އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 29 ސިކުންތު
ބައެއް މީހުން ކައިވެނިކޮށްގެން ތިބެ އެމީހުންގެ ބައިވެރިޔާގެ ނުރަނގަޅު ވާހަކަތައް ދައްކައިގެން އެހެން މީހުންގެ ލޯބި ހޯދަން މަސައްކަތްކުރެއެވެ. އަނެއް ބައަކު ތިމާގެ ކުށުން ކައިވެނި ރޫޅުމުން އެކަން ބަދަލުކޮށްލައި ބައިވެރިޔާއަކީ ކުށްވެރިއެއްކަމަށްބުނެ ދޮގުތައް ހަދައިގެންވެސް އެހެން މީހުންގެ ލޯބި ހޯދަން މަސައްކަތްކުރެއެވެ.
ޙަޤީޤަތުގައި އެގޮތަށް ވާހަކަދައްކަނީ އެމީހާގެ ކިބައިގައި އަނެކާއަށް ވިއްކާނެ އެއްވެސް ރަނގަޅު ސިފައެއް ނެތުމުންނެވެ. އެކަން ކުރާނީ އެންމެ ދަށުދަރަޖައިގެ މީހުންނެވެ. ސަބަބުތައް މިކިޔައިދެނީއެވެ. .
އެހެން މީހެއްގެ ލޯބި ހޯދަން ތިމާގެ ބައިވެރިޔާގެ ނުބައި ވާހަކަ ދެއްކޭނަމަ އެކަން އެކުރެވެނީ ތިމާގެ ހިތަށް ޖެހިފައިވާ ވަރަށް ނުބައި ބައްޔެއްގެ ސަބަބުންނެވެ. އެބަލީގެ ޝިކާރައަކަށްވާ މީހުންގެ ޙަޔާތް ދާދި އަވަހަށް ބަރުބާދުވެގެންދާނެއެވެ. އެހެނީ ހެދޭ ދޮގުތައް އިސާހިތަކު އަރައި ތިމާއާއި ހަމަކުރާނެއެވެ!
ފުރތަމަ ކަމަކަށް ބަލާއިރު ބައިވެރިޔާ ޢާއިމެދު ތެދުވާހަކަވެސް ދައްކަންޖެހޭނީ ވަރަށް ބޮޑަށް ވިސްނައިގެންނެވެ. ތަޢްރީފްކުރުމުގެ ގޮތުން އެކަންޏެވެ. އަދި ތަޢްރީފްކުރުމުގެ ގޮތުންވެސް ދައްކަންޖެހޭނީ ޙަސަދަނުލާނެކަން ޔަޤީންކުރެވޭ މީހުންގެ ގާތުގައެވެ.
ދެމަފިރިންގެ މެދުގައި ހުންނަ ކަންކަން އެއީ ޙަޔާތުގެ ސިއްރެވެ. ކޮންމެ ކޮންމެ މީހަކަށް ކިޔައިދޭކަށް ނުޖެހޭނެއެވެ. ކިޔައިދީގެންވެސް ނުވާނެއެވެ. އެއީ ކުރެވޭ ބޮޑުފާފައެކެވެ.
ދެމަފިރިން ވެސް ވާންޖެހޭނީ އެކަކު އަނެކަކަށް ފޭރާމަކަށްކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. "---އެކަނބަލުންނީ ތިއަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިއަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ.—" (އަލްބަޤަރާ: 187)
ފޭރާން ޢިލްމްވެރިން ވަރަށް ފުޅައުދާއިރާއެއްގައި މާނަކުރައްވައެވެ. އެއިގެ ތެރެއިން އެއް މާނައަކީ ޒީނަތްތެރިކޮށްދޭ ކަމެވެ. ވީމާ ވާންޖެހޭނީ ބައިވެރިޔާގެ ކަންކަން ﷲ ތަޢާލާ ހުއްދަކުރެއްވެވި އިންތަކުގެ ތެރެއިން ޒީނަތްތެރިކޮށްދޭ މީހަކަށެވެ. ދެވަނަ މާނައަކީ ފިނިހޫނުންނާއި ނުރައްކަލުން ރައްކަތެރިކޮށްދޭ އެއްޗެކެވެ. ވާންޖެހޭނީ އަނެކާއަށް ރައްކައުތެރިކަން ފޯރުކޮށްދޭ މީހަކަށެވެ. ދެމަފިރިންވެސް ވާންޖެހޭނީ އަނެކާގެ އަޢިބުތައް ފޮރުވައިޑޭ މީހަކަށެވެ.
ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުމަކީ މިފަދަ ބަދަހިގުޅުމެކެވެ. ވީމާ ދެމަފިރިންގެ ގުޅުމުގެ ކޮންމެ ކަމަކީވެސް ދެމަފިރިންގެ މެދުގައި ވަރަށް ބޮޑު ސިއްރަކަށް ހަދަންޖެހޭނެއެވެ. އުފާވެރިކަމުގައި ދިރިއުޅުނު ނަމަވެސް އަދި މައްސަލަޖެހިގެން އުޅޭއިރުވެސްމެއެވެ. ދެމަފިރިން ދުރުވާންޖެހިގެން ދުރުވެއްޖެނަމަ ވަކިން ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ.
ބައިވެރިޔާގެ ވާހަކަތައް ދައްކާނަމަ، ޚާއްޞަކޮށް ބައިވެރިޔާ އާއިމެދު ދޮގުހެދޭނަމަ އެއީ ވަރަށް ފިނޑި އަމަލެކެވެ. އަދި ކީއްހެއްޔެވެ؟ އެމީހަކު އެވަނީ މުޅިން ފޭލްވެފައެވެ. ބަނގުރޫޓުވެފައެވެ. ދިރިއުޅުމުގެ ހަނގުރާމައިގައި މުޅިން ބަލިވެފައެވެ. ހުރިހާ ހަތިޔާރުތަކެއް ހުސްވެ ހުސްއަތަށްވެފައެވެ.
މިވާހަކަކޮޅު ނިޞްބަތްމިކުރީ ވަކިމީހަކަށް ނޫނެވެ. ދެމަފިރިންނަށެވެ. ދެމަފިރންކުރެ ކޮންމެ މީހަކުވެސް ސަމާލުކަން ދިނުމަށެވެ. އެހެން މީހުންގެ ހަމްދަރުދީ ހޯދަންޖެހޭނީ އަދި ލޯބި ހޯދަންވެސް ޖެހޭނީ ބައިވެރިޔާ ނުވަތަ އިނދެވަރިކުރިމީހާ ނުވަތަ ވަރިވިމީހާ ނުވަތަ ވަރިކުރިމީހާ ޤުރްބާންކޮށްގެނެއް ނޫނެވެ. އޭނާ ދިރިހުއްޓައި އޭނާގެ މުޅަ މަސް ކައިގެނެއް ނޫނެވެ. ތިމާގެ ކިބައިގައިވާ ރަނގަޅު ސިފަތައް ދައްކައިދީގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
11 އޭޕްރީލް 2025