އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއްފަހަރާ 2000 އަށްވުރެ ގިނަ ޕްރޮޖެކްޓް މިއަހަރު ފެށިގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން، 2025 ވަނަ އަހަރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި އެންމެ ގިނަ ޕްރޮޖެކްޓް އެއްފަހަރާ ހިންގާނެ އަހަރުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. "އެއްފަހަރާ 2000 އަށްވުރެ ގިނަ ޕްރޮޖެކްޓް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަހަރު ފެށިގެންދާނެކަން މިއަދުވެސް އަޅުގަނޑުމެންނަށް އެނގިގެންދިޔައީ" ވަޒީރު ވިދާޅުވިއެވެ.
އަދި ޤައުމު ދަރަނިވެރިކުރުމަށްފަހު ވެރިކަން ނިންމުމުންވެސް މިހާރުގެ ސަރުކާރަށް މުހިއްމު ގިނަ ކަންތައްތަކެއް ނުކުރެވޭނެކަމަށް އެމްޑީޕީން ބުނަމުންދިޔަ ނަމަވެސް، މުވައްޒަފުންގެ މުސާރައާއި ރައްޔިތުންގެ ތަރައްޤީއަށް ކުރަންޖެހޭ އެކިއެކި ކަންކަން ސަރުކާރުން ކުރަމުން މިދަނީ އެއްވެސް ރުފިޔާ ފޮއްޗެއް ޗާޕުނުކޮށްކަން ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވެދާނެކަމަށާއި މާލީ ބޮޑު ލޮޅުންތަކެއް އަންނާނެކަމަށް އެކި ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، އެފަދަ ހާލަތަކަށް ނުގޮސް ސަލާމަތުގެ އައްސޭރިއަކަށް ރާއްޖެއަށް އާދެވިފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި މާލީ އަދި އިޤްތިޞާދީ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ.
Advertisement
22 އޭޕްރީލް 2025