އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު
އަޅުގަނޑު އެއިރުވެސް ހުރީ ކައިވެނިކޮށްގެންނެވެ. 2 ދަރިންވެސް ވަނީ ލިބިފައެވެ. އަނބިމީހާއަކީ ވަރަށް ހެޔޮލަފާ ވަފާތެރި އަންތބެކެވެ. ނަމަވެސް ބޮސް އުޅޭ ގޮތަށް އުޅޭ ހިތްވެ ހިލޭ އަންހެނަކާއި ގުޅުން ބޭއްވުނެވެ.
ލިބޭ މުސާރައާއި ކުރާ ބައެއް ކުދިވިޔަފާރިތަކުން މަހަކު ލައްކައަކާއި ކައިރިކުރާ ވަރަށް އާމްދަނީލިބެއެވެ. އެހެންވެ މާބޮޑަކަށް ކަންކަމަކަށް ނުވިސްނަމެވެ. ހޭވެރިކަންވީ ކުޑަފިހާރައެއް ހުޅުވަންވެގެން ބޭންކް އެކައުންޓް ޗެކްކޮށްލި ދުވަހުއެވެ. އެކައުންޓުގައި އެންމެ ދިހަހާސް ރުފިޔާވެސް ނެތީމައެވެ.
އެދުވަހު ވިސްނުނެވެ. ލިބުނުހައިފައިސާތައް ގެއްލިގެން މިދިއައީ ވިސްނައިނުލާ ބޭކާރު ގޮތުގައި ޚަރަދުތައް ކުރީމައިކަމެވެ. ހިލޭ އަންހެނަކަށް ޚަރަދުކުރެވުނީމައި ކަމެވެ. އޭނާ ބުނިހައިކަމެއް ކޮށްދެވުނީމައި ކަމެވެ. އެންމެ ދެރަވީ ޙަލާލް އަނބިމީހާގެ ކިބައިން ނުލިބޭ އިތުރު އުފާވެރިކަމެއް ލޯބިވެރިޔާގެ ކިބައިން ނުލިބޭކަން ކުރިން ނުވިސްނުނީތީއެވެ.
މެދުވެރިވި ކަންކަން ވިސްނި ޙަޤީޤަތް ޤަބޫލުކުރެވުމުން ހަމަ އެދުވަހުން ފެށިގެން އުޅުން އިޞްލާޙްކުރީމެވެ. އެކުވެރިއަކު އަތުން ކުޑަ ފައިސާކޮޅެއް ދަރަންޏަށް ހޯދައިގެން އަނެއްކާވެސް ކުރިއަށްދާން މަސައްކަތްފެށީމެވެ. އެއީ ރަމަޟާން މަހެކެވެ. އެމަހު އެކަނިވެސް 200000 (ދެލައްކަ) ރުފިޔާ ފައިދާވިއެވެ.
މިއީ އެއިގެ 5 އަހަރު ފަހެވެ. ވަޒީފާއިން ވަކިވެ މިއަދު މިހުރީ އަމިއްލަ މަސައްކަތުގައެވެ. މިއަދު މަހެއްގެ މައްޗަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި އެބަކުރެވެއެވެ. އެކަށީގެންވާ ރަނގަޅު ފައިދާއެއްވެސް ލިބެއެވެ. އިން ޝާ ﷲ
އަޅުގަނޑުގެ ވާހަކަކޮޅު ފުރިހަމަވާނީ އެ ބޮސްގެ ވާހަކަވެސް ބުނެލީމައެވެ. އޭނާއަކީ ގިނަ މުވައްޒިފުންތަކެއް ގޮވައިގެން ތަފާތު މަސައްކަތްތައް ކުރާ މީހެކެވެ. މިހާރުވެސް މުވައްޒިފުންނަށް މުސާރަވެސް ނުދެވޭތާ އެތައް މަހެކެވެ. އަޅުގަނޑުގެ އަތުން ގެންގޮސްފައިވާ މުދަލުގެ އަގަށްވެސް ހަލައްކަ ރުފިޔާ އާއި ގާތަށް ނުދެއްކި އެބައޮތެވެ.
މިވާހަކަ މިއަދުނޫހާއި ޙިއްޞާމިކުރީ އަޅުގަނޑުގެ ތަނަވަސްކަމުގެ ވާހަކަދައްކާކަށް ނޫނެވެ. ތަނަވަސްކަމަކީ ﷲ ދެއްވެވީމާ ދެއްވެވި ވަރަކަށް ލިބޭ އެއްޗެކެވެ. އެއީ އެއްވެސް މީހެއްގެ މޮޅުކަމުން ލިބޭ އެއްޗެއް ނޫނެވެ. އަޅުގަނޑުގެ ބޭނުމަކީ އަޅުގަނޑަށް ކުރެވުނު ނުބައި ޢަމަލު ކަމުގައިވާ ހެޔޮލަފާ އަންތބަކ ލިބިފައިވަނިކޮށް ހިލޭ އަންހެނުންނަށް ޚަރަދުކުރުން ހުއްޓައިލުމުން ލިބުނު ކުރިއެރުން ފާހަގަކޮށް އެކަން ޙިއްޞާކުރުމެވެ. އަޅުގަނޑު ފަދައިން އެކަން ކުރެވޭ މީހުންނަށް ޢިބްރަތަކަށެވެ. ބޮސްގެ ވާހަކަ މިބުނީ އޭނާ ފަޟީޙަތްކުރާކަށް ނޫނެވެ. ޒުވާންކުދިންގެ ފަހަތުން ދުވުމަކީ ދިރިއުޅުން ބަނގުރީޓުވާ ސަބަބެއްކަން އަންގައިދިނުމަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
(މިވާހަކަ ޙަޤީޤީ ޙާދިސާއެއްގެ ގޮތުގައި މިގެނެސްދިނީ ކިޔުންތެރިޔާއަކީ މިއަދުނޫހަށް އޭނާގެ ޙަޤީޤަތް ވަރަށް ރަނގަޅަށް އެނގޭ ޒުވާނަކަށްވާތީއެވެ.)
Advertisement
25 މެއި 2025