އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ހަފީ ބޮސްދެކެ އިންތިހާއަށް ލޯބިވުން": ބޮސްގެ ލޯބި ހޯދައިގެން ތަނަވަސް، އުފާވެރި ދިރިއުޅުމެއް ލިބެން ބޭނުންވާ އަންހެނުންނަށް އަގުހުރި ފިލާވަޅެއް!

"ހަފީ ބޮސްދެކެ އިންތިހާއަށް ލޯބިވުން": ބޮސްގެ ލޯބި ހޯދައިގެން ތަނަވަސް، އުފާވެރި ދިރިއުޅުމެއް ލިބެން ބޭނުންވާ އަންހެނުންނަށް އަގުހުރި ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 55 ސިކުންތު

ބޮސްގެ ޕީއޭއަކީވެސް ޕާސަނަލް މެނޭޖަރަކީވެސް ހަފީއެވެ. ހަފީ ބޮސް ދެކެ އިންތިހާއަށް ލޯބިވެއެވެ. ހަމަ ޙަޤީޤީ ލޯތްބެވެ. ނަމަވެސް އެވާހަކަ ބޮސްގާތު ބުނުމުގެ ހިތްވަރެއް ހަފީއަކަށް ނުލިބުނެވެ. 

އެއީ ބޮސްގެ ޢަމަލުތައް ހުންނަ ގޮތުންނެވެ. ބޮސްއަކީ ވަރަށް ސީރިޔަސް ބޮސްއަކަށްވާތީއެވެ. މުވައްޒިފުންނާއި ސަމާސަކޮށް ބޭކާރުވާހަކަ ދައްކައި ނުހަދާތީއެވެ. އެެހންވެ ބޮސްގެ އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމެއް ހަފީއަކަށް ނުއެނގެއެވެ. ހަމައެކަނި އެނގޭ ކަމަކީ އަދި ކައިވެނި ނުކުރާ ކަމެވެ. 

ހަފީ ވަރަށް ވިސްނާފައި ވަގު އައިޑިއެއް ހަދައި ބޮސް އާއި ޗެޓްކުރަން ފެށިއެވެ. ބޮސްވެސް ހަފީއަށް ރުހުނެވެ. އެކަމަކު ލޯބިވާ ކަމަކަށް ނުބުނެއެވެ. ބައްދަލުކުރާކަށް ނުއެދެއެވެ. ހަމައެކަނި ވާހަކަ ދައްކަނީއެވެ. 

އަހަރެއްހައި ދުވަސް ފާއިތުވެގެން ދިއުމުން ހަފީއަކަށް ކެތެއް ނުކުރެވުނެވެ. ލަދު ކަނޑާލާފައި ބޮސް ގާތު ހުރިހާ ވާހަކައެއް ކިޔައިދިނުމުން ބޮސް ދިން ޖަވާބުން ހަފީ ދިއައީ ސިއްސައިގެންނެވެ. 

"ހަފީ! ތަންކޮޅެއް ލަސްވީއެވެ. ސީމާ އަކީ ހަފީކަމެއް ނުއެނގެއެވެ. އަހުރެން މިހާރު ލޯބިވެރިއަކު އިޚްތިޔާރުކޮށްފީމެވެ. ކައިވެނިކުރަންވެސް ހމަޖެހިއްޖެއެވެ. ތާރީޚްވެސް ކަނޑައެޅިއްޖެއެވެ. ދެން ބަދަލުކުރަން ވަރަށް އުނދަގޫވާނެއެވެ. އަހުރެންނަކީ އެއްވެސް ކަމެއްގައި މަކަރުހަދައި އޮޅުވައިލާ މީހެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީވެސް ހަފީއެވެ." 

ހަފީއަށް ރޮވުނެވެ. ކަރުނަ ފުހެލަމުން ބުންޏެވެ. "ކުށްވެރިއަކީ އަހުރެން ކަމަށް ޤަބޫލުކުރަމެވެ. އެހެންކަމުން ދެން އޮތް އެންމެ ރަނގަޅު ގޮތަކީ ވަޒީފާއިން އިސްތިޢުފާ ދިނުން ކަމަށް ޤަބޫލުކޮށްފީމެވެ. އެއީ އެންމެ ލޯބިވާ މީހާގެ ކުރިމަތީގައި އުޅުމަކީ އަހުރެންނަށް ކެތްކުރެވޭނެ ވަރުގެ ކަމަކަށް ނުވާތީއެވެ." 

އަނެއްދުވަހު ހެނދުނު ހަފީ ބޮސްގެ ކެބިނަށް ދިއައީ އިސްތިޢުފާ ސިޓީ ހިފައިގެންނެވެ. ސިޓީ ކިޔައިލުމަށްފަހު ބޮސް ބުނީ އަދި މަޑުކޮށްލައި ދިނުމަށެވެ. ކުއްލިއަކަށް ހަފީ ދިއުމުން ވަރަށް އުނދަގޫވާނެ ކަމަށެވެ. ހަފީ ފަދަ ތެދުވެރި ހީވާގި އެހެން މީހަކު ކުއްލިއަކަށް ނުލިބޭނެ ކަމަށެވެ. އެހެންކަމުން އެކަން ފޫބައްދަން ވަޤުތުކޮޅެއް ދިނުމަށެވެ. 

ހަފީ ދިނީ މަސް ދުވަހެވެ. ހަފީ ބުނީ އެދުވަހުން ފެށިގެން މަސްދުވަސްވުމުން އޮފީހަށް ނުނުކުންނާނެ ކަމަށެވެ. އެއީ ރުޅިން ނޫން ކަމަށާއި ހިތަށް ކެތް ނުކުރެވޭނެތީ ކަމަށެވެ. 

ހަފީ އޭނާގެ ހިތުގެ ޙާލުގެ އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. މަސައްކަތްކުރަމުން ގެންދިއައީ ހަމަ ކުރިއެކޭ އެއްގޮތަށެވެ. 

އެއީ އެއިގެ ފަހުން 23 ވަނަ ދުވަހެވެ. މަސައްކަތުގެ ތެރެއިން ބޮސްގެ ކެބިނަށް ވަދެ ފައިލެއް ބޮސް އާއި ޙަވާލުކުރުމުން ބޮސް ބެލީ ފައިލަކަށް ނޫނެވެ. ހަފީގެ މޫނަށެވެ. "ހަފީއެވެ. އަހުރެންގެ ނިންމުން ބަދަލުކޮށްފީމެވެ. ބަދަލުކުރަންޖެހުނީ ކައިވެނިކުރަން އުޅުނު ކުއްޖާ އޭނާގެ ވިސްނުން ބަދަލުކުރީމައެވެ. ވީމާ މިކަމުގައި އަހުރެންގެ ކުށެއް ނެތެވެ. މިހާރު އޮތް ސުވާލަކީ ހަފީ ތިއަހުރީ ކައިވެނިކުރަން ތައްޔާރަށް ހެއްޔެވެ؟ އެހެންކަމަށްވާނަމަ އަންނަ މަހުގެ 7 ވަނަ ދުވަހު ކައިވެނިކުރަންވީއެވެ. އެއީ އޭނާއާއި އަހުރެން ކައިވެނިކުރަން ނިންމާފައި އޮތް ދުވަހެވެ." 

ހަފީ އުފަލުން ފޮޅުނެވެ. ބޮސް ބުނި ގޮތަށް އެދުވަހު ކައިވެނިވެސް ކުރެވުނެވެ. ހަނީމޫން ނިންމާފައި އޮފީހުގެ މަސައްކަތަށް ނުކުމެ ބޮސްބުނި ވާހަކަ އެނގޭހެއްޔެވެ؟ "ހަފީއެވެ. އޭނާ އަހުރެންނާއި ދުރުވީ އަމިއްލައަށް ނަމަވެސް ދުރުވާނެ ސަބަބުތައް އަހުރެން ކުރިމަތިކުރުވީއެވެ. އެއީ ހަފީ އާއި ނުލައި މިމަސައްކަތުގައި ކުރިއަށްދާން އުނދަގޫވާނެތީއެވެ. ހަފީފަދަ ތެދުވެރި ހީވާގި މުވައްޒިފުން މިހާރު މަދުވީމައެވެ. ވީމާ އަހުރެމެންނަކީ ދެމަފިރިންނަމަވެސް މަސައްކަތުގައި ހަމަ ކުރިއާއި އެއްގޮތަށް ސަމާލުކަން ބަހައްޓާށެވެ." 

ފިރިމީހާ އެބުނީ ކީކޭކަން ހަފީއަށް ވިސްނުނެވެ. މަސައްކަތަށް ކުރިއަށްވުރެވެސް ބޮޑަށް ސަމާލުކަން ދިނެވެ. ނަތީޖާއެނގޭ ހެއްޔެވެ؟ ކައިވެންޏަށް 5 އަހަރުވީއިރު ދެމަފިރިންގެ ޙިއްޞާ އެއްވަރު އިތުރު ކުންފެންޏެއް އުފެދި ލިބޭ އާމްދަނީ ދެގުނަ އިތުރުވުމެވެ. 

މިކިޔައިދިނީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. ލޯބީގެ ކުޅިގަނޑު ހިތުގައި ކުޅެމުން ތިމާގެ އަގު ހިފަހައްޓައިގެން ޒިންމާދާރުކަމާއިއެކު ވަޒީފާ އަދާކުރުމުގެ ނަތިޖާއެވެ. ވަޒީފާއަދާކުރާ އަންހެނުން މިހައި ގިނައިރު މިވާހަކައިން ގިނަ ބައަކަށް ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ. 

- ސަމިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ-

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް