އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު
ﷲ ތަޢާލާ މީސްތަކުންގެ މައްޗަށް ކޮންމެ ދުވަހަކު ކުރަން ފަރުޟް ކުރައްވަވާފައިވަނީ 5 ނަމާދެވެ. އެއަށްވުރެ ގިނައެއްވެސް ނުކުރެވޭނެއެވެ. އަދި މަދެއްވެސް ނުކުރެވޭނެއެވެ. ކޮންމެ ދުވަހަކުވެސް ކުރެވޭނީ ފަރުޟް 5 ނަމާދެވެ.
ވިސްނާށެވެ! ޢީދުނަމާދުގެ ޖަމާޢަތަށް ބަލައިފިނަމަ މާބޮޑުވާނެއެވެ. އަންހެނުންނާއި ކުދިބޮޑު އެންމެން ބައިވެރިވާތީއެވެ. ކުރަނީވެސް ބޮޑު ޖަމާޢަތް ހަދައިގެންނެވެ. އެހެނެއްކަމަކު ފަތިސްނަމާދުނުކޮށެއް ނުވެއެވެ. އަދި މެންދުރު ނަމާދުވެސް ދުލެއް ނުކުރެވޭނެއެވެ. އަދި ޢީދު ދުވަސް ހުކުރުދުވަހަކާއި ދިމާވެއްޖެނަމަ ހުކުރުނަމާދު ދޫކޮށްލެވޭއިރު މެންދުރުނަމާދު ދޫކޮށެއް ނުލެވެއެވެ.
އަދިކީއްހެއްޔެވެ؟ ދަތުރުވެރިންނަށް ވަނީ ލުއިކަން ދެއްވަވައިފައެވެ. ނަމަވެސް ފަރުޟް 5 ނަމާދުނުކޮށްވާނެ ގޮތެއް ނެތެވެ. މިހިރަ ހުރިހާ ކަމަކުންވެސް އެނގިގެންދަނީ ކޮންމެ ދުވަހަކު އަދާކުރަންޖެހޭ ފަރުޟް 5 ނަމާދުކުރަންޖެހޭނެކަމެވެ.
ވީމާ ދުވާލަކު 3 ނަމާދު ނުވަތަ 4 ނަމާދު (ފަރުޟްނަމާދު) ކުރިނަމަވެސް އެއީ ނަމާދު ޤާއިމްކުރާ މީހަކަށް ނުވާނެއެވެ. ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ފަރުޟް 5 ނަމާދު ހަމައަށް ނުކޮށް އެއަށްވުރެ މަދުން ކުރާނަމަ އެމީހަކުވާނީ އިތުރު ގޮތެއް އަމިއްލައަށް އުފައްދައިގެން އުޅޭ ބާޠިލް މީހަކަށެވެ. އެއީ އެންމެ ނުރައްކައުތެރި އެއްކަންތަކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ހަނދުމަކޮށްދިނުމެއް!:
ރަމަޟާން މަހަށްފަހުގައިވެސް ވަޤުތު ޖެހުމުން ނަމާދުކުރަން އިސްކަންދީގެން ކަންކަން ތަރުތީބުކުރާށެވެ!: ޝައިޚް އަނީލް
ރަމަޟާން މަހު ނަމާދު ވަޤުތު ޖެހުމުން ނަމާދުކުރުމަށް އިސްކަން ދެވެއެވެ. ދެން ކުރަން ހުންނަ ކަންކަން މަޑުޖައްސާލާފައިވެސް ނަމާދުކުރެވެއެވެ. އަނހެންވެރިން ގޭގައި ނަމާދުކުރާއިރުވެސް ނަމާދު ވަޤުތު ޖެހުމުން ނަމާދުކުރާނެ ވަޤުތުކޮޅެއް ހޯދާލައިގެންވެސް ނަމާދުކުރެއެވެ.
ރަމަޟާންމަހަށް ފަހުގައިވެސް ތަރުތީބު ދޫކޮށްނުލާށެވެ! ނަމާދުކުރުން ފަދަ އެންމެ މުހިންމު ކަންކަމަށް އިސްކަންދީފައި ދެންހުރި ކަންކަން ފަހަތަށް ޖައްސާލައިގެން ކަންކަން ތަރުތީބުކުރާށެވެ!
- ޝައިޚް މުޙައްމަދު އަނީލްގެ ދަރުސް އަޑު އައްސަވައިލެއްވުމަށް:
Advertisement
11 މެއި 2025