އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު
އެއީ ވަޒީފާއަދާކުރަމުން ދިއަ އަންހެނެކެވެ. ބައްޕަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އޮޕަރޭޝަން ކުރަން ގިނަ ޢަދަދަކަށް ފައިސާ ބޭނުންވާތީ އޮޕަރޭޝަން ނުކުރެވިފައެވެ. އެޙާލަތުގައި ދަރިފުޅު އޭނާ ވަޒީފާ އަދާކުރާ ތަނުގައި އާދޭސްކޮށްގެން ބައްޕަގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ ދަރަންޏަށް ހޯދިއެވެ.
ބޭންކުން ފައިސާ ނަގައިގެން ހޮސްޕިޓަލަށް ދިއަ މަގުމަތީގައި ފައިވާނުގެ ވަދު ކެނޑިގެން ވަދުހަރުކޮށްލަން އެމަސައްކަތްކޮށްދޭ މީހެއްގެ ގާތުގައި މަޑުކޮށްލައިގެން ހުރެފައި އޭނާއަށް ފައިސާ ދޭން ދަބަސް ހޭވުމުގެ ތެރޭގައި ބޭންކުން ނެގި ފައިސާބޮނޑި ވެއްޓުނެވެ. އެކަން އޭނާއަކަށް ނުއެނގެއެވެ. މަސައްކަތްކޮށްދިން މީހާއަށް އެކަން އެނގުނީ އޭނާ ދިއަފަހުންނެވެ. އެހެންވެ އަވަސް އަވަހަށް ނަގައި ރައްކާކުރިއެވެ.
ދިއަ މަގުމަތީގައި މަގުފޭރޭ މީހަކު އޭނާ ހުއްޓުވައި ދަބަހުގައި ހުރި މަދުލާރިކޮޅާއި ފޯނު ފޭރިގަތުމުން ހޮސްޕިޓަލަށް ދިއައީ ރޮއި ކަރުނައަޅަމުންނެވެ. ހޮސްޕިޓަލްކުރިމަތިން ކޮއްކޮއާއި ބައްދަލުވެ ކަންކަން ދިމާވޮި ގޮތުގެ ވާހަކަ ދައްކައި ހިތާމަކުރަން ތިއްބައި ވަދުހަރުކޮށްދިން މީހާ ގޮސް ބުންޏެވެ. "އަހަރެން ކަލޭފެނޭތޯ މުޅި ހިސާބުގައި ހިނގައިފީމެވެ. ދިމާވިކަން ނަޞީބެކެވެ. މިއޮތީ ކަލޭގެ އަތުން ވެއްޓުނު ފައިސާ ބޮނޑިއެކެވެ. ހަމަތޯ ނިކަން ގުނައިލަބަލާށެވެ!" އެހެން ބުނެފައި ފައިސާބޮނޑި ދިނުމުން ދެބެއިން އެމިހާއަށް ވަރަށް ބޮޑަށް ޝުކުރުި އަދާކުރިއެވެ. ބައްޕަގެ އޮޕަރޭޝަންކުރެވޭނެ ގޮތް ހަމަޖެހުނީތީ ވަރަށް އުފާކުރިއެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންކަން ހިނގައިދިއަ ގޮތެވެ. އަޅުގަނޑު މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީ މިފަދަ ކަންކަމުން ޙާޞިލުކުރަންޖެހޭ ޢިބްރަތް ބޮޑުކަމުންނެވެ.
ނިކަން ވިސްނައިލަބަލާށެވެ! އެފައިސާބޮނޑި ދަބަހުގައި އޮތްނަމަ އެފޭރޭމީހާ ފޭރިގަތީހެވެ. އެހިސާބުން ފައިސާތައް ގެއްލޭނެއެވެ. ދަރަނި އަދާކުރަންވެސް ޖެހޭނެއެވެ. ބައްޕަގެ އޮޕަރޭޝަނެއްވެސް ނުކުރެވުނީހެވެ. ވީމާ ﷲ ތަޢާލާ އެފައިށާތައް ރައްކައުތެރިކޮށް ދެއްވެވި ގޮތް ނިކަން ދެކިބަލާށެވެ!
އަހުރެންނަށް ވިސްނޭ ގޮތުގައި މިޙާދިސާއިންވެސް އެނގެނީ މައިންބަފައިންނަށް އެހީތެރިވުމަށް ދަރިންކުރާ ކަންކަމަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މިންވަރެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
11 މެއި 2025