އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޭބަރ އޮތޯރިޓީން 2،400 އަށްވުރެ ގިނަ ބިދޭސީންގެ މައްސަލަ ބަލަމުންދާކަމަށް ހާމަކޮށްފި

ލޭބަރ އޮތޯރިޓީން 2،400 އަށްވުރެ ގިނަ ބިދޭސީންގެ މައްސަލަ ބަލަމުންދާކަމަށް ހާމަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން ބިދޭސީންނާ ގުޅުންހުރި 2،400 އަށްވުރެ ގިނަ މައްސަލަ މިވަގުތު ބަލަމުންދާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ އެލްއާރްއޭގެ ޑިރެކްޓަރ ޖެނެރަލް މިޒްހަތު ނައީމް، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިޒްހަތު ނައީމް ވިދާޅުވި ގޮތުގައި، މި މައްސަލަތައް ބެލުމުގެ މަސައްކަތް ކުރިއަށްދަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. އަދި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި އެލްއާރްއޭ އިން އެއްބާރުލުން ދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑުމެން ގާތްގަނޑަކަށް 2،457 މައްސަލައެއް ބަލަމުން މިގެންދަނީ. އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި މި މައްސަލަތައް ނިންމައި، ބިދޭސީންގެ ކަންތައްތައް ހަމަމަގަށް އެޅުވުމަށް މިނިސްޓްރީއަށް އެހީތެރިވުން،" މިޒްހަތު ނައީމް ވިދާޅުވިއެވެ.

އެލްއާރްއޭ އިން މައިގަނޑު ގޮތެއްގައި ބަލަމުންދަނީ ބިދޭސީން ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށް އެ އޮތޯރިޓީން ހާމަކުރިއެވެ. މި މައްސަލަތައް ބަލާއިރު، ބިދޭސީން ފިލައިގެން ދިއުމަށް މެދުވެރިވި ސަބަބުތައް ދެނެގަނެ، އެ ފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން، ސަރުކާރުން "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއް ފަށާފައިވާ ކަމަށް ދާޚިލީ ވުޒާރާއިން ކުރިން ހާމަކޮށްފައިވެއެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ދާޚިލީ ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ބިދޭސީންގެ ބަޔޯމެޓްރިކްސް މަޢުލޫމާތު އަދާހަމަކުރުމަށް މި މަހުގެ ނިޔަލަށް މުއްދަތު ދީފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މަޢުލޫމާތު އަދާހަމަ ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

                   

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު