އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަތުރުމަތީގަވެސް ނަމާދަށް ރައްކައުތެރިވާށެވެ! މިކަންކަން އެނގުމުން ކުރަން ވަރަށް ފަށޭހަވާނެ! އިން ޝާ ﷲ

ދަތުރުމަތީގަވެސް ނަމާދަށް ރައްކައުތެރިވާށެވެ! މިކަންކަން އެނގުމުން ކުރަން ވަރަށް ފަށޭހަވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 17 ސިކުންތު

ޢީދު ގާތްވަނީއެވެ. ގިނަ ބައަކު ރާއްޖެއިން ބޭރަށްވެސް ދާނެއެވެ. އަދި ރާއްޖެތެރެއަށްވެސް ދާނެއެވެ. ވީމާ ނަމާދުތަކަށް ރައްކައުތެރިވުމަށްޓަކައި ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ނަމާދުކުރާނެ ލުއިފަސޭހަ ގޮތްތައް އެނގިލައްވާނެއެވެ. އިން ޝާ ﷲ

ފަހެ ހަމަކަށަވަރުން، ނަމާދަކީ އިސްލާމްދީނުގެ އެންމެ ވަރުގަދަ ތަނބެވެ. ޝަހާދަތުގެ ދެކަލިމަ ޖެހިގެން އަންނަ އެންމެ މަތިވެރި ރުކުނެވެ. އެހެންކަމުން ޤުރުއާނާއި ސުންނަތުގައި މިމަތިވެރި ރުކުނުގެ މަތިވެރިކަމާ ބެހޭގޮތުން ގިނަގުނަ އާޔަތްތަކާއި ޙަދީޘްފުޅުތައް ވާރިދު ވެފައިވެއެވެ. ނަމަވެސް މިތަނުގައި އެކަމުގެ ޒިކުރު ކުރުމަކީ އަޞްލު މަޢުޟޫއިން ބޭރުވެވި އިތުރަށް ވާހަކަ ދިގުވެދާނެކަމަކަށްވާތީ އެހިޔާލު ދޫކޮށްލަމެވެ.

އިސްލާމީ ޝަރީޢަތުގައި ނަމާދުގެ ޙުކުމްތައް ބައެއް ޚާއްޞަ ޙާލަތްތަކުގައި ވަރަށް ލުއިކުރެވިފައި އެބަ ހުއްޓެވެ. އަޅުތަކުންނަށް ފަސޭހަ އަކަށެވެ. އެބައި މީހުނަށް ލުއިކޮށްދިނުމަށެވެ. އެފަދަ ޚާއްސަ ޙާލަތެއްކަމުގައި ދަތުރު ހިމެނެއެވެ. ދަތުރުތަކުގައި ދިމާވެދާނެ ބުރައަކަށްޓަކައެވެ. އެކަމުގައި އަވަދިނެތި އުޅެންޖެހޭ ޖެހުމަށެވެ.

އަދި ހަމައެހެންމެ، މިޒަމާންވެފައި މިވަނީ ވަރަށް ގިނަ މީހުން އަބަދުމެ އެއްތަނުން އަނެއްތަނަށް ދަތުރުކުރަންޖެހިފާވާ ޒަމާނަކަށެވެ. ތަފާތު ގިނަގުނަ ބޭނުމުގައެވެ. ވިޔަފާރީގެ ބޭނުމުގައެވެ. ތަޢުލީމީ ބޭނުމުގައެވެ. ސިޔާސީ ބޭނުމުގައެވެ. ޞިއްޙީ ބޭނުމުގަވެސް މެއެވެ. މިގޮތުން ދަތުރުމަތީގައި އަޅުކަންތައް އަދާކުރާނެގޮތާ ބެހޭގޮތުން ވަރަށް ގިނަ ލޮބުވެތި އަޙުންނާއި އުޚުތުން މިކަންތައް އޮންނަގޮތް އޮޅުންފިލުވާ ސާފުކުރަން ބޭނުންވެއެވެ. ހާއްސަކޮށް ނަމާދާ ބެހޭގޮތުންނެވެ. ނަމާދު ޤަޞްރުޖަމްޢުކުރުމާ ބެހޭގޮތުންނެވެ. ދަތުރު ޤަޞްރުޖަމްޢުކުރެވޭފަދަ ދަތުރަކަށް ވާނީ ކޮންކަހަލަ ސިފަތަކެއް ލިބުނީމަ ކަމާމެދުގައެވެ. މި ލިޔުމަކީ އެސަބަބުތަކާހުރެ އުފަންވާ ލިޔުމެކެވެ. ކޮންމެވެސް ގާތް އަޙެއްގެ އެދުމުގެ މަތީންނެވެ. އަޞްލަކަށް ބެލީ އައްޝެއިޚް ޞާލިހު ބުނު ޢުޡެއިމީން- رحمه الله- ގެ ދަތުރުގެ ޙުކުމްތަކާބެހޭ ދެއްވާފައިހުރި ފަޠުވާތަކެވެ. އެހެންކަމުން، މާތް ﷲގެ ތައުފީގާއިއެކު މި ޙުކުމްތައް ތިރީގައި ވަރަށް ތިލަކޮށް ބަޔާންކޮށްދެވޭތޯ ބަލާނަމެވެ.

ދަތުރުމަތީގައި ބަންގީގެ ޙުކުމް

މިކަމަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ނަމަވެސް، އެންމެ ރަގަޅު ގޮތަކީ ދަތުރުމަތީގައިވެސް ނަމާދު ވަޤުތު ވަނުމުން ބަންގި ގޮވުމެވެ. އެހެނީ މި އުއްމަތުގެ ނަބިއްޔާ صلى الله عليه و سلم މާލިކު ބުނު އަލްޙުވެއިރިޡުއާއި އޭނަގެ ވަފުދާއި މުޚާޠަބުކުރައްވާ ޙަދީޡް ކުރެއްވިއެވެ؛"إذا حضرت الصلاة فليؤذن لكم أحدكم" މާނައީ؛" ނަމާދު ވަޤުތު ވަނުމުން ފަހެ ތިޔަބައި މީހުންގެ ތެރެއިން މީހަކު ބަންގިގޮވާ ހުށިކަމެވެ". އަދި ހަމައެހެންމެ، އެކަލޭގެފާނު ދަތުރުމަތީގައި ވިޔަސް އަދި ރަށުގައި ހުންނެވިޔަސް ބަންގިއާއި ޤަމަތް ދޫކުރައްވާފައެއް ނުވެއެވެ. އެހެންކަމުން، ދަތުރުމަތީގައިވެސް ބިލާލުގެފާނަށް ވަޤުތުވަނުމުން ބަންގި ގޮވުމަށް އަމުރު ކުރައްވައެވެ.

ނަމާދު ޤަޞްރުކުރުން (4 ރަކުޢަތް ނަމާދު 2 ރަކުޢަތަށް ކުރުކުރުން) ހުއްދަވާ މަސާފަތް

ބައެއް ޢިލްމުވެރީން ކައިރީގައި މި މަސާފަތަކީ 83 ކިލޯމީޓަރުގެ ދުރުމިން އެ ދަތުރެއްގައި ހުރުމެވެ. ނަމަވެސް، އަނެއްބައި ޢިލްމުވެރީން ދެކިލައްވަނީ އެރަށެއްގެ އަހުލުވެރީންގާތުގައި ޢުރުފީގޮތުން (އާދަކާދާއިގެ ގޮތުން) ދަތުރަކަށްވާ ކޮންމެ ދަތުރެއްގައި ނަމާދު ޤަޞްރުކުރެވިދާނެކަމަށެވެ. އެހެންކަމުން، 83 ކިލޯމީޓަރުގެ މަސާފަތެއް ނެތަސް، އެއަށްވުރެ ކުރުވިޔަސް އަދި ދިގު ވިޔަސް، ޤަޞްރުކުރެވޭނެ ކަމުގައި މި ބޭކަލުން ދެކިލައްވައެވެ. މި ރައުޔަކީ ޝޭޚުލް އިސްލާމް އިބުނު ތައިމިޔާގެ ވެސް ރައުޔެވެ. އެހެނީ، ނަމާދު ޤަޞްރުކުރެވޭނެ ވަކި މަސާފަތެއް ޤުރުއާނުންވެސް އަދި މާތް ޞާހިބާ صلى الله عليه و سلم ގެ ސުއްނަތުންވެސް ބަޔާންކުރައްވާ ކަޑައަޅުއްވާފައި ނުވާތީއެވެ.

މާތް ﷲ ރުއްސުންލެއްވި މާލިކު ބުނު އަނަސް ރިވާކުރެއްވިއެވެ؛" كان النبي صلى الله عليه وسلم إذا خرج ثلاثة أميال او فراسخ قصر الصلاة وصلى ركعتين ” މާނައީ: " ނަބީ صلى الله عليه و سلم 3 މޭލު ބޭރަށް ވަޑައިގަންނަވައިފިނަމަ ނަމާދު ޤަޞްރުކުރައްވައި ދެ ރަކުޢަތުން ކުރައްވައެވެ". އެހެންކަމުން އިބުނު ތެއިމިޔާ – رحمه الله- ގެ ރައުޔު އެއީ އެންމެ ޞައްޙަ ރައުޔުކަމުގައި ބެލެވެއެވެ. ނަމަވެސް، ޢުރުފީގޮތުން ރަށްވެހިންގާތުގައި އެއީ ދަތުރެއްކަމާމެދު ޚިލާފުއުފެދޭ ފަހަރު ،83 ކިލޯމީޓަރުގެ މަސާފަތަކީ އެއީ ޤަޞްރުކުރުން ހުއްދަ ދަތުރެއްކަމަށް ބެލިދާނެއެވެ. އެހެނީ މި ރައުޔަކީވެސް އިޙްތިރާމްލިބިގެންވާ އިޖްތިހާދީ ޢިލްމުވެރީންގެ ރައުޔަކަށްވާތީއެވެ. ނަމަވެސް، ހަމަ ކުރިން ބަޔާންކުރިފަދައިން، ޢުރުފީގޮތުން ގޮތުން އެއީ ދަތުރެއްކަމަށް އިއްތިފާޤުވެވޭ ކޮންމެ ދަތުރެއް އެއީ ނަމާދު ޤަޞްރުކުރުން ހުއްދަ ދަތުރެއްކަމަށް ބެލުމީ އެންމެ ރަގަޅުގޮތެވެ.

ދަތުރުވެރިޔާ ދަތުރުގެ ރުޚްޞަތުތަކުގެ ބޭނުން ހިފަން ފަށާނީ ކޮންއިރަކު؟

ޢިލްމުވެރިބޭކަލުން ދެކިލައްވާގޮތުގައި ދަތުރުވެރިޔާ އޭނަގެ ވަޠަނުން ނުވަތަ އެރަށެއްގެ އިންފާރުން ބޭރުވުމާއިއެކު އޭނަޔަށް ދަތުރުގެ ރުޚްޞަތުތަކުގައި ހިފިދާނެއެވެ. މިރާއްޖޭގެ ގޮތުންނަމަ އެއީ އެރަށެއްގެ ފަޅުން ބޭރުވުމުންނެވެ.

ދަތުރުގެ ރުޚްޞަތުތައް

1 – ހަތަރު ރަކުޢަތް ނަމާދުތައް 2 ރަކުޢަތައް ބަދަލުކުރުމުގެ ރުޚްޞަތު.

2 – ރޯދަ ދޫކޮށްލުން އަދި ރޯދަމަސް ނިމުނީމަ އެދޫކުރި ރޯދަ ޤަޟާކުރުމުގެ ރުޚްޞަތު.

3 – ދެޚުއްފުގައި ތިންރޭ ތިންދުވަސްވަންދެން ފެންފުހުމުގެ ރުޚްޞަތު.( މިކަންކުރާނެ ގޮތަކީ؛ ޚުއްފަށް – ނުވަތަ އިސްޓާކީނުފަދަ އެއްޗެތްސަށް- އަރާ މީހުން އެއިސްޓާކީނަށް އެރުމުގެ ކުރިން ފުރިހަމަ ވުޟޫއެއްކޮށްފައިވުން، ދެން އެއަށްފަހު، އޭނަ ވުޟޫކުރާއިރު އިސްޓާކީނު ބާލާކަށްނުޖެހޭނެއެވެ. ފައިދޮވުމުގެ ބަދަލުގައި އެޚުއްފު ނުވަތަ އިސްޓާކީނުމަތީގައި ފެން ފޮހެލުމުން ފުދޭނެއެވެ. މިގޮތަށް ތިންރޭ ތިންދުވާލުވަންދެން ވުޟޫކުރާ ކޮންމެ ފަހަރު ޢަމަލުކުރެވިދާނެއެވެ. ތިންރޭ ތިންދުވާލު ގުނާނީ ފުރަތަމަ އެމީހާ ޚުއްފުގަ ފެންފޮހޭ ހިިނދުންފަށައިގެނެއެވެ.)

4 – ފަތިސް ނަމާދުގެ އިހު ރާތިބުސުއްނަތް ފިޔަވައި އެހެން ފަރުޟުނަމާދުތަކުގެ ރަވާތިބުތައް ކުރަން ނުޖެހުމުގެ ރުޚްޞަތު. (ނަމަވެސް، އެހެން ނަވާފިލު ނަމާދުކުރެވިދާނެއެވެ. ނަވާފިލުގެ ތެރޭގައި ކޭތުނަމާދު، އިސްތިސްޤާނަމާދު، ވިތުރި، ޞުޙާނަމާދު، ތަޙައްޖުދުނަމާދު ފަދަ މަތިވެރި ނަވާފިލުތައް ހިމެނެއެވެ. އެހެންކަމުން، މި ނަވާފިލުތައް ދަތުރުގަވިޔަސް ކުރުން ވަރަށް ބޭނުންތެރިއެވެ. އޭގެ ތެރެއިން ވިތުރިކުރުމަކީ ރަށުގަވިޔަސް އަދި ދަތުރުގަވިޔަސް ސުއްނަތްކަން އެންމެ ބޮޑު ނާފިލު ނަމާދެވެ).

5 – ޖަމްޢުކުރޭވޭ ދެ ނަމާދުތައް ޖަމްޢުކުރުމުގެ ރުޚްޞަތު. (އެއީ މެންދުރުނަމާދާއި ޢަޞްރުނަމާދު ޖަމްޢުކުރުން، އަދި މަޣްރިބުނަމާދާއި ޢިޝާނަމާދު ޖަމްޢުކުރުމެވެ. މެންދުރުނަމާދާއި ޢަޞްރުނަމާދު ޖަމްޢުކުރާނީ މެންދުރުވަޤުތު ނުވަތަ ޢަޞްރުވަޤުތުއެވެ. އެހެންކަމުން އިރުއޮއްސުމުގެ ކުރީން މިދެނަމާދު ޖަމްޢުކުރެވެންޖެހޭނެއެވެ. ދެން، މަޣްރިބުނަމާދާއި ޢިޝާނަމާދު ޖަމްޢުކުރާނީ މަޣްރިބުވަޤުތު ނުވަތަ ޢިޝާވަޤުތުއެވެ. އެހެންކަމުން، ރޭދެބައިވުމުގެ ކުރީން މިދެނަމާދު ޖަމްޢުކުރެވެންޖެހޭނެއެވެ.)

(ނުނިމޭ)

--ޝައިޚް ޝަފީޢު ޢަބްދުﷲ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް