އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު
ކަންކަން ކުރިމަތިވުމުން ކުރާނ ރަނގަޅު ދުޢާއަކަށް ގިނަ ބައަކު އެދެއެވެ. ވިސްނާލަން އޮތް ކަމަކީ ކޮންމެ ކަމަކަށް އެދިގެން ކުރާނެ ޚާއްޞަ ދުޢާއެއް ނުފެނިދާނެކަމެވެ. ނަމަވެސް ބައެއް ދުޢާތަކަކީ ކޮންމެ ކަމަކަށް އެދިގެންނަމަވެސް އެދުޢާކުރުމުން ޢިޖާބަކުރައްވަވާނެކަން އެގެން އޮތް ދުޢާތަކެވެ.
" لا إله إلا أنت سبحانك إني كنت من الظالمين"،
މާނައަކީ "ޙައްގުވެގެން އަޅުކަންވެވޭފަރާތެއް ﷲ މެނުވީ ނުވެއެވެ. އިބަ ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން މިއަޅާވަނީ އަނިޔާވެރީންގެ ތެރެއިންނެވެ"،
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވެވިއެވެ. "ޛިއްނޫން (ޔޫނުސް ޢަލައިހިއްސަލާމް) މަހުގެ ބަނޑުތެރޭގައި އޮންނަވައިގެން " لا إله إلا أنت سبحانك إني كنت من الظالمين" އޭ ވިދާޅުވެ ދުޢާކުރެއްވިއެވެ. މުސްލިމަކު އެއްވެސް ކަމަކަށް އެދި މިފަދައިން ދުޢާކޮަށްފިނަމަ މާތް ﷲ އެމީހެއްގެ ދުޢާ އިޖާބަ ކޮށްދެއްވާނެއެވެ".
މިޙާދިޘާ އަށް އިޝާރާތް ކުރައްވާ ކީރިތި ގުރްއާނުގެ އަލްއަންބިޔާ ސޫރަތުގެ 87 އަދި 88 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައީ: "އަދި ޛައްނޫނި (ޔޫނުސް ޢަލައިހިއްސަލާމް) އެކަލޭގެފާނުގެ ގައުމުގެ މީހުންދެކެ ކޯފާވެގެން ވަޑައިގަތްހިނދު އަދި އެކަލޭގެފާނުގެ މައްޗަށް ތިމަން ﷲ ގެ ކުޅަދުންވަންތަވެގެން ނުވާ ކަމަށް ހީކުރެއްވިހިނދު ތިމަން ﷲ އިރާދަކުރެއްވި ގޮތަށް ބޮޑުމަހެއްގެ ތެރޭގައި ބަންދުވިއެވެ. ދެންފަހެ، އަނދިރިތަކުގެ ތެރެއިން އެކަލޭގެފާނު ނިދާކުރައްވައި ވިދާޅުވިއެވެ. އިބަ އިލާހު ފިޔަވައި ޙައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އިބަ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުވީ އަނިޔާވެރިންގެ ތެރެއިންނެވެ. ދެންފަހެ ތިމަން ﷲ އެކަލޭގެފާނަށް އިޖާބަދެއްވައި ހިތާމަ އާއި ދެރައިން އެކަލޭގެފާނު ނަޖާކުރެއްވީމެވެ. އަދި އީމާންވި މީހުން ތިމަން ﷲ މިންޖު ކުރައްވަނި އެފަދައިންނެވެ".
މިއާޔަތުގެ ޝަރަޙާގައި އަލްއިމާމް އަލްގުރްޠުބީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. " ދުޢާ އިޖާބަވުމުގެ ޝަރްޠެއްގެ ގޮތުގައި ޔޫނުސް ޢަލައިހިއްސަލާމް ދުޢާ ކުރެއްވިފަދައިން ދުޢާކުރުން މިވަނީ ލައްވާފައެވެ. އެފަދައިން ދުޢާކޮށްފިނަމަ ދުޢާ އިޖާބަކުރައްވާ، ދިމާވެގެން އުޅޭ ދަތި އުނދަގޫ ކަންތަކުން ސަލާމަތް ކުރައްވާނެކަން މިވަނީ އަންގަވާފައެވެ".
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
10 އޭޕްރީލް 2025