އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 17 މިނެޓް, 8 ސިކުންތު
ގިނަ ބައަކު ތިމާއަށް ރަނގަޅު ބައިވެރިއަކު ލިބޭނީ ކޮން ގޮތަކުން ކަމާއި ބައިވެރިއަކަށް އިޚްތިޔާރުކުރާ މީހެއްގެ ކިބައިގައި ހުރުން މުހިންމު ސިފަތަކަކީ ކޮބައިކަމާއިމެދު ވިސްނައިލަނީ ކައިވެނިކޮށް ދިރިއުޅުމުގައި މައްސަލަތައް ޖެހެން ފެށުމުންނެވެ. ނޫންނަމަ ކައިވެނި ރޫލުމުންނެވެ.
އެމީހުން ކައިވެނިކުރަނީ ކައިވެނިކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ނުބަލައެވެ. ޖަޒުބާތުގައި ޖެހެވުމުން ކައިވެނިކުރަނީއެވެ. ވީމާ އެހީތެރިވެދިނުމުގެ ގޮތުން މިގެނެސްދެނީ ބައިވެރިޔާގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތަކެވެ.
ކައިވެންޏަށް އިޚްތިޔާރު ކުރެވޭ އަންހެން ކުއްޖާ އަކީ އަންނަނިވި ޞިފަތައް ހުރި ކުއްޖެއްތޯ ބަލާށެވެ.
1. ދީންވެރި ޞާލިޙް ކުއްޖަކު ކަމުގައިވުން. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (تُنكَحُ المرأةُ لأربَعٍ : لِمَالِهَا وَلِحَسَبِهَا وَجَمَالِهَا وَلِدِينِهَا فَاظفَر بِذَاتِ الدِّينِ تَرِبَت يَدَاكَ) މާނަ އަކީ: "ހަތަރުކަމަކަށް އަންހެނުންނާއި ކައިވެނިކުރެވެ އެވެ. އޭނާގެ މުދާވެރިކަމާއި، ހަސަބާއިނަސަބުގެ މަތިވެރިކަމާއި، ރިވެތިކަމާއި، ދީންވެރިކަމަށެވެ. ތިޔަބައިމީހުން ދީންވެރި ކަމަށް އިސްކަންދޭށެވެ".
މިޙަދީޘްގައި ދީންވެރިކަމަށް އިސްކަންދޭށޭ އޮތުމުން އޭގެ މާނަ އަކީ އަންހެން ކުއްޖާގެ ރީތި ކަމާއި މެދު އަޅާ ނުލުމެއް ނޫނެވެ. މިޙަދީޘްގައި އެވަނީ މީސްތަކުން އާއްމު ގޮތެއްގައި ކައިވެނި ކުރުމުގައި ބަލައި އުޅޭ ކަންތައްތަކުގެ ވާހަކަ އެވެ. އެހުރިހާ ކަމަކަށްވުރެ ދީންވެރިކަން މުހިންމު ވާހަކަ އެވެ. ހަމައެކަނި ރީތިވުމަކުން ނުފުދޭނެކަމާއި، ރީތިކަމާއި އެކު ދީންވެރިކަންވެސް ހުންނަންޖެހޭނެ ވާހަކައެވެ.
އަންހެން ކުއްޖާގެ ރީތިކަމަށް ވެސް ކޮންމެވެސް ވަރަކަށް ބަލަންވާނެއެވެ. ރަސޫލް ޞައްލަ ﷲ އަލައިހި ވަސައްލަމް ގެ އަރިހުން އެންމެހެޔޮކަންބޮޑު އަންހެނަކީ ކޮބައިތޯ ސުވާލު ކުރެވުމުން ޙަދީޘް ކުރެއްވިއެވެ.(التِي تَسُرُّهُ إِذَا نَظَرَ إِليهَا ، وَتُطِيعُهُ إِذَا أَمَر ، وَلا تُخَالِفُهُ فِي نَفسِهَا وَلا فِي مَالِهِ بِمَا يَكرَهُ) މާނަ އަކީ: "އެންމެ ހެޔޮ އަންހެނަކީ ފިރިމީހާ އޭނާ އަށް ބަލައިލުމުން އުފާވެރިކަންލިބޭ، ކަމަކަށް އަމުރުވެވިއްޖެނަމަ ކިޔަމަންތެރިވާ، ނަފްސާއި މުދަލުން ފިރިމީހާ ނުރުހޭފަދަ ކަންތަކުން ދުރުހެލިވެގެންތިބޭ އަންހެނުންނެވެ".
އަންހެން ކުއްޖާގެ ރީތިކަމަށް ބެލުމަކީ އިސްލާމްދީން ހުއްދަ ކުރާކަމެއްކަން ދޭހަވާ އަނެއް ދަލީލަކީ ކައިވެނީގެ ކުރިން އަންހެން ކުއްޖާއަށް ބެލުމަށް ކީރިތި ރަސޫލް ޞައްލަ ﷲ އަލައިހި ވަސައްލަމަ އިރްޝާދު ދެއްވާފައިވުމެވެ. ޙަދީޘް ކުރެއްވިއެވެ. (أُنْظُرْ إِلَيْهَا فَإِنَّهُ أَحْرَى أَنْ يُؤْدَمَ بَيْنَكُمَا) މާނަ އަކީ: "ކައިވެނި ކުރަން އުޅޭ އަންހެންކުއްޖާ އަށް ބަލާށެވެ، އެއީ ތިޔަ ދެމީހުންގެ ކައިވެނި ދެމިއޮތުމަށް އެޅޭ ބާރެކެވެ". ކައިވެނީގެ ކުރިން ބެލުން ހުއްދަވެގެންވަނީ ހަމަ އެކަނި އަންހެން ކުއްޖާގެ މޫނަށާއި ދެއަތްތިލަ އަށް އެކަންޏެވެ. އެހެނީ މޫނަށް ބެލުމުން ކުއްޖާގެ ރީތިކަން ރަގަޅަށް ދޭހަވެގެންދާނެއެވެ.
މިކަމުގައި އިތުރަށް ހިތުގައި ބަހައްޓަން ޖެހޭނެ ތަންކޮޅަކީ ކިތަންމެ ރީތި އަންހެން ކުއްޖަކަސް އޭނާގެ ކިބައިގައި ދީންވެރިކަމާއި ރިވެތި އަޚްލާގެއް، އަދި ފިރިމީހާއަށް ކަމޭ ހިތުމުގެ އިޙްސާސް ނެތްކަމަށް ވަނީނަމަ ރީތިކަމުގެ ބޭނުމެއްނެތެވެ. އަނބިރީތީ ހެވީއްޔާއޭ ދިވެހި ހަރުބަހުގައިވެސް ބުނެއުޅެއެވެ.
2. ކައިވެނިކުރެވޭ އަންހެން ކުއްޖާގެ ހުންނަންޖެހޭ އަނެއް ޞިފަ އަކީ ގިނައިން ވިހާ ކަހަލަ ކުއްޖަކަށް ވުމެވެ. މާތް ﷲ ރުއްސުންލެއްވި މަޢުގަލް ބިން ޔަސާރު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ގިނައިން ވިހާކަހަލަ އަންހެނުންނާ ކައިވެނި ކުރާ ހުށިކަމެވެ. ހަމަކަށަވަރުން ތިމަންކަލޭފާނުގެ އުއްމަތުގެ މީސްތަކުން ގިނަވުމުން ފަޚުރުވެރިވަޑައިގަންނަވަމެވެ". އެފަދަ އަންހެނުން ބަލާނެ ގޮތަކީ އެ އަންހެން މީހާގެ ޢާއިލާގެ މީހުނަކީ ގިނައިން ވިހާބައެއްތޯ ބެލުމުންނެވެ.
ދެން އޮތީ ކައިވެންޏަށް އިޚްތިޔާރު ކުރެވޭ ފިރިހެން ކުއްޖާގެ ކިބައިގާ ހުންނަން ޖެހޭ ޞިފަތަކެވެ.
ކައިވެންޏަށް އިޚްތިޔާރު ކުރެވޭ ފިރިހެން ކުއްޖާގެ ކިބައިގާ ހުރުމަށް ބޭނުންވާ ޞިފަތައް ތިރީގައި މިވަނީއެވެ.
1. ދީންވެރިކަން. ކައިވެނި ކުރެވޭ ފިރިހެނާގެ ކިބައިގާ ހުރުން އެންމެ ބޮޑަށް ބޭނުންތެރި ޞިފައަކީ ދީންވެރި ކަމެވެ. އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމްތަކަށް ފުރިހަމަ އަށް ބޯލަނބާ ކިޔަމަންތެރިވާ ފަދަ މީހަކަށް ވުމެވެ. ކައިވެނި ކުރެވޭ ފިރިމީހާ އަކީ ދީންވެރިޔެއްތޯ ބަލާ ޔަގީން ކުރުމަކީ އަންހެން ކުއްޖާގެ ވަލީވެރިޔާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެގޮތުން ފިރިހެން ކުއްޖާ އަކީ ބަރާބަރަށް ނަމާދު ކުރާ ކުއްޖެއްތޯ ބަލަން ޖެހޭނެއެވެ. ސަބަބަކީ ﷲ ގެ ޙައްގުތަކަށް ޙުރުމަތްތެރިކޮށް ނުހިތާ މީހަކު އަޅުތަކުންގެ ޙައްގުތަކާއި މެދުގައިވެސް ފަރުވާލެއް ނުބަހައްޓާނެއެވެ.
ސޫރަތުލް ބަގަރާގެ 221 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ) މާނައަކީ: " ތިޔަބައިމީހުން އެމީހަކާ ރުހި قبولވިޔަސް، ހަމަކަށަވަރުން مؤمنފިރިހެންއަޅަކުވެސް ބުދަށް އަޅުކަންކުރާ ފިރިހެނަކަށްވުރެ މާރަނގަޅެވެ."
ސޫރަތުލް ޙުޖުރާތުގެ 13ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ) މާނައަކީ: " ހަމަކަށަވަރުން، اللَّهގެ حضرةގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوىވެރި މީހާއެވެ."
ސޫރަތުއް ނޫރުގެ 26 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالطَّيِّبَاتُ لِلطَّيِّبِينَ وَالطَّيِّبُونَ لِلطَّيِّبَاتِ) މާނައަކީ: " ރަނގަޅު އަންހެނުން ރަނގަޅު ފިރިހެނުންނަށެވެ. ރަނގަޅު ފިރިހެނުން ރަނގަޅު އަންހެނުންނަށެވެ"
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِذَا أَتَاكُمْ مَنْ تَرْضَوْنَ خُلُقَهُ وَدِينَهُ فَزَوِّجُوهُ إِلَّا تَفْعَلُوا تَكُنْ فِتْنَةٌ فِي الْأَرْضِ وَفَسَادٌ عَرِيضٌ ) މާނައަކީ: "އަޚްލާގު ގޮތުންނާއި ދީނުގެ ގޮތުން ތިޔަބައިމީހުން ރުހޭ މީހަކު ކައިވެންޏަށް އެދިގެން އަތުވެއްޖެނަމަ ކައިވެނި ކޮށްދޭ ހުށި ކަމެވެ. ނޫންނަމަ ބިންމަތީގައި ފިތްނަވެރި ކަމަކާއި ބޮޑުވެގެންވާ ފަސާދަ އެއް އުފެދިދާނެއެވެ".
2. ދީންވެރި ކަމާއި އެކު ރަގަޅު ޢާއިލާ އަކަށް ނިސްބަތްވާ މީހެއްތޯ ބެލުމަކީވެސް މުހިއްމު ކަމެކެވެ. ދީންވެރިކަމުގެ ގޮތުން ރަގަޅު ދެމީހުން ކައިވެނި ކުރުމަށް ހުށަހަޅައިފިނަމަ، އިސްކަންދިނުމުގައި ބަލާނީ ރަގަޅު ޞާލިޙް ޢާއިލާ އަކަށް ނިސްބަތްވާ މީހަކަށެވެ. ސަބަބަކީ ޞާލިޙް ޢާއިލާ އެއްނަމަ އަންހެނުންނަށާއި ލިބޭ ދަރިންނަށް ހެޔޮކޮށް ހިތާލެއް ބޮޑުވާނެއެވެ.
3. މީގެ އިތުރުން ކައިވެނި ކުރެވޭ ފިރިމީހާ އަކީ އަނބިމީހާ ގޮވައިގެން އުޅެވޭ ވަރުގެ ޢާމްދަނީ އެއް ލިބޭ މީހެއްތޯ ބެލުމަކީ އެދެވިގެންވާ ކަމެކެވެ. މީގެ މާނައަކީ ބޮޑު ވިޔަފާރިވެރި އަކަށް ވުމެއް ނޫނެވެ. ނަމަވެސް ދެމީހުންގެ ޟަރޫރީ ޚަރަދުތައް ބެލެހެއްޓޭވަރުގެ މީހަކަށްވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ފާޠިމަތު ބިންތި ގައިސް ވަޑައިގެން ދެންނެވިއެވެ. ތިމަންނާ އާއި ކައިވެނި ކުރުމަށް ތިން ފިރިހެނަކުވަނީ ހުށަހަޅާފައެވެ. އެމީހުންނާއި މެދުގައި ކަލޭގެފާނުގެ ޚިޔާލުފުޅަކީ ކޮބައިތޯއެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ.
(فَأَمَّا مُعَاوِيَةُ فَرَجُلٌ تَرِبٌ لا مَالَ لَهُ ، وَأَمَّا أَبُو جَهْمٍ فَرَجُلٌ ضَرَّابٌ لِلنِّسَاءِ ، لَكَنْ أُسَامَةُ بْنُ زَيْدٍ " ، فَقَالَتْ بَيَدِهَا هَكَذَا : أُسَامَةُ أُسَامَةُ ، فَقَالَ لَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " طَاعَةُ اللَّهِ ، وَطَاعَةُ رَسُولِهِ خَيْرٌ لَكِ)
މާނައަކީ: "މުޢާވިޔާ އަކީ އަތުގައި ފައިސާ އެއް ނެތް ފަގީރެކެވެ. އަބޫޖަހުމް އަކީ އަންހެނުން ގައިގާ ތަޅާ މީހެކެވެ. އެހެންނަމަވެސް އުސާމާ ބިން ޒައިދަކީ ރަގަޅު މީހެކެވެ." އެހިނދު އެކަމަނާ އަތްޕުޅުން އިޝާރާތް ކުރައްވާ އުސާމާ އުސާމާ އޭ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ﷲ އަށް ކިޔަމަންތެރިވުމާއި، ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކިޔަމަންތެރިވުން ކަމަނާ އަށް މާ އައުލާކަން ބޮޑުވެގެން ވެއެވެ."
ކައިވެންޏަށް ހުށަހަޅާފައިވަނީ ދީންވެރި މީހަކާއި ފައިސާވެރި މީހެއް ކަމަށްވަނީނަމަ އިސްކުރަން ޖެހޭނީ ދީންވެރި މީހާ އެވެ.
4. އަންހެނުންނަށް އޯގާތެރި މީހަކު ހޯދުމަކީވެސް މުހިއްމު ކަމެކެވެ. އަބޫޖަހުމް އާއި ބެހޭ ގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ އޭނާ އަކީ އަންހެނުންނަށް އަނިޔާކުރާ މީހެއް ކަމަށެވެ.
5. ނުކުޅެދުންތެރިކަމާއި، ދަރިން ނުލިބޭ ފަދަ މީހަކަށްވުމާއި، އެނޫންވެސް ޢައިބު ތަކުން ސަލާމަތްވެގެންވާ މީހަކު ކަމުގައި ވުމަކީ އެދެވިގެންވާ ކަމެކެވެ.
6. ދީނީ ޢިލްމު ލިބިގެންވަ މީހަކު ނަމަ އެފަދަ މީހަކު އިޚްތިޔާރު ކުރުން ބޮޑަށް އެދެވިގެންވެއެވެ.
7. ކައިވެންޏަށް ހުށަހަޅާ ފިރިހެނާ އަށް ބެލުމަކީ އެދެވިގެންވާ ކަމެކެވެ. އަންހެން ކުއްޖާ ހިތްހަމަ ޖެހޭ ފަދަ މީހަކަށް ވުމަކީ މުހިއްމު ކަމެކެވެ. ނަމަވެސް މިގޮތުން ދެމީހުން ބައްދަލުވާ ހިނދުގައި މަޙްރަމަކު ހުރުން ކޮންމެހެން ލާޒިމްވެގެން ވެއެވެ.
8. ކައިވެންޏަށް ހުށަހަޅާ ފިރިހެނާ އާއި ބެހޭ މަޢްލޫމާތު ހޯދާ ސާފު ކުރުމަކީ ވަލީވެރިޔާގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ.
9. ކައިވެނި ކުރުމުގެ ކުރިން އިސްތިޚާރާ ނަމާދުކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އަދި ޞާލިޙް ރަގަޅު ފިރިޔަކު ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ގިނަގިނައިން ދުޢާ ކުރަންވާނެއެވެ.
ޚުލާޞާ:
ކައިވެންޏަކީ އުފާވެރި ކަމާއި ބާއްޖެވެރިކަން މީހާ އަށް ލިއްބައިދޭ ކަމެކެވެ. ކައިވެނީގެ ޢަގްދަކީ "ވަރުގަދަ ޢަގްދެއް" ގެ ގޮތުގައި ކީރިތި ގުރްއާނުގައި ޞިފަ ކުރައްވާފައިވާ ޢަގްދެކެވެ. ވުމާއިއެކު، އެއް އަންހެން ކުއްޖަކަށް ވުރެ ގިނަ ކުދިން އަޚާގެ ކިބައިން ކައިވެންޏަށް އެދިއްޖެނަމަ، އެހެން ހުރިހާ ޞިފަތަކަށް ވުރެ ބޮޑަށް ދީންވެރި ކަމަށް އިސްކަން ދޭށެވެ.
ކިތަންމެ ރީތި، ފައިސާވެރި، ޙަސަބާއި ނަސަބުން އަރާ ހުރި ކުއްޖެއް ނަމަވެސް އޭނާގެ ކިބައިގާ ދީންވެރި ކަމެއް ނެތިއްޖެނަމަ ހުރިހާ ޞިފަތަކެއް ބޭކާރުވީއެވެ. އޭގެ އިދިކޮޅަށް ކިތަންމެ ފަގީރު، ބަލައިލަން ހުތުރު، ޙަސަބާއި ނަސަބުގެ ގޮތުން ދަށް ކުއްޖެއް ނަމަވެސް ދީންވެރިކަން ހުރެއްޖެނަމަ އެހެން ހުރިހާ ޞިފަ އަކަށް ވުރެ ކުރި އެރީއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
10 އޭޕްރީލް 2025