އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމީރު މުޢާވިޔާތު 26: ޚުލްޤުފުޅުތަކުގެ ތެރެއިން ދީލަތިފުޅުކަން

އަމީރު މުޢާވިޔާތު 26: ޚުލްޤުފުޅުތަކުގެ ތެރެއިން ދީލަތިފުޅުކަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ޚުލުޤުފުޅު

ރަސޫލުންނާއި ނަބިއްޔުންނަށްފަހު އެންމެ މާތް ބަޔަކީ ޞަޙާބީންނެވެ. ޞަޙާބީންނަކީ އަޅުގަނޑުމެން ނަމޫނާއަކަށް ބަލަންޖެހޭ ޝަޚްޞިއްޔަތުތަކެވެ. އެބޭކަލުންގެ ޙަޔާތްޕުޅުތައް ދިރާސާކޮށް އިބްރަތް ހާސިލު ކުރުމަކީ އަޅުގަނޑުމެން ޙަޔާތް ބާއްޖަވެރިވާނެ ކަމެކެވެ. މާތް ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ. [ތިމަންކަލޭގެފާނުގެ ޞަޙާބީންނަކީ ތަރިތަކެއްފަދަ ބައެކެވެ. އެއިން ކޮންމެ ބޭކަލަކަށް ތަބާވި ކަމުގައި ވިޔަސް ތިޔަ ބޭކަލުންނަށް ތެދުމަގު ލިބޭނެއެވެ.] 

އަމީރު މުޢާވުޔަތުގެފާނަކީވެސް ނުހަނު ޚުލުޤުފުޅު ރީތި ބޭކަލެކެވެ. އެކަލޭގެފާނުގެ ސިޔާސަތާއި ޚުލުޤުފުޅުގެ ރީތި އުސްވަތުތަކުން ފައިދާ ލިބިގަތުމަކީ މުސްލިމުންގެ ތެރެއިން އާމުންނާއި ޚާއްޞުންނަށް ބޭނުންތެރިކަމެވެ.

ދީލަތިފުޅުކަން:

އަމީރު މުޢާވިޔަތުގެފާނަކީ ވަރަށް ދީލަތިފުޅު ބޭކަލެކެވެ.  އެކަލޭގެފާނުގެ ދީލަތިފުޅުކަމުގެ މިސާލުތައް އިސްވެދިޔަ ޞަފްޙާތަކުގައި ބަޔާންކުރެވިފައިވާނެއެވެ. މި ބާބުގައިވެސް އޭގެ ތެރެއިން ދެތިން މިސާލެއް ބަޔާން ކުރަން ޤަސްދުކުރަމެވެ. އެއްފަހަރަކު އަމީރު މުޢާވިޔަތުގެފާނު، ޙަސަންގެފާނަށް ހަތަރު ލައްކަ ދިރުހަމު ވެދުމަށް ފޮނުއްވިއެވެ. ޙަސަންގެފާނު ނުހަނު އިޚްލާޞްތެރި ހިތްޕުޅަކާއެކު އެ ފައިސާ ޤަބޫލުފުޅު ކުރެއްވިއެވެ.

އިމާމު ޙާކިމު ރިވާ ކުރައްވައިފައިވެއެވެ. މުޢާވިޔަތުގެފާނު، ޙަސަންގެފާނުގެ މުސާރަފުޅަކީ އަހަރަކު އެއްލައްކަ ދިރުހަމު ކަމުގައި ކަނޑައަޅުއްވައިފައިވެއެވެ. ކަންދިމާކުރި ގޮތަކުން އެއްއަހަރަކު އެ ފައިސާ ލިބުން ލަސްވިއެވެ. އެވާހަކަ ޙަސަންގެފާނު، މުޢާވިޔަތުގެފާނަށް ލިޔުއްވަން ޤަޞްދުކުރެއްވިއެވެ. އެ ސިޓީ ނުލިޔުއްވި އުޅެނިކޮށް، އެއްރެއަކު ޙަސަންގެފާނަށް ހުވަފެންފުޅުގައި މާތް ރަސޫލާ ފެނިވަޑައިގެންނެވިއެވެ. އަދި އެގޮތަށް މަޚްލޫޤުންގެ ކަންތައްތަކުން އެދިވަޑައިނުގެން މާތްﷲ ގެ ޙަޟްރަތުން ކަންތައްތަކަށް އެދިވަޑައިގެންނެވުމަށް ހަނދާންކޮށްދެއްވިއެވެ. އެއަށްފަހު މާތް ރަސޫލާ ޙަސަންގެފާނަށް ދުޢާފުޅެއް އުނގައްނަވައި ދެއްވިއެވެ. އެ ދުޢާފުޅު ކުރެއްވަން ފެއްޓިތާ އެއް ހަފްތާ ފާއިތުވެގެން ދިޔަފަހުން މުޢާވިޔަތުގެފާނު އެކަލޭގެފާނުގެ މުސާރަފުޅު ފޮނުއްވިއެވެ. ދެލައްކަ ދިރުހަމު މުސާރަފުޅުގެ ގޮތުގައި އަދި ހަދިޔާގެ ގޮތުގައި ތޭރަ ލައްކަ ދިރުހަމު ފޮނުއްވިއެވެ.{ޙަކީމުލް އުއްމަތި މުފްތީ އަޙްމަދު ޔާރް ޚާން ނަޢީމީ، އަ ރިފްލެކްޝަން އެޕޯން އަމީރު މުޢާވިޔާ ރަޟިޔަﷲ ޢަންހު، ޞަފްޙާ 77}

އަމީރު މުޢާވިޔަތުގެފާނު އެއްފަހަރަކު ޢާއިޝަތުގެފާނަށް އެއްލައްކަ ދިރުހަމު ފޮނުއްވިއެވެ. އެދުވަހުގެ އިރު އޮއްސުމުގެ ކުރިން އެކަމަނާ އެހުރިހާ ދިރުހަމްތަކެއް ފަޤީރުންނާއި މިސްކީނުންނާއި، މުހުތާދުވެރިންނަށް ބައްސަވައި ހުސްކުރެއްވިއެވެ. އެކަމަނާގެ ޚާދިމާ ދެންނެވިއެވެ. [ކަމަނާ އެތަނުން ދިރުހަމްކޮޅަކަށް ގޭގައި ކައްކަން މަސްކޮޅެއް ބައްލަވައިގެންނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟ ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [ކަނބުލޭގެ ކުރިން ހަނދާން ނުކޮށްދިނީ ކީއްވެހެއްޔެވެ؟ ކުރިން ހަނދާންކޮށްދިން ނަމަ ދިރުހަމުކޮޅެއް ބެހެއްޓީމެވެ.]

އަލްޙާފިޡު އިބްނު ކަޘީރު، ލިޔުއްވައިފައިވެއެވެ. އަބޫހުރައިރަތުގެފާނު އަވަހާރަވިކަމުގެ ޚަބަރު އަލްވަލީދު ބުނު ޢުތުބަތު، އޭރު މުސްލިމުންގެ ޚަލީފާއަކަށް ހުންނެވި މުޢާވިޔަތުގެފާނަށް ލިޔުއްވިއެވެ. މުޢާވިޔަތުގެފާނު އެ ސިޓީފުޅުގެ ޖަވާބުގައި، އަބޫހުރައިރަތުގެފާނުގެ ވާރިޘުންނަށް ހެޔޮފުޅުކޮށް ހިއްތެވުމަށް އެންގެވިއެވެ. އެބައިމީހުންނަށް އޯގާތެރިކޮށް ކަންތައް ކުރުމަށް އެންގެވިއެވެ. އަދި އެބައިމީހުންނަށް ދިހަ ހާސް ދިރުހަމު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް