އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު
ދިރިއުޅުމުގައި އަބަދުވެސް ކަންކަން ކުރިމަތިވާނެއެވެ. ކުރިމަތިވާ ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ވޭންއަޅާ އެއްކަމަކީ ދެމަފިރިން އެކުގައި އުޅެމުން އަދި އެއް އެނދުގައި ނިދަމުންވެސް ރޭނުކުރުންކަން ގިނަ ބައަކު ފާހަގަކުރެއެވެ.
ހުރިހާ ޒަމާނެއްގައިވެސް ހުރިހާ ގޮތްތަކަށްވެސް މީހުން އުޅޭނެއެވެ. ރަނގަޅު ކަންތައްތައް ކުރާ މީހުންނާއި ނުބައި ކަންތައްތައްކުރާ މީހުންވެސް އުޅޭނެއެވެ. ހުރިހާ ފިރިހެނުންނަކީވެސް އަދި ހުރިހާ އަންހެނުންނަކީވެސް ރަނގަޅު ކަންތައްތައް އެކަނި ކުރާނެ ބައެއް ނޫނެވެ. އަދި ހަމައެކަނި ނުބައި ކަންތައްތައް ކުރާނެ ބައެއްވެސް ނޫނެވެ. ރަނގަޅު ކަންތައްތައްކޮށް ރަނގަޅު ގޮތުގައި އުޅޭނެ ބައަކުވެސް ތިބޭނެއެވެ.
އެހެންކަމުން މިވާހަކަދައްކަން މިއުޅެނީ އެއްވެސް ޙާލެއްގައި ވަކި ބައަކު ރަނގަޅު ކޮށްފައި އަނެއްބައަކު ނުބައިކުރާކަށް ނޫނެވެ. ޤަބޫލުކުރިޔަސް ނުކުރިޔަސް، އެއީ މައްސަލައެއްކަމުގައި ދެކުނަސް ނުދެކުނަސް މުސްލިމް މުޖުތަކުގައިވެސް މިއަދު އޮތް އެންމެ ބޮޑު އެއް މައްސލައަކީ ޒިނޭކުރުމުގެ މައްސަލައެވެ. ޒިނޭ ކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައަކަށްވާއިއރުވެސް ބިރެއް ނެތި ޒިނޭކުރުން ޢާންމުވެފައިވާ މައްސަލައެވެ.
ކޮންމެއަކަސް ކިތަންމެ ބޮޑަށް އިންޞާފްވެރިވާން އުޅުނަސް އެއްވެސް ކޮޅަކަށް ބުރަ ނުވެ ބަހެއް ނުބުނެވޭނެއެވެ. ނަމަވެސް މިދައްކާ ވާހަކަކޮޅަށް ރަނގަޅަށް ވިސްނާފައި ބުނާއެއްޗެއް ބުނާށެވެ. ގިނަ ފިރިހެނުންނަށް މިއުޅެނީ އަނބިމީހާގެ ޙައިޟުގެ މުއްދަތު ނިމެންދެން މަޑުން ނުހުރެވިގެންނެވެ. ބަލިވެ ދުވަސްކޮޅަކު އުޅެންޖެހިއްޖެނަމަ ޢަމުދުން މަޑުން ނުހުރެވިގެންނެވެ. އެހެންކަމަށްވާއިރު ފިރިން ގަދަވެ ސަލާމަތުން އަނބިންގެ ގާތުގައި ތިބެމެ އަނބިންނާއި އަޅައިނުލީމާ ވާނީ ކިހިނެއް ހެއްޔެވެ؟ ދެމީހުން އެއް އެނދުގައި ނިދިނަމަވެސް އެކުގައި ރޭނުކޮށް އެތައް ދުވަހެއް ވޭތިކޮށްލީމާ ކަންކަންވާނީ ކިހިނަކުންހެއްޔެވެ؟
ހަމައެކަނި ޒިނޭކުރުމުގެ ހުރި ނުބައިކަމުގެ ވާހަކަ ދެއްކުމަކުން ނުފުދޭނެއެވެ. އަނބިން ނުވަތަ ފިރިން ޒިނޭކުރާތީ ރުޅިއައުމަކުންވެސް އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެއެވެ. ކޮންމެ ކަމެއްވެސް ޙައްލުކުރެވޭނީ އެކަމެއް ޙައްލުކުރަން ގަދައަޅައި މަސައްކަތްކުރީމައެވެ. އެކަމެއް ކުރިމަތިވުމަށް ހުރި ހުރަސްތައްވެސް ނައްތާލެވިގެންނެވެ. ވީމާ މިއީ ކޮންމެ ދެމަފިރިއަކުވެސް ތަންކޮލެއް ފުންކޮށް ވިސްނާލައި ތަންކޮޅެއް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ ކަމެއްކަން ފާހަގަކޮށް އެކަމަށް ނަޞޭޙަތްތެރިވަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
23 މެއި 2025