އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު
މީސްތަކުން ކުރާ ފާފަތަކަށް ވަޤުތުން ޖަޒާ ނުދެއްވަވަތެވެ. އެކަންކަން ކުރުމުގައި ކުރިއަށް ދިއުމުގެ ފުރުޞަތުވެސް ދެއްވަވަތެވެ. އެހެންވެ ކައިވެނީގެ ކުރިން ޙަރާމް ކަންކަން ކުރާ ދެމީހަކަށް ކައިވެނިވެސް ކުރެވިދާނެއެވެ. ނަމަވެސް އެއިގެ މާނައަކީ ދެމީހުންނަށް އުފާވެރި ދިރިއުޅުމެއް ލިބޭނެ ކަމުގެ ގަރަންޓީ ލިބުމެއް ނޫނެވެ.
ވިސްނާށެވެ! ކިތަންމެ ސިއްރުން ކުރިރިނަމަވެސް ކުރާ ހުރިހާ ކަމެއް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެކަލާނގެ ޙަރާމް ކުރެއްވެވި ކަންކަން ކުރާނަމަ ކޯފާވެވޮޑިގަންނަވާނެވަރު ހިތަށް ގެންނާށެވެ!
އެކުވެރިންނޭވެ! ބިރުގަންނަންވީ ކުރެވޭ ފާފަތައް މީސްތަކުންނަށް ބޭޒާރުވެދާނެތީއެއް ނޫނެވެ. ބިރުވެތިވާންވީ އެކަންކަން ﷲ ތަޢަލާ ދެނެވޮޑިގެންވާތީއެވެ. އެޢަމަލުތައް ތިމާގެ ފަތުގައި ލިޔުއްވަވާތީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެތީއެވެ.
ވިސްނައިލާށެވެ! މިއުޅެނީ ކައިވެނިކުރާށެވެ! ކައިވެނިކުރެވުނަސް އުފާވެރިކަން ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެކަމަކު ކުރެވެނީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަން ކަމުގައިވާނަމަ ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެކަމަށް އުންމީދުކުރެވޭނީވެސް ކިހިނަކުން ހެއއްޔެވެ؟
ފާފަކުރެވޭނަމަ އެހުރެވެނީ ޝައިޠޯނާގެ ފަޅީގައެވެ. ޝައިޠޯނާގެ ފަޅީގައި ހުރެ އޭތި ބުނާހާ ކަމެއް ކުރަމުން ﷲ ތަޢާލާގެ ޙަޟްރަތުން ތިމާއަށް ރަނގަޅުގޮތް މިންވަރުކޮށް ދެއްވެވުމަށް އެދުމަކީ ކޮން ގޮތަކުން ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟
މިއީ އައު ވާހަކަތަކެއް ނޫނެވެ. އަބަދުވެސް ދައްކާވާހަކަތަކެވެ. އަބަދު ދައްކަން މިޖެހެނީ އަަބދުދައްކާއިރުވެސް ޤަބޫލުނުކޮށް އުޅޭނެ ގޮތަކަށް އުޅެފައި ކުރާނެހައި ކަމެއް ކޮށްފައި ކައިވެނިކޮށް ދިރިއުޅުމަކީ ޠޫފާނަކަށްވުމުން ކަރުނައަޅަންޖެހޭ މީހުން ގިނަވާތީއެވެ. އެކަމުން ސަލާމަތްވެވޭނެ ގޮތަކީ ﷲ ތަޢާލާގެ ފަޅީގައި ޘާބިތުވެ ހުރެ ކައިވެނިކުރުމުންނެވެ. އެއިރުން އެމީހަކަށް ދެރަވާންޖެހޭ ޙާލަތެއް ކުރިމަތިވިޔަސް ﷲ ތަޢާލާ އެމީހަކަށް އުފާވެރިކަން ލިބޭނެ މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
23 އޭޕްރީލް 2025