އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު
2027 ވަނަ އަހަރުގެ ނިޔަލަށް އަސްލު ޑޮލަރު ރޭޓުގައި ޑޮލަރު ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ދިވެހި ޒުވާނުންގެ އާބާދީއަށް ޚާއްޞަ ކުރައްވައިގެން، މީސް މީޑިއާގައި މިއަދު އާންމުކުރެއްވި ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން"ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިހާރުވެސް ޤަވާއިދުން ބޭންކުތަކަށް ޑޮލަރު މާރުކުރަމުން އަންނަ ކަމަށާއި، ޑޮލަރު މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ލިބެމުންދާ ކަމަށެވެ.
"މިހާރު މިއަޅާ ފިޔަވަޅުތައް އަޅުގަނޑުމެން އިޢުލާންކޮށްފައިވާ ގޮތަށް ތަންފީޒުވެއްޖެނަމަ، އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތް ޑޮލަރު މައްސަލަ ހައްލުވާނެކަން. އެއްކޮށް ރަނގަޅުވާނެ އެކަމަކު ބައިވަރު ފިޔަވަޅުތަކެއް އެބަހުރި. މިހާރު އަޅުގަނޑުމެން މިބަލަނީ 2027 ވަނަ އަހަރުގެ ނިޔަލަށް އަސްލު ޑޮލަރު ރޭޓުގައި ޑޮލަރު ލިބޭނެ ކަމަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ކަމުން ދޭހަވަނީ ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމާއި، އެ ފިޔަވަޅުތަކުގެ ނަތީޖާ ފެންނާނެ ކަމަށް ރައީސް މުޢިއްޒު އުންމީދުކުރައްވާ ކަމެވެ.
Advertisement
22 އޭޕްރީލް 2025