އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު
ކިތަންމެ ރަނގަޅު މީހަކަށްވެސް ކުށެއް ކުރެވިދާނެއެވެ. ބޭވަފާތެރިވުމުގެ ޢަމަލެއްވެސް ކުރެވިދާނެއެވެ. އެފަދަ ކަމެއް މެދުވެރިވާއިރަށް ކައިވެނި ރޫޅާލަން ބުނަނީއެއް ނޫނެވެ. ނަމަވެސް އެކަން ތަކުރާރުވިޔަ ނުދޭން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެއެވެ.
މިޘާލަކަށް ފުރަތަމަ ފަހަރު މާފުކުރާށެވެ! ދެވަނަ ފަހަރު މާފުކުރުމަކީ ހެދޭ ގޯހެކެވެ. އެއިރުން އެކަންވެގެންދާނީ އެކަން ކުރަން ހުއްދަދިނުމަށެވެ. ހުއްދަ ލިބުނީކަމަށް ބަލައި އެމީހަކު ގެންދާނީ އެކަން ތަކުރާރުކުރަމުންނެވެ.
އެއިގެ ބަދަލުގައި ކުރެވުނު ކުށް ޤަބޫލުކޮށް އެފަދަ ކަމެއް ތަކުރާރުނުކުރަން އެއްބަސްވެ އެކަމަށް މަސައްކަތްކުރާނަމަ އޮތީ ދީލަތި މާފަކުން މާފުކޮށް އިތުރަށް އެކަމުގެ ވާހަކަވެސް ނުދެއްކުމެވެ. އެއރުން ކުރިއަށްވުރެ ލޯބިން ދިރިއުޅުމަށްވެސް ފުރުޞަތު ލިބިގެންދެއެވެ. މިކަން މިގޮތަށް ގިނަ ބައަކު ތަޖުރިބާކުރެއެވެ.
ކޮންމެ މީހެއްގެވެސް ޙަޔާތުގެ ކޮންމެ ދުވަހަކީވެސް މުހިންމު ދުވަހެކެވެ. ވީމާ ޙަޔާތުގެ ކޮންމެ ދުވަހަކާއިމެދުގައިވެސް ވަރަށް ފުންކޮށް ވިސްނަންޖެހޭނެއެވެ. އެންމެ ދުވަހެއްވެސް ބޭކާރު ގޮތުގައި ފާއިތުވިޔަނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ.
ވީމާ ބޭވަފާތެރިވާން ފުރުޞަތުދީގެން ކެތްތެރިވެގެން ހުރުމެއް ނެތެވެ. ސަބަބަކީ އެއީ އެއްވެސް މީހަކަށް ހިތުގެ އަޑިން ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ކެތްތެރިކަން ކޮޅުންލާނެއެވެ. ވީމާ ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ސަމާލުކަންދޭށެވެ. އެހެން ކަމަކަށް ކެތްތެރިވެވުނަސް ބޭވަފާތެރިވުމަށް ކެތްކުރެވޭނެ މީހަކު ހަމަ ވަރަށް މަދުވާނެކަން ވިސްނައިގެން ދިރިއުޅެން މަސައްކަތްކުރާށެވެ!
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން
Advertisement
12 އޭޕްރީލް 2025