އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު
ފާފަކުރެވުމުން ޝައިޠޯނާ ކުށްވެރިކުރުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. ތިމާއަށް ދެރައެއް ނުވަތަ ނިކަމެތިކަމެއް ލިބުމުން އެހެން މީހުން ކުށްވެރިކުރުމަކީވެސް ހަމައެހައިފަސޭހައިން ކުރެވޭ ކަމެކެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ކުރުމަކުން އެއްވެސް ކަމެއް ޙައްލެއް ނުކުރެވެއެވެ. ވީމާ ވިސްނާށެވެ!
ބައެއް ކަންކަން ކުރިމަތިކުރައްވަވަނީ އިމްތިޙާނަކަށެވެ. އަނެއްބައި ކަންކަން ކުރިމަތިވަނީ އެމީހަކަށް ކުރެވޭ ޢަމަލުތަކުގެ ސަބަބުންނެވެ. ކުރެވޭ ފާފަތަކުގެ ސަބަބުންނެވެ. އެހެން މީހުންގެ ހިތުގައި ޖައްސައި އެހެން މީހުންނަށް އަނިޔާވެރިވެވޭތީއެވެ!
ވީމާ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ތިމާގެ އިނގިލިތައް އެހެން މީހުންނަށް ދިއްކުރުމުގެ ކުރިން އެކަން ތިމާއަށް މެދުވެރިވުމުގައި ތިމާގެ އިހްމާލެއް އޮތްތޯ ވިސްނާށެވެ! އެއްވެސް މީހެއްގެ ހިތުގައި ޖައްސައި އަނިޔާވެރިވެވިފައިވޭތޯ ވިސްނާށެވެ! އެފަދަ ކަމެއް ކުރެވިފައިވާނަމަ އަވަހަށް އެމީހެއްގެ ކިބައިން މާފަށް އެދޭށެވެ! ބަދަލުގައި އެމީހަކަށް ހެޔޮކަމެއްކޮށްދޭށެވެ! އެމީހަކަށްޓަކައި ހެޔޮދުޢާކުރާށެވެ! އެކަންކަމުގެ ސަބަބުން ތިބާއަށް އުފާވެރިކަން އަނބުރައި ދެއްވެވުމަށް އުންމީދުކުރާށެވެ!
ބައެއް ފަހަރު ކުރިމަތިވާ ކަންކަން ބޮޑުކަމުން ދެން އެކަމުން އަރައިނުގަނެވިދާނެކަމަށްވެސް ވިސްނިދާނެއެވެ. ނަމަވެސް އެއީ މުޅިން ނުބައި ވިސްނުމެކެވެ. އެއްވެސް މުޞީބާތަކީ ދާއިމީ މުޞީބާތެއް ނޫނެވެ. އެ ދަތި އުނދަގޫތަކާއި ހިތްދަތިކަން އަބަދަށް ދެމިގެނެއް ނުދާނެއެވެ.
ދިމާވާ ކަންތަކުން ދެން އަރައިނުގަނެވޭނެ ކަމަށް ޤަބޫލުކުރެވޭނަމަ އެޤަބޫލުކުރެވޭނީ ޝައިޠޯނާގެ ބަހެވެ. އެހެނީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. "ފަހެ ހަމަކަށަވަރުން، އުނދަގޫ ކަމަކާއިއެކު ފަސޭހަކަންވެއެވެ." (އައްޝަރްޙީ: 5)
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
8 މެއި 2025