް ޢިލްމުވެރިން ސިފަކުރައްވާފައިވަނީ އެއީ ބައިވެރިޔާ މަރައިލުމަށްވެސް ބޮޑު ޖަރީމާއެއް ކަމަށެވެ. އެހެން އެވިދާޅުވާ ސަބަބަކީ މީހެއްގެ ގައަށް ބަޑިޖެހީމާ އޭނާ ވަގުތުން މަރުވެއްޖެނަމަ އެކަން އެހިސާބުން އެމީހަކަށް އެނިމުނީއެވެ. އޭނާގެ ފުރާނަ އުފުއްލެވޭނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ.
އެކަމަކު މީހެއްގެ ހިތަށް އަނިޔާކުރުމަކުން އޭނާ މަރުނުވި ނަމަވެސް އޭނާ ދުނިޔޭގެ ޙަޔާތް ވޭތިކުރާނީ ހިތްދަތިޙާލުގައެވެ. ހިތާމަތަކާއިއެކުގައެވެ. ޚާއްޞަކޮށް އަނބިމީހާ ހިތްދަތިކޮށް ބާކީކޮށް އެއްލައިލުމުން އެލިބޭ ނިކމެތިކަން ފޫނުބެއްދޭކަން އެނގެނީ އެކަނަބަލުންނަށް އުޅެންޖެހޭ ދަތިޙާލާ އެކަނިވެރިކަން ފެންނަމުންދާތީއެވެ! އެފަދަ ނިކަމެތި ޙާލުގައި އުޅެންޖެހުމުން އުޅެމުންދާ އަންހެނުންގެ ޢަދަދު ގުނޭނެ ހެއްޔެވެ؟
މީސްތަކުންނޭވެ! މިއީ ހިތްހެޔޮކުރުމާ ރަޙުމްކުރުމުގެ ދީނެވެ! އަނެކާއަށް އަޅާލައި ލޯބި ދިނުމުގެ ދީނެވެ. އަނެކާއަށް އެހީތެރިވުމުގެ ދީނެވެ. އެއްވެސް މީހަކަށް އަނިޔާވެރިވެ ހިތްދަތި ނުކުރުމުގެ ދީނެވެ! ދީނުގައި ހުންނަން ބޭނުންނަމަ ދީނުގައިވާ ގޮތަށް އުޅެން މަސައްކަތްކުރާށެވެ! އަނިޔާވެރިންގެ ނިތުގަ ﷲ ތަޢާލާ ހިއްޕަވައި ނިކަމެތިކޮށްލައްވަވާނެކަން ދަނެގެން އުޅެން މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
10 އޭޕްރީލް 2025