އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚުޠުބާ: ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ އެމިހާގެ ދަރަޖަ މަތިވެރިކުރެއްވެވުން އެންމެ ބޮޑަށް މަސައްކަތްކުރަން އޮތް ދުވަސްތައް-

ޚުޠުބާ: ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ އެމިހާގެ ދަރަޖަ މަތިވެރިކުރެއްވެވުން އެންމެ ބޮޑަށް މަސައްކަތްކުރަން އޮތް ދުވަސްތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 17 މިނެޓް, 46 ސިކުންތު

މާތް اللهގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން މާތް اللهއަށް ތަޤްވާވެރިވާށެވެ! اللهُ سُبْحَانَهُ وَتَعَالَى ވަޙީކުރައްވައިފައި ވެއެވެ. ---  މާނައީ: "(ކަންހުރިމަގީ) އެއީއެވެ. އަދި اللهގެ ޝަޢާއިރުތަކަށް (އެބަހީ:ހަދުޔު ކަތިލުމާއި، އުޟުޙިޔާ ކަތިލުމާއި، ޙައްޖުގެ ޢަމަލުތަކާއި، އެ ނޫން ވެސް ދީނީ އަމުރުތަކަށް) މާތްކޮށްހިތާ މީހާ (ދަންނާށެވެ!) ފަހެ، އެ ކަންތައް ވަނީ، ހިތްތަކުގެ ތަޤުވާވެރިކަމުގެ ތެރެއިންނެވެ."  

اللهُ تَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ކަން ބަޔާންކުރައްވައި، މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ."  

الله سُبْحَانَه وَتَعَالَى މި އާޔަތްތަކުގައި، ހަނދާންކޮށްދެއްވަނީ މުސްލިމުންނަށްޓަކައި ލައްވަވައިފައިވާ ހެޔޮކަމުގެ މޫސުމެއްގެ މަތީންނެވެ. އެކަލާނގެ އަޅަމެންނަށް ގޮވައިލައްވަނީ،  އެކަލާނގެ ޙަޟުރަތަށް އަލުން އައުމަށެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ، ޙައްޖުމަހުގެ ފުރަތަ ދިހަ ރެއެވެ. މި ދިހަ ދުވަހަކީ  މާތް الله މި ދުނިޔޭގައި ލައްވައިފައިވާ އެންމެ މާތް ދުވަސްތަކެވެ. މި ކަން ބަޔާންކޮށްދެއްވައި މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ أَيَّامِ نِالْعَمَلُ الصَّالِحُ فِيْهِنَّ أَحَبُّ إِلَى اللّٰهِ مِنْ هَـٰذِهِ الْأَيَّامِ الْعَشْرِ. فَقَالُوْا يَا رَسُوْلَ اللّٰهِ، وَلَا الْجِهَادُ فِيْ سَبِيْلِ اللَّهِ؟ فَقَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: وَلَا الْجِهَادُ فِيْ سَبِيْلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ، فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ)[1]  މާނައީ: "މި ދިހަ ދުވަހަށް ވުރެ، اللهގެ ޙަޟުރަތުގައި ޞާލިޙު ޢަމަލުތައްކުރުން ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއްނުވެއެވެ.  އެ ބޭކަލުން ދެންނެވޫއެވެ. އޭ اللهގެ ރަސޫލާއެވެ! اللهގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. اللهގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މެއެވެ. އޭނާގެ ނަފުސާއި މުދާ ހިފައިގެން ނުކުމެ، އެއިން އެއްވެސް އެއްޗަކާއިގެން އެނބުރި ނައި މީހާ ފިޔަވައެވެ." 

މި ދުވަސްތަކުގައި ކުރެވޭން އޮތް ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަނބިއަނބިކަނބަލުންގެ އަރިހުން ވާރިދުވެފައި ވެއެވެ. "އެކަލޭގެފާނު ޙައްޖު މަހުގެ ނުވަ ވަނަ ދުވަހާއި، ޢާޝޫރާ ދުވަހާއި، ކޮންމެ މަހަކު ތިން ދުވަހު ރޯދަފުޅު ހިއްޕެވިއެވެ."[2] 

އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (صَوْمُ يَوْمِ عَرَفَةَ يُكَفِّرُ سَنَتَيْنِ مَاضِيَةً وَمُسْتَقْبَلَةً، وَصَوْمُ عَاشُوْرَاءَ يُكَفِّرُ سَنَةً وَاحِدَةً مَاضِيَةً)[3] މާނައީ: "(ޙައްޖުވެރިޔާ ނޫން މީހާ) ޢަރަފާތު ދުވަހު ރޯދަހިފުމަކީ، ވޭތުވެ ދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނޭ ކަމެކެވެ. އަދި ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެ ދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނޭ ކަމެކެވެ." މާތް الله އަށް ތަޤްވާވެރިވެ، މި ދުވަސްތަކުގައި ހެޔޮ ޢަމަލުތައްކުރުން ގިނަކުރާށެވެ! އެކަލާނގެއީ އިރާދަކުރައްވާ ކޮންމެ އެއްޗެއް ހައްދަވައި، އޭގެ ތެރެއިން އިރާދަކުރައްވާ، އެއްޗެއް މާތްކުރައްވައި، ޚިޔާރުކުރައްވާ ރަސްކަލާނގެއެވެ.  

މުސްލިމުންނަކީ، އެ މީހުންގެ ޢަމަލުތަކާއި، ވަގުތުތަކުގައި، މާތް اللهގެ ބަރަކާތާއި ފުއްސެވުމާއި، ރުއްސެވުމުގެ ތެރޭގައި އުޅޭން ޖެހޭ ބަޔެކެވެ. ޢަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު ޢަމަލަކީ މާތް اللهއަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރާ ޢަމަލުތަކެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ----[4] މާނައީ: "ހެޔޮކަމެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، އެ މީހަކަށް އެ ފަދަ ދިހަ ހެޔޮކަމުގެ ސަވާބު ހުށްޓެވެ." ޤުދުސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. (إِنِّـيْ قَدْ أَمْضَيْتُ فَرِيْضَـتِـيْ، وَخَفَّفْتُ عَنْ عِبَادِيْ، وَجَعَلْتُ لِكُلِّ حَسَنَةٍ عَشْرَ أَمْثَالِـهَا)[5] މާނައީ: "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފަރުޟުތައް ކަނޑައެޅުއްވީމެވެ. އަދި ތިމަންރަސްކަލާނގެ އަޅުންނަށް ލުއިކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ކޮންމެ ހެޔޮކަމަކަށް އެ ފަދަ ދިހަ ހެޔޮކަމުގެ ސަވާބު ލެއްވީމެވެ."  

ބަރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތަކަކީ، ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތް الله މި މަތިވެރި އިސްލާމް ދީން ފުރިހަމަކޮށްދެއްވުން ވެއެވެ. މި ދީން ފުރިހަމަވުމުގެ ސަބަބުން މި ދީނުގެ އަހުލުވެރީންނަށް ފުރިހަމަކަން ލިބެއެވެ. އެ މީހުން ކުރާ ޢަމަލުތަކަށް ފުރިހަމައަށް ސަވާބު ލިބެއެވެ. އެ މީހުންގެ ޙަޔާތް އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮލަފާ ޙަޔާތަކަށް ވެއެވެ. އެ މީހުންގެ ސުލޫކާއި އަޚުލާޤު ރިވެތި ސުލޫކުކަމުގައި ވެއެވެ. އިސްލާމް ދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަޞީބުލިބެއެވެ. މި ދީން ފޯރުކޮށްދެއްވައިފައި ލޮބުވެތި ރަސޫލާ z މި ދުނިޔެ ދޫކުރެއްވީ އެންމެހައި މުސްލިމުންނަށް އެނގޭނޭ ފަދަ ސާފު އަމާން މަގެއްގެ މައްޗަށް އެ ބައިމީހުން ނެރުއްވައިފައެވެ. ޔަހޫދީންގެ ޢިލްމުވެރިއަކު، މާތް الله ރުއްސުންލެއްވި عُمَر رَضِيَ اللّٰهُ عَنْهއަށް ދެންނެވިއެވެ. "ތިޔަ ބޭކަލުންގެ މައްޗަށް ބާވައިލައްވައިފައިވާ ފަދަ އާޔަތެއް އަހަރެމެންގެ ފޮތުގައި އޮތް ނަމަ އަހަރެމެން އެ އާޔަތް ބާވައިލެއްވި ދުވަސް ޢީދެއްކަމުގައި ހެދީމުހެވެ." އެއީ ކޮން އާޔަތެއްތޯ ސުވާލުކުރެއްވުމުން އޭނާ ދެންނެވިއެވެ. އެއީ: --- މި އާޔަތެވެ.[6] މި އާޔަތުގެ މާނައީ: "މިއަދު،  ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."     

