އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 39 ސިކުންތު
ޒަވީދާއަކީ ތަނަވަސް ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ދަރިފުޅަށް 25 އަހަރުވުމުން ދަރިފުޅަށް ރަނގަޅު ބައިވެރިއަކު ހޯދައިދޭން ބައްޕަ ދިއައީ ވިސްނަމުންނެވެ. ވިސްނަމުންގޮސް ބައްޕައަށް ނިންމުނީ ބައްޕަގެ އެންމެ ގާތް އެކުވެރިޔާގެ ފިރިހެން ދަރިފުޅާއި ކައިވެނިކުރުވާށެވެ!
އެވާހަކަ ޒަވީދާގެ ގާތުގައި ބުނުމުން ފުރަތަމަވެސް ބުނީ އޭނާ އެގެއަށް ގެނެސް ވަކިކޮޓަރިއެއްގައި ބަހައްޓައިގެން ދުވަސްކޮޅަކު ގެންގުޅެ އޭނާގެ ކަންކަން ހުންނަ ގޮތް ބަލަން ބޭނުން ކަމަށެވެ. ކައިވެނިކުރަން އެއްބަސްވެވޭނީ އޭނާގެ އުޅުން ހުންނަ ގޮތް އެނގުމުން ކަމަށެވެ. ޒަވިދާ އެގޮތަށް ބުނީ ބައްޕަގެ ނިންމުމަކަށް ނޫނެކެވެ ނުބުނަންވެގެންނެވެ. އަދި ކައިވެނިކުރުމުގެ ކުރިން އޭނާގެ އަޚްލާޤް ދަސްކުރުމަށެވެ.
ޒަވީދާ އެގޮތަށް ބުނުމުން ދެ ބައްޕައިން ވާހަކަ ދައްކާފައި ސަމީޙް އެގެއަށް ގެނެސް ކޮޓަރިއެއްގައި ބެހެއްޓިއެވެ.
އެހިސާބުން ސަމީހަށްހީކުރެވުނީ މިއޮތީ ކައިވެނިކުރެވިފައި ކަމަށެވެ. އެހެންވެ ޓަކިވެސް ޖަހާނުލައި ޒަވީދާގެ ކޮޓަރިއަށް ވަންނަން ފެށިއެވެ. ޒަވީދާގެ ކަންކަމަށް ބެހި އަމުރުކުރަން ފެށިއެވެ. ހަރުކަށި ބަހުރުވައިން ވާހަކަދައްކަން ފެށިއެވެ. އެކަންކަމަށް ޒަވީދާ އަޅައެއް ނުލައެވެ. އަރާ ހިސާބެއް ބަލަން މަޑުކޮށްލައިގެން ހުރީއެވެ.
ގޭގައި ގެންގުޅެނީ އެންމެ އަންހެން ނޯކަރެކެވެ. އެއީ ވަރަށް ފަޤީރު ކުއްޖެކެވެ. އެހެންވެ ޒަވީދާ އޭނާއަށް ވަރަށް ހެޔޮކޮށް ހިތައެވެ. ހަދިޔާދެއެވެ. ވާހަކަދައްކައި އުޅެނީވެސް ވަރަށް އިޙްތިރާމްކޮށްގެންނެވެ. ނަމަވެސް ސަމީހް ކަންކަން ކުރަނީ އެއިގެ ދިމާ އިދިކޮޅަށެވެ. ކުރަނީ ހަރުކަށި އަމުރުތަކެވެ. ބުނަނީ ނުބައި ބަސްތަކެވެ.
އެކަމާއި ދެރަވެ އެއްދުވަހު އޭނާ ރޯން އިންދައި ޒަވީދާގޮސް އޭނާގެ ގައިގައި ފިރުމައި ހިތްވަރުދޭން ފެށުމުން އެއަންހެން މީހާއަށް ބުނެވުނެވެ. "ތިއަ ފިރިހެނަކީ ޒަވިދާއާއި އެކުގައި އުޅެވޭނެ މީހަކު ނޫނެވެ. މިޒާޖު މާނުބައެވެ. ތިއަ މީހާގެ ކިބައިން ޒަވީދާ ސަލާމަތްކޮށްދެއްވެވުން އެދި މިގެންދަނީ ދުޢާކުރަމުންނެވެ."
އެއިގެ ފަހުން 3 ވަނައަށްވީ ދުވަހު ހަވީރު ދެބައްޕައިން އެކުގައި ގެއަށް އައިއިރު ސަމީހް ނޯކަރަށް އެއްޗެތި ގޮވަނީއެވެ. ހަޑިހުތުރު ބަހުރުވައިންނެވެ. ބުނަމުން ދިއައީ އިންސާނުން އިންސާނުންނަށް ބުނާ ފަދަ ބަސްތަކެއް ނޫނެވެ. އޭނާގެ ފަޤީރުކަމަށާއި ނިކަމެތިކަމަށްވެސް ދިއައީ ފުރައްސާރަކުރަމުންނެވެ.
އެއަޑުތައް އިވުމުން ޒަވީދާގެ ބައްޕައަށް ބުނެވުނެވެ. "ތިއައީ އަހުރެންވެސް އަހުރެންގެ ދަރިފުޅުވެސް ދުވަހަކުވެސް ކަންކަންކުރި ގޮތެއް ނޫނެވެ. ތިއަ މިޒާޖުގެ މީހަކާއި އަހުރެންގެ ދަރިފުޅުގެ ކައިވެނި ކުރެވިއްޖެނަމަ ދަރިފުޅަށް ކުރިމަތިވާނެ ކަންކަމަށް ވަރަށް ބޮޑަށް ބިރުގެންފިއެވެ. ވީމާ މިހިސާބުން މިކަން ނިމުނީއެވެ. މިގެއއަކު ސަމީހަކަށް އެއްވެސް ޖާގައެއް ނެތެވެ. ޒަވީދާ ބޭނުން މީހަކު އިޚްތިޔާރުކޮށް ކައިވެނިކުރުމުގެ ފުރުޞަތު ދީފީމެވެ. ސަމީހް އަވަހަށް ބައްޕައާއިއެކު އެނބުރި ގެއަށްދާށެވެ."
ސަމީޙްގެ ދެބަފައިންނަށް ޖެހުނީ އަޑުއަހައި ކިޔަމަންވާށެވެ. ބުނެވޭނެ އެއްޗެއް ނެތުމުންނެވެ. ހެދޭނެ ދޮގެއް ނުވަތަ ދެއްކޭނެ ބަހަނާއެއް ނެތުމުންނެވެ.
މިއީ އަޅުގަނޑު ބެލި ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. މިއަދުނޫހުގެ ކިޔުންތެރިން ވިސްނާށެވެ! ތިމާއަށް ބޮޑު ނިޢުމަތެއް ލިބެން އޮއްވައި ގެއްލިގެންދިއަ ގޮތާއިމެދުގައެވެ. ނިކަމެތިންގެ ދުޢާ ޢިޖާބަކުރައްވަވާ ގޮތާއިމެދުގައެވެ. ނިޢުމަތެއް ލިބުމުން ސައިޒް އޮޅި މަތިފަޑިއަށް އަރައިފައިބަން ނުއެނގޭ މީހުންނަށް ކުރިމަތިވާ ކަންކަމާއިމެދުގައެވެ.
- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
14 އޭޕްރީލް 2025