އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު
ކުއްޖާ ދުނިޔެ އަށް އުފަންވާ އިރު ފުރާނަ ހުރިނަމަ އެކުއްޖާ ހިނަވާ ކަފުންކޮށް، ކަށުނަމާދު ކުރަން ޖެހޭނެ ކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ.
އިބްނު ގުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ކުއްޖާ ދުނިޔެއަށް އުފަންވެ ނޭވާލާފައިވާ ކަމަށްވަނީނަމަ ކަށުނަމާދު ކުރަން ޖެހޭނެ ކަމާއި މެދު ހުރިހާ ޢިލްމުވެރިން އިޖްމާޢުވެއެވެ. ނަމަވެސް، ނޭވާ ނުލާނަމަ (ވިހޭއިރުވެސް މަރުވެފައިވާނަމަ) ކަންތައް ކުރާނެ ގޮތަކާއި މެދު ޚިލާފުތަކެއް އެބަ ހުއްޓެވެ.
އިމާމް އަޙްމަދު ރަޙިމަހުﷲ- ދެކިލައްވާ ގޮތުގައި: ބަނޑަށް ހަތަރުމަސް ފުރުމަށްފަހު އުފަންވެއްޖެނަމަ ނުވަތަ އެބޯޓްވެއްޖެނަމަ ކުއްޖާ ހިނަވާ ކަފުންކޮށް ކަށުނަމާދު ކުރަން ޖެހޭނެއެވެ. މިއީ ސަޢީދު ބިން އަލްމުސައްޔިބު، އިބްނު ސީރީން، އިސްޙާގްގެ ވެސް ރައުޔެވެ. ދަލީލަކީ: "އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ އަންހެން ދަރިކަނބަލަކު މަރުވެފައިވާ ކުއްޖަކު ވިހެއުމުން އެކުއްޖާގެ މައްޗަށް ކަށުނަމާދު ކުރެއްވިއެވެ." (އަލްމުޣްނީ 2/328.)
އިމާމް އަޙްމަދުގެ ދަރިކަލުން ބައްޕާފުޅުގެ ފަރާތްޕުޅުން ކުރައްވާފައިވާ ރިވާޔަތްތައް ހިމެނިގެން އެކުލަވާލެވިފައިވާ ފޮތެއް ކަމުގައިވާ "ކިތާބު މަސާއިލިލް އިމާމި އަޙްމަދި އައްލަތީ ރަވާހާ އިބްނުހޫ ޢަބްދުﷲ" 2/482 ގެ މައްސަލަ ނަމްބަރ 673 ގައި ވެއެވެ.
ވިހޭ އިރު ފުރާނަހުރިކަން ޔަގީންނުވާ ކުއްޖާ އަށް ކަށުނަމާދު ކުރުމާއި މެދު މުޣްނީގެ ޞާޙިބް (އިމާމް އަޙްމަދު) ސަބަބެއް ކަމުގައި ވިދާޅުވެފައިވެއެވެ. (އޭނާގެ މައްޗަށް ކަށުނަމާދު ކުރުމަކީ ކުއްޖާ އަށާއި މައިންބަފައިންނަށް ކޮށްދެވޭ ހެޔޮ ދުޢާ އެކެވެ. އެހެންކަމުން މީރާޘް އާއި ޚިލާފަށް ކުއްޖާގެ ފުރާނަ ހުރިތޯ ޔަގީން ކުރާކަށް ނުޖެހެއެވެ." (އަލްމުޣްނީ 2/328.)
ނޯޓް: މީރާޘްގައި ނަމަ ވާރުތަކުރުވާ މީހާއަށް ވުރެ ކުރިން ވާރުތަވެރިޔާ މަރުވެފައިވާނަމަ އޭނާ އަށް ވާރުތަ މދުލުން ނުލިބޭނެއެވެ.
ބަނޑަށް ހަތަރުމަސް ފުރުމުގެ ކުރިން ކުއްޖާ އެބޯޓްވެއްޖެނަމަ، ހިނަވާ ކަފުން ކުރާކަށް ނުޖެހޭނެއެވެ. އަދި ކަށުނަމާދު ކުރާކަށްވެސް ނުޖެހޭނެއެވެ. ސަބަބަކީ އިންސާނާގެ ފުރާނަ އެޅުއްވެނީ ހަތަރުމަސް ވުމުން ކަމަށްވާތީވެއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
27 އޭޕްރީލް 2025