މި ދުވަސްތަކުގެ މާތްކަމުގެ ތެރޭގައި މާތް اللهގެ ނިޢުމަތް މުސްލިމުންގެ މައްޗަށް ފުރިހަމަކޮށްދެއްވުން ވެއެވެ. މި ކަމާ ވިދިގެން މީސްތަކުން މި ދީނަށް ބައިބަޔަށް ވަންނާން ފެށިއެވެ. މާތް اللهގެ ނިޢުމަތްތައް ފުރިހަމަކޮށްދެއްވުމުގައި އިސްލާމް ދީން އެހެން ދީންތަކުގެ މައްޗަށް ފާޅުކުރެއްވުން ވެއެވެ.  އެ ދުވަސްވަރު ޢަރަބި ކަރައިގައި ޔަހޫދީ ދީނާއި، ނަޞާރާ ދީނާއި، މަޖޫސީ ދީނާއި، ބުދު ދީން ވަނީ ފެތުރިފައެވެ. އިސްލާމް ދީން ޢަރަބިކަރައަށް ފެތުރި އެ ކަރައިގެ ބިންތަކުން އެހެން ހުރިހާ ދީންތަކެއް ވަނީ ފުހެވިގެން ގޮސްފައެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---[7] މާނައީ: "އެކަލާނގެއީ، ތެދުމަގާއި، ޙައްޤު ދީނާއިގެން އެކަލާނގެ ރަސޫލާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހައި ދީންތަކުގެ މައްޗަށް، އެ ދީން ފައުޅުކުރައްވައި މަތިވެރިކުރެއްވުމަށް ޓަކައެވެ. ހެކިވެވޮޑިގެންވާ ކަލަކުކަމުގައި الله ފުދެއެވެ." ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިފަދަ ހެޔޮ ދުވަސްތަކުގެ ދަރުމަޔާއި ޘަވާބު ޙާޞިލުކުރުމަށް މަސައްކަތްކުރުމުގެ ތައުފީޤު އަޅަމެންނަށް މިންވަރުކުރައްވާނދޭވެ! ޢާމީން!  

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނައެވެ. މުސްލިމުންނަށް މާތް الله ދެއްވާ ފުރުޞަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބައެއްކަމުގައި ވާށެވެ! މި ފަދަ ހެޔޮ ކަން ބޮޑު ދުވަސްތަކުގައި ޞާލިޙު ޢަމަލުތައް ގިނަކޮށް މާތް اللهގެ ޙަޟުރަތުގައި، މަތީ ދަރަޖައެއް ލިބޭތޯ ވާދަކުރާށެވެ! މި ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ ޢަމަލުތަކުގެ ތެރޭގައި މާތް اللهއަށް ޒިކުރުކުރުން ހިމެނެއެވެ. اللهُ تَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ޒިކުރުކުރުމެވެ. އެއީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ. އަދި އެއީ ދުނިޔެއާއި އާޚިރަތުގައި އެ ކަމުގެ ސަބަބުން ނަޖާވުން ލިބޭނޭ ކަމެކެވެ. ޒިކުރުކުރާ މީހާ، ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި،  ނަރަކައިގެ ގިންޏާއި ހިލަތަކުގެ ހޫނުން ރައްކައުތެރިކޮށްދޭނެއެވެ. މާތް اللهއަށް ޒިކުރުކުރާ މީހާގެ މައްޗަށް މާތް اللهގެ ރަޙުމަތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބިގެންވާނެތެވެ. މާތް الله ފަރުޟުކުރެއްވި އެންމެހައި އަޅުކަންތަކާއި ޛިކުރުކުރުމާ ދެމެދުގައި ހަރުދަނާ ގުޅުމެއްވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް