އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު
އެއީ ވަރަށް ކުޑައިރު ޤުރްޢާން ހިތުދަސްކޮށްގެން ހުރި ޙާފިޡާއެކެވެ. ބޮޑުވެ މަތީ ތަޢްލީމް ޙާޞިލްކުރަން ދެވުނީ މިކިޔާ ތަރައްޤިވެފައިވާ ޤައުމަކަށެވެ. އެޤައުމުގެ ހުރިހާ ގެއެއްގައިހެން ކުއްތާ ގެންގުޅެއެވެ. ގެންގުޅެނީވެސް ވަރަށް ލޯބިންނެވެ.
އެގޭގައި އުޅެންފެށުމުން އޭނާއަށްވެސް ކުއްތާދެކެ ލޯބިވެވެން ފެށުނެވެ. އެހެންވެ ނިދާއިރު ކޮޓަރިއަށް ވައްދައި އެނދުގައި ނިންދަވައިވެސް ހަދައެވެ.
އެއީ ރަމަޟާން މަހެއްގެ 27 ވިލޭރެއެކެވެ. އޭނާ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެވެ. އަދި މުޞްޙަފް ނަގައިގެން ކިޔަވަން ފެށިއެވެ. ކިޔަވަން އޮއްވައި ނިދުނީއެވެ. މުޞްޙަފް އޮތީ މޭމަތީގައެވެ. އެނދުގެ އަނެއް ފަރާތުގައި އޭނާ ލޯބިވާ ކުއްތާއެވެ.
ނިދީން ހޭލެވުނީ ކުއްތާ އަޑުގަދަކުރާ އަޑަށެވެ. ހޭލެވުމާއިއެކު ކުއްތާ އޭނާއަށް ޙަމަލާދީ ލޭ އޮހޮރުވަން ފަށައިފިއެވެ. ސަލާމަތްވެވޭނެ ގޮތެއް ހޯދަން ކުރި މަސައްކަތުގެ ތެރެއިން ފާޚާނާއަށް ވަދެވުމުން އެތެރެއިން ތަންޑުއަޅުވައިގެން އިނީއެވެ.
ގޭގެ މީހުންނަށް އެކަން އެނގިގެން ހޮސްޕިޓަލަށް ގެންދިއައީ އަނެއްދުވަހުއެވެ. ދިން ފަރުވާއިން ގަދަވިއެވެ. ނަމަވެސް ލިބުނު ޒަޚަމްތަކުގެ ލަކުނުތަކާއިއެކުގައެވެ. އެކަން ޢުމުރަށް ހަނދާންހުންނާނެ ގޮތަށެވެ.
އެއިރު އޭނާ ދިއައީ ވިސްނަމުންނެވެ. "އެހައި ލޯބިން ގެންގުޅުނު ކުއްތާ އަހުރެންދެކެ ކުއްލިއަކަށް އެހައި ގަދައަށް ރުޅިއައީ ކީއްވެގެން ހެއްޔެވެ؟ އަހުރެންނަށް ޙަމަލާދީ ގައިގައި ދަތްއެޅީ ކީއްވެގެން ހެއްޔެވެ؟އިތުރަށްވެސް ދަތްއަޅަން ބޭނުންވީ ކީއްވެގެންހެއްޔެވެ؟"
ޖަވާބުވެސް އޭނާއަށް ވިސްނުނެވެ. "ޤުރްޢާން ހިތުދަސްކުރެވިފައި ހުރުމުން ހުރިހާ ކަމެއް ފުދުނީކަމަށް ޤަބޫލުކުރެވުނީއެވެ. މުސްލިމުންނަށް ކުއްތާގެ ގައިގައި އަތްލުން ޙަރާމްކުރައްވަވާފައިވަނިކޮށް އެކަމަށް އަޅައިނުލެވުނީއެވެ. އަދި މުޞްޙަފާއި ކުއްތާ އާއިއެކުގައި ނިދުނީއެވެ."
މިކަންކަން ވިސްނުމުން އޭނާ ތައުބާވެ އެންމެ ހެޔޮލަފާ އަންހެނެއްގެ ގޮތުގައި ދިރިއުޅެން ފެށިއެވެ. ޤުރްއާން ކިޔެވުމުގެ އިތުރުން އެހެން މީހުންނަށް އުނގަންނައިދޭންވެސް ފެށިއެވެ. އެގޮތަށް އުޅެންފެށުމުން އޭނާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުނެވެ.
އޭނާއަށް އެރޭ ކުއްތާގެ ކިބައިން ސަލާމަތްވެވި ދުނިޔޭގައި ހުންނަން ފުރުޞަތު އެލިބުނީ އޭނާގެ ހިތުގައިވާ ޤުރްއާނުގެ ސަބަބުންކަމަށްވުމަކީ ވުންގާތް ކަމެކެވެ. އަދި އެއީ އޭނާއަށް އުޅެވެމުން އައި ނުބައި ގޮތުން ސަލާމަތްވުމަށް ދެއްވެވި ފުރުޞަތަކަށްވުމަކީވެސް ގާތް ކަމެކެވެ.
- ފެނިފައިވާ ވީޑިއޯއެއްގެ ކުރު ޚުލާޞާއެއް
Advertisement
17 އޭޕްރީލް 2025