އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު
ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އޮފީހުގައި ޗައިލްޑް-ކެއާ ސްޕޭސްއެއް ހުޅުވައިފިއެވެ. އޮފީސްތަކުގައި ނުވަތަ މަސައްކަތްކުރާ ތަންތަނުގައި ކުޑަކުދިން ބަލަހައްޓާ 'ޗައިލްޑް ކެއާ ސްޕޭސް' އެއް ހުރުމަކީ މަސައްކަތްކުރާ މައިންބަފައިންނަށް، ވަކިން ޚާއްސަކޮށް އަންހެން މުވައްޒަފުންނަށް އެހީތެރިވެ، އެމީހުންގެ މަސައްކަތު މާޙައުލާއި ޢާއިލީ ދިރިއުޅުމުގެ ވަޒަން ހަމަޖެއްސުމުގައި އަދި ޖުމްލަކޮށް އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.
މިކަމުގެ ސަބަބުން މުވައްޒަފުންނަށް އެމީހުންގެ ދަރިން އެމީހުންގެ ކައިރީގައި، ރައްކާތެރި އަތްތަކެއްގެ ބެލުމުގެ ދަށުގައި ތިބިކަން އެނގި، އެމީހުންގެ ވިސްނުން މަސައްކަތަށް އަމާޒު ހިފެހެއްޓުމަށް ފަސޭހަވެ، ނަތީޖާއެއްގެ ގޮތުން މުވައްޒަފުންގެ އުފެއްދުންތެރިކަން ދެމެހެއްޓުމަށް އެތައް ގޮތަކުން މަގުފަހިވެގެންދެއެވެ.
މިއީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވުމާއެކު، އެމީހުންގެ އުފެއްދުންތެރިކަން ތަރައްޤީވުމުގެ އިތުރުން، މިއީ ޤަވާއިދުން މަސައްކަތަށް ނިކުތުމަށް ބާރުއަޅާ، މަސައްކަތުގެ މާޙައުލާއި މެދު ޝައުގުވެރިކަމާއި ގާތްކަން އުފައްދައިދޭ ކަމެކެވެ.
މިފަދަ ޖާގަތައް ޤާއިމްކޮށް އޮފީސް މާހައުލުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމުތައް ފަހިވެގެން ދިއުމަކީ، ވަޒީފާ އަދާކުރުމުގެ ހިތްހަމަޖެހުން އެތައް ގުނައަކަށް އިތުރުވެ ވަޒީފާދޭ ފަރާތްތަކަށް ވެސް އެންމެ ރަނގަޅު މުވައްޒަފުން ހޯދުމާއި ދެމެހެއްޓުމަށް ބޭނުންކުރެވޭ ވަރުގަދަ ވަސީލަތެކެވެ. މި ކަންކަމުގެ ސަބަބުން ޢާއިލާއަށް ރައްޓެހި މާޙައުލެއް އޮފީހުގައި އާލާވެގެންދެއެވެ.
ހަމައެއާއެކު ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން މިންތީގެ ހަމަހަމަކަމަށް ކުރާ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރުމަށާއި، އިދާރީ ފެންވަރެއްގައި ޖެންޑަރ މެއިންސްޓްރީމްކުރުމަށް ކުރާ މަސައްކަތް އެއްހަމަކުރުމަށް 'ހަމަހަމަކަން ކަށަވަރު' ނިޝާންގެ ބްރޮންޒް ލެވެލް ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ތަޢާރަފްކުރެވިފައިވާއިރު، މިއީ 'ހަމަހަމަކަން ކަށަވަރު' ނިޝާންގެ ބްރޮންޒް ލެވެލްގެ ޕޮއިންޓު ދިނުމުގެ މެޓްރިކްސްގައި ވެސް ހިމެނޭ މުހިންމު ބައެކެވެ.
އެހެންކަމުން ދައުލަތުގެ އިދާރާތަކުގައްއާއި އަމިއްލަ ކުންފުނިތަކުގައި މިފަދަ ޖާގަތަކެއް ތަރައްޤީ ކުރުމަކީ، އަންހެނުން ބާރުވެރިކުރުމާއި، މަސައްކަތުގެ މާޙައުލުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދީ މުޖުތަމަޢުގައި އެފަރާތްތަކުގެ އަގު ވަޒަންކުރުމާއެކު، ޖެންޑާ މެއިންސްޓްރީމް ކުރުމަށް އިދާރީ ފެންވަރުގައި އެޅިގެންދާނެ މުހިންމު ފިޔަވަޅެވެ.
ހަބަރު: ސަރުކާރު
Advertisement
20 އޭޕްރީލް 2025