އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގިނަ ޢަދަދެއްގެ ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތުތައް ހުޅުވާލާފައިވަނީ އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށެވެ.
އެމްޓީސީސީން ބުނެފައިވަނީ ހީވާގި އަދި މަަސައްކަތަށް ޝައުގުވެރިކަން ހުރި ދިވެހި މުވައްޒަފުން ބޭނުންވާ ކަމަށެވެ. މި ގޮތުން، ކުންފުނިން ވަނީ ތިން މަޤާމަކަށް ޖުމްލަ 60 މުވައްޒަފުން ހޯދުމަށް އިޢުލާނުކޮށްފައެވެ.
އެމްޓީސީސީން ހުޅުވާލާފައިވާ މަޤާމުތަކަކީ:
1. ޓެކްނިކަލް އެސިސްޓެންޓް - 20 މުވައްޒަފުން
2. ކާޕެންޓަރު (ވަޑާންކުރުމުގެ މަސައްކަތް) - 20 މުވައްޒަފުން
3. މޭސަން (ރޭނުމުގެ މަސައްކަތް) - 20 މުވައްޒަފުން
ޓެކްނިކަލް އެސިސްޓެންޓްގެ މަޤާމަށް ކުރިމަތިލެވޭނީ އަސާސީ ތަޢުލީމު ހާސިލުކޮށްފައިވާ ކޮންމެ ދިވެއްސަކަށެވެ. އެހެންނަމަވެސް، ކާޕެންޓަރު އަދި މޭސަންގެ މަޤާމުތަކަށް ކުރިމަތިލެވޭނީ އެ ދާއިރާއިން މަދުވެގެން ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
މުސާރައިގެ ގޮތުގައި ޓެކްނިކަލް އެސިސްޓެންޓްގެ މަޤާމަށް 10,000 ރުފިޔާ، ކާޕެންޓަރު އަދި މޭސަންގެ މަޤާމުތަކަށް 11,400 ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، އިތުރުގަޑީގެ ފައިސާ، ސްޓާފް މެޑިކަލް އިންޝުއަރެންސް އަދި ޕެންޝަން ސްކީމުގެ ފައިދާ ލިބޭނެއެވެ. އަދި ކެއުމާއި ހުރުމުގެ އިންތިޒާމުވެސް ކުންފުނީގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މި ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ. މި ފުރުސަތު ހުޅުވާލުމާއެކު، އެމްޓީސީސީން ވަނީ ދިވެހި ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުސަތުތަކެއް ފަހިކޮށްދީފައެވެ.
Advertisement
20 އޭޕްރީލް 2025