އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު
20 އަހަރު ދުވަހަށް ޤައުމީ ތަރައްޤީގެ ޕްލޭނެއް އޮތުމަކީ ހަމަ ޔަގީނުންވެސް ޤައުމަށް މަންފާލިބޭނެ ކަމެކެވެ.
މިފަދަ ޕްލޭނެއް މުޙިއްމުވާ ސަބަބުތަކުގެ ތެރޭގައި ޤައުމިއްޔަތުގެ އެންމެހައި ބަހާތައް ހިމެނޭހެން ޤައުމިއްޔަތު ދިރުވައި، އާލާކުރުމުގެ ފުރުޞަތު ލިބިގެންދިއުމާއި، ތަރައްޤީގެ ރޮނގުން އިސްކަންދޭ ދާއިރާތަކަށް ޤައުމުގެ މަދުވަސީލަތްތައް ހަމަހަމަ އުސޫލަކުން އެންމެ އެކަށޭނެ ގޮތަކަށް އެކަށައަޅައި ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުން އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ދުނިޔޭގެ އިޤްތިސާދަށާއި އެހެނިހެން ބަދަލުވަމުންދާ މަސްރަހުތަކުން ދިވެހިރާއްޖެއަށް ކުރިމަތިވާނެކަމަށް ލަފާކުރެވޭ ގޮންޖެހުންތަކަށް ދުރާލާ ތައްޔާރުވުން ހިމެނެއެވެ.
މީގެ އިތުރުން، ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމަށް މަގުދައްކާނެ އަދި އެންމެހާ ރައްޔިތުން އެއްބަސްކިޔާ އެއްބައިވަންތަ ކުރާނެ ދިގުމުއްދަތުގެ ތަސައްވުރެއް އެކުލަވާއިލުމާއި، ދިވެހިންނާއި ބޭރުގެ އިންވެސްޓަރުންނަށް އިތުބާރާއި ޔަޤީންކަން އޮންނާނެ ފަދަ ވިޔާފާރީގެ ފަހި މާހައުލެއް ޤާއިމުކުރެވިގެންދިއުމާއި، މިހާރާއި އަންނާން އޮތް ޖީލުތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ދުޅަހެޔޮކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ފަހިކޮށްދިނުމަށްޓަކައި، އިޤްތިޞާދީ ރޮނގުން ތަރައްޤީ ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އިޖްތިމާޢީ ހަމަހަމަކަމާއި، ތިމާވެށި ހިމާޔަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުން ހިމެނެއެވެ.
ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭނެއް ތައްޔާރުކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިސާދަށް އެދެވޭ އަސަރުތަކެއް ކުރާނެ ކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ.
އެގޮތުން، ޑިޖިޓަލް އިޤްތިޞާދު ފަދަ ދުނިޔޭގައި ކުރިއަރަމުންދާ އާ ސިނާޢަތްތައް ރާއްޖޭގައި ތައާރަފުކޮށް ކުރިއަރުވައި އަދި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ސިނާޢަތްތަކަށް އިޤްތިޞާދު ސިންދަފާތުކުރުމާއި، އިޤްތިޞާދީ ސިނާއަތްތައް ކުރިއަރުވައި އަދި އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ޤާއިމުކުރުމަށްޓަކައި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ވިއުގައެއް ޤާއިމުކޮށް، މުވާސަލާތީ ޚިދުމަތް ތަރައްޤީކޮށް، ކަރަންޓާއި އެހެނިހެން ޔުޓިލިޓީ ޙިދުމަތްތައް ހެޔޮއަގުގައި ފަސޭހައިން ފޯރުކޮށްދެވޭނެ އިންފްރާސްޓްރަކްޗަރތައް ތަރައްޤީކުރެވޭނެއެވެ.
އަދި އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ޤައުމުގެ އިންސާނީ ވަސީލަތަކީ ހުނަރުވެރި، ދުޅަހެޔޮ އަދި ހަރުދަނާ އުފެއްދުންތެރި ބަޔަކަށް ވާންޖެހޭއިރު، މިކަމަށްޓަކައި ތައުލީމާއި، ސިއްހީ ދާއިރާއިން ކުރެވޭ ހޭދަ އިތުރުކޮށް، ހަރުދަނާކޮށް އަދި ތަރައްޤީކުރުމަށް ޙާއްޞަ އިސްކަމެއް ދޭންޖެހެއެވެ.
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
Advertisement
26 އޭޕްރީލް 2025