އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވަނީ އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެގޮތަށް އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ފާސްކޮށްފައެވެ. މި ނިންމުމަކީ ޔަހޫދީން ފަލަސްޠީނަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓާލަންދެން ދެމިއޮންނާނެ ފިޔަވަޅެކެވެ.
މިއަދު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި މި އިޞްލާހު ފާސްކުރުމުގެ ކުރިން ބައެއް ބަދަލުތައް ގެނެވުނެވެ. އޭގެ ތެރޭގައި އިސްރާޢީލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭނެގޮތަށް ގެނެވުނު އިޞްލާހު ހިމެނެއެވެ. ނަމަވެސް، ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް އިސްތިސްނާ ދެވިފައިވެއެވެ.
މި ފިޔަވަޅަކީ ސަރުކާރުން މިދިޔަ އަހަރުގެ ޖޫން މަހު ނިންމި ނިންމުމެއްގެ ނަތީޖާއެކެވެ. ސަރުކާރުން ވަނީ ޔަހޫދީ ދައުލަތުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އެތައް ފިޔަވަޅުތަކެއް އަޅަމުން ގެންގޮސްފައެވެ. މީގެ ތެރޭގައި ވަޒީރުންގެ މަޖިލީހުން ޚާއްޞަ ކޮމިޓީއެއް އެކުލަވާލުންވެސް ހިމެނެއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމްވެސް ވަނީ މި މައްސަލައާ ގުޅޭގޮތުން އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާހެއް ހުށަހަޅުއްވާފައެވެ.
މި ނިންމުމަކީ ދިވެހިރާއްޖެއިން ފަލަސްޠީނުގެ މައްސަލައަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ފިޔަވަޅެކެވެ. އަދި މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް ބެލެވެއެވެ.
Advertisement
14 އޭޕްރީލް 2025