އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު
މިދިޔަ އަހަރު ފާސްކުރި ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އަމަލު ކުރަން ފެށުމުން މިހާތަނަށް 214 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ބިލުގެ ދަށުން ބޭންކުތަކަށް ޑޮލަރު އެންމެ ގިނައިން މާރުކޮށްފައިވަނީ ދިވެހިރާއްޖޭގެ އިގުތިސާދަށް އެންމެ ފައިދާކުރާ ސިނާއަތުކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. އަދި މިކަމަށް ލިބެމުންދާ އެއްބާރުލުން މި ގޮތުގައި ދެމިއޮވެއްޖެނަމަ ކުރިއަށް އޮތްތާނގައި ގިނަ ފައިދާ ތަކެއް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ. މިގޮތުން ކްރެޑިޓް ކާޑުގެ ލިމިޓު ބޮޑުކުރުމާއި، ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް ބޭންކު ރޭޓުގައި ޑޮލަރު ގަންނަން ލިބޭ މިންވަރު އިތުރުކުރުމާއި، ޓީޓީ ހެދުމުގެ ފަސޭހަތަކާއި، ޑޮލަރުގެ ކަޅުބާޒާރު އުވައިލުމާއި، ސަރުކާރުގެ ކުންފުނިތަކުން އެ މާކެޓުން ޑޮލަރު މާރުކުރާކުރުން ހުއްޓުމަކަށް ގެނައުމާގުޅޭ މަސައްކަތްތައް ކަނޑައެޅިފައިވާ ޓާގެޓަށް ނިންމުމަށް ފަސޭހަ ވެގެންދާނެ ކަން ފާހަކަ ކުރެއްވިއެވެ.
ބޭރުފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހެއެވެ. އަދި ގެސްޓްހައުސް، ސަފާރީ އަދި ހޮޓާތަކުން މަހެއްގެ މައްޗަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހަކު ލިބޭ ބޭރުފައިސާގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހެއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވަނީ 14 ޑިސެމްބަރު 2024 ގައެވެ.
ހަބަރު: ސަރުކާރު
Advertisement
4 މެއި 2025