އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 58 ސިކުންތު
އިންސާނާގެ ގުނަވަންތައް މާނަކުރެވެނީ އެމީހެއްގެ ހަށިގަނޑާއި ގުޅިފައިވާ ބައިތަކަށެވެ. ފޯނަކީ ހަށިގަނޑުން އުފެދިފައިވާ ހަށިގަނޑުގެ ބައެއް ނޫންނަމަވެސް މިއަދުގެ ޙާލަތަށް ވިސްނައިފިނަމަ ފޯނަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ހަށިގަނޑާއި ވަކިން އެމީހަކާއިއެކުގައިވާ ގުނަވަނެއް ފަދަ އެއްޗެކެވެ. ވީމާ އެއިން މިސްކިތުގައި ތިބޭ މީހުންނަށް އުނދަގޫކުރެވޭނަމަ ފާފަވެރިވާނެއެވެ!
ފޯނުގެ ރިންގުގެ އަޑުއިވޭނަމަ މީސްތަކުންގެ ނަމާދަށް އުނދަގޫވެއެވެ. ފޯނުން ވާހަކަދައްކާ އަޑުއިވުމުންވެސް އުނދަގޫވެއެވެ. ހަމައެފަދައިން އެކަންކަމުގެ ސަބަބުން މިސްކިތުގައި ޛުކުރުކުރަން ތިބޭ މީހުންނަށްވެސް އުނދަގޫވެއެވެ.
އެއުދަގޫތައް މީސްތަކުންނަށް ލިބެނީ ފޯނުގެ ސަބަބުން ނަމަވެސް ފޯނު ފާފަވެރިއެއް ނުވާނެއެވެ. ފާފަވެރިވާނީ ފޯނު ހިފައިގެން މިސްކިތަށްދިއަ މީހާއެވެ. އެމީހާ އެފޯނު މިސްކިތަށް ނުގެންދިއަނަމަ އެފޯނަކަށް އަމިއްލައަށް މިސްކިތަށް ގޮސް މީސްތަކުންނަށް އުނދަގޫނުކުރެވޭނެތީއެވެ.
މީސްތަކުންނޭވެ! މިސްކިތަށް އެރުމުގެ ކުރިން ފޯނު ނިއްވައިލާށެވެ! ނުވަތަ ސައިލެންޓަސްލާށެވެ! ވައިބްރޭޓްވެސް ނުވާނެގޮތްހަދާށެވެ. ޖެހިގެން އިންނަ މީހާއަށް އެކަމުން އުނދަގޫވާނެތީއެވެ. އެންމެ ރަނގަޅު ގޮތަކީ ނިއްވައިލުން ނުވަތަ ފްލައިޓްމޯޑަށްލުމެވެ. އެކަން ކުރަން ހަނދާންނެތޭ މީހުންގެ ފޯނުން މީހަކަށް އުނދަގޫވާނަމަ އަވަހަށް ނަގައި ނިއްވައިލާށެވެ! ޤިޔާމުގައި ހުރިނަމަ ގުދުވެ ނަގައިގެންވެސް ނިއްވައިލާށެވެ.
ނޫންނަމަ ގިނަ ބައެއްގެ ނަމާދަށް ގެއްލުންދިންކަމުގެ ފާފަ ބޮލުގަ އަޅަންޖެހޭނެއެވެ. އެއީ ކުޑަކަމެއް ކަމަށް ހީނުކުރާށެވެ! ތިބާކުރީ އެންމެ ނަމާދެކެވެ. އެނަމާދު ޤަބޫލުފުޅުކުރެއްވެވިކަންވެސް އެނގެނީއެއް ނޫނެވެ. ވީއިރު އެތައް ބައެއްގެ ނަމާދު ހަލާކުކުރުމުގެ ފާފަ ބޮލުގައި އަޅަންޖެހުމުން ދެން ކަންކަން ވާނެގޮތް ހިތަށް ގެންނާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިސްކިތުގަ ތިބޭ މީހުންނަށް އުނދަގޫވާނެ އެއްވެސް ކަމެއް ކުރަން ހެޔޮނުވާނެ ސަބަބު-
މިސްކިތްތަކަކީ ބިންމަތީގައިވާ ﷲ ތަޢާލާގެ ގެކޮޅުތަކެވެ. ފަހެ، އެތަނުގެ ޙައްޤު ދެނެގަންނާށެވެ. އަދި އެތަނުގެ އަދަބުތައް އަދާކުރާށެވެ. އަދި އެތަނުގެ މަޤާމާއި މަތިވެރިކަމަށް ރައްކާތެރިވާށެވެ. ފަހެ، ހަމަކަށަވަރުން އެތަންތަން ބިނާކުރެވުނީ އަޅުކަންކުރުމަށެވެ. މަޑުމައިތިރިކަމާ ހިމޭންކަމާއެކު އެތަނުގައި ތިބޭށެވެ. އަދި އެތަންތަން، ކުޅިވަރުކުޅޭ ތަންތަނާއި ބާޒާރުތަކަށް ނުހަދާށެވެ. އެތަނުގައި ނަމާދުކުރާމީހުންނާއި އިޢުތިކާފުކުރާމީހުންނަށް އުނދަގޫނުކުރާށެވެ. އެއީ އެތަނުގައި އަޅުކަންކުރުމަށް ހުރަސްއެޅިގެން ދާނޭ ކަމެކެވެ. އަދި އެތަނުގައި ތިބޭ މީހުންގެ ޚުޝޫޢަތްތެރިކަމަށް ބުރުއަރާނޭކަމެކެވެ.
ތިޔަބައިމީހުން ﷲ ގެ ގެކޮޅުތަކަށް އައީ އަޅުކަންކުރުމަށެވެ. އަދި ދުނިޔެއަށް ފުރަގަސްދީ އާޚިރަތަށް އެދިގެންނެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ތައުބާވެ ބިރުވެތިވެގެންވާ ހިތަކާއިގެން ހުއްޓޭށެވެ. އަދި ބިރުވެތިކަމާއެކު އެދިދަންނަވާށެވެ. އަދި އެކަމަށް ހުރަސްއަޅާ ކަންކަމުން ސަމާލުވާށެވެ. ފޯނުތަކާ އެފަދަ ސާމާނުތަކަށް ސަމާލުވާށެވެ. އަދި ވާހަކަތައް ނަޤުލުކުރުމާވެސް ދުރުހެލިވާށެވެ. މިސްކިތް ޙުރުމަތްތެރިކުރާށެވެ.
- މަސްޖިދުއްނަބަވީގައި الشيخ عبد الله بن عبد الرحمن البعيجان –حفظه الله–
- ދެއްވާފައިވާ ޚުޠުބާއަކުން-
Advertisement
12 މެއި 2025