އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 58 ސިކުންތު
މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ މަގުތައްމަތީގައި މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތަކުގެ ތެރެއިން ބައެއް މީހުންގެ ފޮޓޯއާއި ވީޑިއޯ ފަތުރަމުންދިޔުމާއި، އެފަދަ މީހުން ކުށްކުރުމާއި ގުޅިގެން ހިފަހައްޓައި އަނިޔާކުރުމާއި އަދި ވީޑިއޯކޮށް މީސްމީޑިއާގެ އެކި މަންސަތަކުގައި ފަތުރަމުންދާ މައްސަލާގައި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މިކަމާގުޅިގެން ނޭޝަނަލް ޑްރަގް އެޖެންސީ ނެރެފައިވާ ނޫސްބަޔާން:
ފާއިތުވި ދުވަސްތަކުގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގެ މަގުތައްމަތީގައި މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތަކުގެ ތެރެއިން ބައެއް މީހުންގެ ފޮޓޯއާއި ވީޑިއޯ ފަތުރަމުންދިޔުމާއި، އެފަދަ މީހުން ކުށްކުރުމާއި ގުޅިގެން ހިފަހައްޓައި އަނިޔާކުރުމާއި އަދި ވީޑިއޯކޮށް މީސްމީޑިއާގެ އެކި މަންސަތަކުގައި ފަތުރަމުންދާ މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުންތައް މި އެޖެންސީއާއި ޙިއްޞާކުރަމުންދާތީ މި އެޖެންސީގެ ސަމާލުކަމަށް އެކަންވަނީ އައިސްފައެވެ. އަދި މި މައްސަލައާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި މި އެޖެންސީ ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް ގެންދާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މަސްތުވާތަކެތި ބޭނުންކުރުމަކީ ޖިނާޢީ ކުށްކުށުގެ އިތުރުން، ޞިއްޙަތަށް ނުހަނު ގެއްލުންހުރި އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު އިންތިހާއަށް އޮތްކަމެކެވެ. ޕާޓީ ޑްރަގްސްގެ އިތުރުން މަސްތުވުމުގެ ނުރަނގަޅު އާދަޔާއި ގުޅިފައިވާ އެހެނިހެން ކަންތައްތައް، އޭގެތެރޭގައި ޑްރަގް އިންޖެކްޓްކުރުން ފަދަ ކަންތައްތަކަކީ ނުރައްކާތެރި ބަލިތައް ފެތުރުމަށް ހުޅުވިފައިވާ ދޮރަކަށްވީއިރު، މިހާރުވެސް މަސްތުވާތަކެތި ބޭނުންކުރާ އެތައްބަޔަކު ދަނީ މިފަދަ ބަލިތައް ތަޙައްމަލް ކުރަމުންނެވެ.
ޕާޓީ ޑްރަގް ނުވަތަ ޕާޓީ ޑްރަގްގެ މާއްދާތަކާއި، ބަނގުރަލާއި، އެނޫން މަސްތުވާ ބާވަތްތައް ބޭނުންކުރަމުންދާއިރު ރާއްޖޭގައި މިކަން ފެތުރިގެން ގޮސްފައިވަނީ ރައްކާތެރި އެއްޗެއް ކަމަށް ދެކިގެންނަމަވެސް، މިއީ ފުރާނަ ގެއްލިދިޔުމުގެ ފުރުޞަތުއޮތް ނުރައްކާތެރި މަސްތުވާތަކެއްޗެވެ. ރާއްޖޭގެ ޒުވާނުންގެ މެދުގައި މި ފަހަކުން މަޝްހޫރުވެގެން މިއައި ޕާޓީކުރުމުގެ އާގޮތް (ޓްރެންޑް) ގެ ސަބަބުން ގިނަ ބަޔަކު އެކަމުގެ ތެރެއިން ލާފައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ނުރައްކާތެރި ޙާލަތަކަށް ވެއްޓިފައިވީއިރު މި ފަދަ މީހުންގެ ތެރެއިން މި އެޖެންސީގެ ފަރުވާގެ ނިޒާމުގެ ޚިދުމަތަށް އެދިގެން އައި ގިނަ ޒުވާނުންގެ ފަރާތުން އެނގުނުގޮތުގައި އެފަދަ މީހުން މިތަކެތި ބޭނުންކުރަމުން ގޮސްފައިވަނީ ދޭތެރެ ދޭތެރެއިން ބޭނުންކުރާގޮތަށް ނަމަވެސް، އެކަމުގެ ތެރެއިން މިފަދަ މީހުން މަސްތުވާތަކެއްޗަށް އަޅުދާސްތުވެ، މަސްތުވާތަކެތީގެ އެކި ބާވަތްތަކުގެ ތެރެއަށްވަދެ، ޞިއްޙީ އެތަކެއް މައްސަލަތަކެއް، އޭގެތެރޭގައި ނަފްސާނީ، ޖިސްމާނީ މައްސަލަތައް ކުރިމަތިވެފައިވެއެވެ. އެހެންކަމުން، ޕާޓީކުރުމުގެ ނަމުގައި ފެތުރެމުންދާ މި ނުރައްކާތެރި މަސްތުވާތަކެއްޗާއި، އެނޫންވެސް މަސްތުވާޒާތުގެ އެންމެހާ މާއްދާތަކާއި ތަކެތި ބޭނުންކުރުމަކީ ފުރާނަގެއްލިދިޔުމުގެ ނުރައްކާއޮތް ކަންކަމަށް ވާތީ، އެކަންކަން ކުރާ އެންމެހާ ފަރާތްތަކަށް މި ނުރައްކަލުގެ އިންޒާރުދެމެވެ. އަދި މަނާކުރެވިފައިވާ މަސްތުވާތަކެއްޗާއި، އެފަދަ ނުރައްކާތެރި އާދަތަކާއި ދުރުހެލިވުމަށް އިލްތިމާސްކުރަމެވެ.
ދެންނެވުނު މައްސަލާގައި މި އެޖެންސީއާއި ކަމާއިގުޅުންހުރި ބައެއް ޖަމްޢިއްޔާތައް ގުޅިގެން 2025 ފެބްރުވަރީ 25 އިން މާރޗް 25 ވަނަ ދުވަހުގެ ނިޔަލަށް ގްރޭޓަރ މާލޭ ޞަރަޙައްދުގައި ކުރިޔަށް ގެންދިޔަ އައުޓްރީޗް ޕްރޮގްރާމުން ވަނީ ކަންބޮޑުވާ މިންވަރަށް މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކާއި، އެއާއި ގުޅިގެން އުފެދޭ ކުށްކުށާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި ޕާޓީކުރުމުގެ ތެރެއިން މަސްތުވާތަކެތީގެ ތެރެއަށް ވަންނަމުންދާ މީހުން، އޭގެ ތެރޭގައި ޒުވާނުންނާއި، 18 އަހަރު ނުފުރޭ ބައެއް ކުޑަކުދިންވެސް މި ނުރައްކަލަށް ހުށަހެޅި މިކަމުގެ ޝިކާރައަށް ދެޖިންސުގެ މީހުން ވަމުން އަންނައިރު އެއާއިގުޅޭ ޞިއްޙީ އެތައް މައްސަލަތަކެއްވެސް ފާހަގަކުރެވިފައެވެ. އަދި މިކަމާ ގުޅިގެން ޙާލަތު އިތުރަށް ދެނެގަތުމާއި، ކަމާއިގުޅުންހުރި އިތުރު އެހެނިހެން މަޢުލޫމާތު އެއްކުރުމުގެ ގޮތުން މި އޭޖެންސީން އައުޓް ރީޗް ޕްރޮގްރާމްތައް ހިންގުމަށްވަނީ ރޭވިފައެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ މުޅި މުޖްތަމައުގެ އެހީތެރިކަމާއި ބައިވެރިވުންލިބި، ޝާމިލްގޮތެއްގައި މަސައްކަތްކޮށްގެން މެނުވީ ޙައްލުކުރެވޭނެ ކަމެއްކަމަށް ނުވާތީ، މި މައްސަލަ ޙައްލުކުރުމަށްޓަކައި ޢާއްމުންގެ އެހީތެރިކަމަށް މި އެޖެންސީން އެދެމެވެ. އެގޮތުން ޕާޓީކުރުމާއި، މަސްތުގެ ޙާލަތުގައިތިބޭ ފަރާތްތައް މަގުމަތީގައި ތިބޭ މަންޒަރު ފާހަގަކުރެވިއްޖެނަމަ ނޭޝަނަލް އިމަރޖެންސީ ނަންބަރ 911 އާއި ގުޅުއްވައި އެކަން ރިޕޯޓްކުރެއްވުން އެދެމެވެ. ނުވަތަ މި އެޖެންސީގެ ހޮޓްލައިން 1410 ނަންބަރަށް ގުޅުއްވައި ޙިއްޞާކޮށްދެއްވުން އެދެމެވެ.
މި ފުރުޞަތުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން މިއެޖެންސީއަށް ދެއްވާ އެހީތެރިކަމާއި، އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
Advertisement
27 އޭޕްރީލް 2025