އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު
ސުވާލު. ދިރއުޅޭ ރަށުގައި ހުރެ ފަރުޟު ނަމާދު ޤަޞްރުކޮށް ޖަމްޢުކުރެވޭނެ އެއްވެސް ޙާލަތެއް ވޭތޯ؟
ޖަވާބު:. އެ މީހަކު ވަޒަންވެރިވެފައިވާ ރަށުގައި އެ މީހަކު ހުރެގެން، ފުރަތަމަ ކަމަކީ ނަމާދު ޤަޞްރުކުރުން އެއީ ހަމައެކަނި ދަތުރުވެރިންނަށް ހުއްދަވެގެންވާ ކަމެއް. ދަތުރުވެރިން ނޫން އެއްވެސް މީހަކަށް، އެއީ ކިތަންމެ ބަލިއެނދުގައި އޮތް މީހެއް ކަމުގައިވީ ނަމަވެސް، ކިތަންމެ ބޮޑު ބައްޔެއް ވެގެން އުޅޭ މީހެއް ކަމުގައިވީ ނަމަވެސް، ނަމާދެއް ޤަޞްރެއް ނުކުރެވޭނެ ދަތުރުވެރިޔަކަށް ނުވާހައި ހިނދެއްގައި.
ދަތުރުވެރިއަކު ކަމުގައި ވަނީނަމަ، ނަމާދު ޤަޞްރުކުރެވިދާނެ. ދެން އޮތީ ރަށުގައި ވަޒަންވެރިވެގެން ހުންނައިރުގައި ނުވަތަ ރަށުގައި ޤާއިމުވެގެން ހުންނައިރުގައި ވެސް ނަމާދު ޖަމްޢުކުރެވިދާނެ. މާނައަކީ މެންދުރު ނަމާދުގެ ވަގުތުގައި ޢަޞްރު ނަމާދާ ދެ ނަމާދު އެއްކޮށް ކުރެވިދާނެ. އަދި މަޣްރިބު ނަމާދުގެ ވަގުތުގައި މަޣްރިބާ ޢިޝާއާ ދެ ނަމާދު އެއްކޮށް ކުރެވިދާނެ. ނުވަތަ ޢަޞްރު ނަމާދުގެ ވަގުތުގައި މެންދުރާ ޢަޞްރާ ފަސްކޮށް ޖަމްޢުކުރެވިދާނެ ނުވަތަ، ޢިޝާ ނަމާދުގެ ވަގުތުގައި މަޣްރިބާ ޢިޝާއާ ފަސްކޮށް ޖަމްޢުކުރެވިދާނެ. އެހެން ނަމަވެސް އެއީ އާންމުކޮށް ކުރާ ކަމެއްގެ ގޮތުގައި ހަދައިގެން ނުވާނެ.
އެ ގޮތަށް ނަމާދު ޖަމްޢުކުރާނީ ވާރޭވެހުން ފަދަ އެކަހަލަ، ނުވަތަ މުހިންމުކަމެއް އޮތުމުގެ ސަބަބުން އޭނާއަށް ކޮންމެ ނަމާދަކަށް ތައްޔާރުވެގެން ނަމާދުކުރުން އެއީ ބުރައަކަށް ވެދާނެ ފަދަ ޙާލަތެއް އަތުވެއްޖެ ހިނދެއްގައި. މިސާލަކަށް ދަންނަވާ ކަމަށް ވަނީނަމަ، ރާއްޖެއިން ބޭރުގައި އުޅޭއިރު، ނުވަތަ ރާއްޖޭގައި ކަމުގައިވީ ނަމަވެސް، ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ގޮސް ވަރަށް ގިނައިރު އެ ތަނުގައި އުޅެންޖެހިދާނެ. އެހެންވެއްޖެ ކަމަށް ވަނީނަމަ، ކޮންމެ ނަމާދަކަށް، މިސާލަކަށް އޭނާ ނަމާދުކޮށްގެން އަންނަންވާއިރަށް އޭނާގެ ކިއު ނަންބަރު ކަޓާފާނެތީ، ނުވަތަ އެ ނޫން ވެސް ކޮންމެވެސް އުނދަގޫތަކެއް އޭގައި ދިމާވެދާނެ ކަމުގެ ބިރު އޭނާއަށް އޮތް ކަމަށް ވަނީނަމަ، އެފަދަ ޙާލަތެއްގައި މެންދުރާ ޢަޞްރާ ނުވަތަ މަޣްރިބާ ޢިޝާއާ އެއްކޮށް ޖަމްޢުކޮށް ކުރުމަކީ އެއީ މައްސަލައެއް ނޫން. އެހެން ނަމަވެސް ކުރިން ވެސް ދެންނެވި ފަދައިން މި ގޮތަށް ޖަމްޢުކުރުން އެއީ އާދަވެގެން ކޮންމެ ދުވަހަކު ނުވަތަ އެ މީހެއްގެ އާދައަކަށް ހަދައިގެނެއް ނުވާނެ.
މުހިންމު ކަމެއް ޖެހިއްޖެ ޙާލަތެއްގައި ދެ ނަމާދު އެއްކޮށް ކުރެވިދާނެ. އެއީ މައްސަލައެއް ނޫން. އެހެން ނަމަވެސް ނަމާދު ޤަޞްރެއް ނުކުރެވޭ. ޤަޞްރު ކުރެވޭނީ ދަތުރުވެރިއެއް ކަމުގައި ވަނީނަމަ. ދަތުރުވެރިއެއް ކަމުގައި ވަނީނަމަ، ހަތަރު ރަކުޢަތް ނަމާދު ދެ ރަކުޢަތަށް ކުރުކުރުން. ނުވަތަ ޤަޞްރުކުރުން އެއީ އެ މީހަކަށް ހުއްދަވެގެންވާ ކަމެއް. ވަﷲ އަޢުލަމް.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
10 އޭޕްރީލް 2025