އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: ޚަތިމްކުރުމާ ޚަތިމް އަލުން ފެށުމުގައި ޢަމަލުކުރަން އޮތް ގޮތް-

ހަނދުމަކޮށްދިނުމެއް!: ޚަތިމްކުރުމާ ޚަތިމް އަލުން ފެށުމުގައި ޢަމަލުކުރަން އޮތް ގޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 54 ސިކުންތު

ޚަތިމްކުރުމާއި އަދި ޚަތިމް އަލުން ފެށުމުގައި ޢަމަލުކުރަންޖެހޭ ގޮތާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަން އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ 

ސޫރަތުއް ޟުޙާ އިން ފެށިގެން ސޫރަތުއް ނާސި އާއި ދެމެދުގެ ސޫރަތްތައް ކިޔަވާއިރު ކޮންމެ ސޫރަތެއްގެ ފަހުގައި ތަކްބީރު ކިޔުމުގެ މައްސަލާގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުތަކެއް އެބަ ހުއްޓެވެ.  

އިމާމު އަޙްމަދު ދެކިލައްވާ ގޮތުގައި އެއީ މުސްތަޙައްބު ނުވަތަ އެދެވިގެންވާ ކަމެކެވެ. އެހެން އިމާމުން އެކަލޭގެފާނާއި ދެކޮޅެވެ. ޖުމްހޫރުންގެ ރައުޔާއި އެއްގޮތަށް އިމާމް އަޙްމަދުގެ ކިބައިންވެސް ރިވާޔަތެއް އައިސްފައިވެއެވެ. މާނައަކީ ތަކްބީރު ކިޔުން އެދެވިގެން ނުވާ ކަމަށެވެ. މިކަމުގެ އެންމެ ޞައްޙަ ގޮތަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އެއްވެސް ޞައްޙަ ޙަދީޘެއް މިކަމުގައި އައިސްފައި ނުވެއެވެ. އަދި އެއްވެސް ޞަޙާބީ އަކު މިގޮތަށް ކަންތައް ކުރެއްވި ކަން ޘާބިތުވާކަށް ނެތެވެ. ނަމަވެސް މައްކާގެ ބައެއް އަހްލުވެރިން ޟުޙާ ސޫރަތުން ފެށިގެން ތިރީ ސޫރަތްތައް ކިޔެވުމުގައި ތަކްބީރު ވިދާޅުވާ ކަމަށް ވެއެވެ.  

ގުރްއާން ޚަތިމް ކުރާ ހިނދު ދުޢާ ކުރުން: 

ޤުރުއާން ޚަތިމުކުރަން ކިޔަވާއިރު ފެށުމުގައިވެސް އަދި ނިންމުމުގައިވެސް ކިޔަން ވަކި ޚާއްޞަ ދުޢާއެއް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކިބައިން ވާރިދުވެފައި ނެތެވެ. އަދި ކީރިތި ރަސޫލާގެ އަޞްޙާބުންގެ ކިބައިންވެސް އަދި އޭގެފަހުން ވަޑައިގެންނެވި ތާބިޢީންގެ ފަރާތުންވެސް އަދި މަޝްހޫރު ހަތަރު އިމާމުންގެ ކިބައިންވެސް ވާރިދުވެފައެއްނެތެވެ. ބައެއް މުޞަޚަފުތަކުގެ ނިމޭ ތަނުގައި ލިޔެފައިވާ ޚަތިމު ދުޢާއަކީ ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ ރަޙިމަހުﷲ އަށް ބައެއްމީހުން ނިޞްބަތްކުރާ ދުޢާއެކެވެ. އެހެންނަމަވެސް އިބްން ތައިމިއްޔާގެ ކިބައިން ޞައްޙަ ސަނަދަކުން މިކަން ސާބިތުވާކަށް ނެތެވެ.  

ނަމާދު ތެރޭގައި ޚަތިމް ކުރުމަށް ފަހުގައިވެސް އަދި ނަމާދުން ބޭރުގައި ޚަތިމް ކުރުމަށް ފަހުގައިވެސް ދުޢާއެއް ކުރެއްވިކަމެއް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން އެނގޭކަށްނެތެވެ.  

އެހެންނަމަވެސް އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހު ނަމާދުން ބޭރުގައި ޚަތިމް ކުރައްވައިފިނަމަ އެކަލޭގެފާނުގެ އަހްލުން ޖަމާކުރައްވާ ދުޢާ ކުރައްވާ ކަމަށް ވާރިދުވެފައި ވެއެވެ. ބައެއް ތާބިޢީ ބޭކަލުން އަނަސްގެ ފާނަށް ތަބަޢަވެވަޑައިގެން ޚަތިމް ނިންމުމަށް ފަހުގައި ދުޢާކޮށް އުޅުއްވިއެވެ. އެހެންނަމަވެސް އެއީ ނަމާދުން ބޭރުގައެވެ. ނަމާދު ތެރޭގައި ޚަތިމް ކޮށްފައި ދުޢާ ކުރެއްވިކަމަށް އެއްވެސް ޞަޙާބީއެއްގެ ކިބައިންވެސް އެނގޭކަށްނެތެވެ. ނަމާދު ތެރޭގައި ކޮންމެ ކަމެއްވެސް ކުރެވޭނީ ސުންނަތުން އައިސްފައިވާ ގޮތަށެވެ. އެނޫން ގޮތަކަށް ކަންތައް ކޮށްފިނަމަ މާތްﷲ އެކަމެއް ޤަބޫލެއް ނުކުރައްވާނެއެވެ. ވީމާ، ނަމާދު ތެރޭގައި ޚަތިމް ކުރިކަމަށްވަނީނަމަ ދުޢާ ކިޔާނީ ނަމާދު ނިމިގެންނެވެ. ނަމާދުތެރެއަކު ނޫނެވެ.

(މިކަމަށް ވަކިދުޢާއެއް ނެތްކަމުގައިވިޔަސް ޚަތިމުނިމޭހިނދު ދުޢާކުރުމަކީ އެދެވިގެންވާ ކަމެކެވެ. އަދި އެއީ ސަލަފުންގެ ފަރާތުން ވާރިދުވެގެން އައިސްފައިވާ ކަމެކެވެ.) 

ޚަތިމް ކުރުމަށް ފަހު އަލުން ފެށުން: 

ގުރްއާން ޚަތިމް ކުރުމަށްފަހު އަލުން ސޫރަތުލް ފާތިޙާ އިން ފަށާ، ބަގަރާ ސޫޜަތުގެ ފުރަތަމަ ފަސް އާޔަތް ކިޔެވުމާއި މެދު ޢިލްމުވެރިންގެ މެދުގައި ދެގޮތަކަށް ވާހަކަ ދެކެވިފައިވެއެވެ. 

ފުރަތަމަ ގޮތް: އެއީ މަޝްރޫޢު އަދި އެދެވިގެންވާ ކަމެއްކަން. މިއީ އިމާމް ނަވަވީ އާއި އިމާމް ސުޔޫޠީ ރަޙިމަހުމަﷲ ގެ ގައުލެވެ. މިބޭފުޅުންގެ ދަލީލަކީ

1. މާތް ﷲ ރުއްސުންލެއްވި އުބައްޔު ބިން ކަޢުބްގެ ކިބައިން ރިވާވެގެންވާ ރިވާޔަތެވެ. عن النبي صلى الله عليه وسلم :

أنه كان إذا قرأ : ( قل أعوذ برب الناس ) افتتح من الحمد ، ثم قرأ من البقرة إلى : ( وأولئك هم المفلحون ) ، ثم دعاء بدعاء الختمة ، ثم قام . 

މާނައަކީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނާސި ސޫރަތް ކިޔަވާ ވިދާޅުވެއްޖެނަމަ ސޫޜަތުލް ފާތިޙާ އިން ފައްޓަވައެވެ. އަދި ބަގަރާ ސޫރަތުގެ ( وأولئك هم المفلحون )މި ހިސާބަށް ނިންމެވުމަށްފަހު ޚަތިމް ދުޢާ ވިދާޅުވެއެވެ. އެއަށްފަހު ތެދުވެވަޑައިގަންނަވައެވެ.  

ނަމަވެސް މިއީ ޟައީފް ރިވާޔަތެއް ކަމުގައި ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ. 

.2. ސަލަފުއް ޞާލިޙުންގެ ޢަމަލުތައް. ސަލަފުން ގުރްއާން ޚަތިމް ކުރައްވާނަމަ، އަލުން ފެއްޓެވުމަށްފަހު ސޫރަތުލް ބަގަރާގެ ފުރަތަމަ ފަސް އާޔަތް ކިޔަވާ ވިދާޅުވާ ކަމަށް ވާރިދުވެފައިވެއެވެ. (އައްނަޝްރު 2/449). 

ދެވަނަ ގޮތް: އެއީ އެދެވިގެންވާ ކަމެއް ނޫން ކަމަށާއި އެގޮތަށް ކަންތައް ކޮށްގެން ނުވާނެ ކަމަށް. މިއީ އިމާމް އަޙްމަދު ރަޙިމަހުﷲ ގެ ރައުޔެވެ. ދަލީލަކީ: 

އެކަމަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ވާރިދުވެފައިވާ ކަމަކަށް ނުވުން. ޖިބްރީލް ޢަލައިހިއްސަލާމް ކޮންމެ އަހަރަކު އެއްފަހަރު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކު ގުރްއާން މުރާޖަޢާ ކުރެއްވިއެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވި އަހަރު ދެފަހަރަށް ކުރެއްވިއެވެ. ނަމަވެސް މިގޮތަށް ކަންތައް ކުރައްވާފައި ނުވެއެވެ. 

ކޮންމެ އަކަސް ދަލީލުތަކުގެ އަލީގައި ބުނެވޭނީ ޚަތިމް ނިންމުމަށް ފަހު އަލުން ފަށާފައި ބަގަރާ ސޫރަތުގެ ފަސް އާޔަތް ކިޔަވާފައި ބޭއްވުމަކީ ދަލީލެއް ލިބެން ނެތް ކަމެއް ކަމަށެވެ. ވީމާ، ބޮޑަށް ރަގަޅު ގޮތަކީ އެގޮތަށް ކަންތައް ނުކުރުމެވެ. واللهأعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް