އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު
ރާއްޖޭގެ ސިއްޙީ ނިޒާމުގައި ހުޅުމާލެ ހޮސްޕިޓަލަކީ މުހިންމު ހިއްސާދާރެއް ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް ވިދާޅުވެއްޖެއެވެ. މި ވާހަކަ ވަޒީރު ވިދާޅުވީ އިއްޔެ ރޭ ބޭއްވުނު ހުޅުމާލެ ހޮސްޕިޓަލްގެ 21 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލަށް 21 އަހަރު ވީއިރު، އެ ހޮސްޕިޓަލުން ވަނީ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދީ، ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ. އަދި ޚާއްޞަކޮށް ހުޅުމާލެ އުފެދި ތަރައްޤީވަމުން އައުމުގައި ހުޅުމާލެ ހޮސްޕިޓަލުން މުހިންމު ދައުރެއް އަދާކޮށް، ތަފާތު ޚިދުމަތްތަކެއް ކޮށްދީފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާނުވެ އިތުރަށް ތަރައްޤީނުވެ މާލެ ސަރަހައްދުގެ ސިއްޙީ ޚިދުމަތައް އެންމެ ބޭނުންވާ ހައްލެއް ނުލިބޭނެ. ވީމާ، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އިބްރާހީމްގެ އެޑްމިނިސްޓްރޭޝަންގެ ޞިއްޙީ ސިޔާސަތުގައި މި ހޮސްޕިޓަލްގެ ޚިދުމަތްތައް މިހާރުވެސް ދަނީ ވަރަށް ގިނަ ގޮތްގޮތުން ފުޅާވަމުން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމު ފުޅާވެގެން އަންނައިރު ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީވެގެން ނޫނީ މާލެ ސަރަހައްދުގައި ދޭ ޞިއްޙީ ޚިދުމަތްތަކަށް އެންމެ ބޭނުންވާ ކުރިއެރުމާއި ހައްލުތައް ނުލިބޭނެ ކަމަށެވެ. މިގޮތުން، ހުޅުމާލޭގެ އާބާދީއަށް އެންމެ އެކަށީގެންވާ މިންވަރަށް ޚިދުމަތް ފޯރުކޮށްދެވޭ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ސަރުކާރުން މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޞިއްޙީ ވަޒީރުޒީރުގެ މި ބަސްފުޅުތަކުން ދޭހަވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ތަރައްޤީއަށް ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަމާއި، ކުރިއަށް އޮތް ތަނުގައި މި ހޮސްޕިޓަލުން ލިބޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމެވެ.
Advertisement
19 އޭޕްރީލް 2025