އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ވަޠަނީ ޚިދުމަތުގައި ހަރުދަނާ ބައެއްގެ ގޮތުގައި ބައިވެރިން ތަމްރީން ކޮށްދެއްވުމަށް، ރައީސް އެދިވަޑައިގެންފި

ދިވެހި ވަޠަނީ ޚިދުމަތުގައި ހަރުދަނާ ބައެއްގެ ގޮތުގައި ބައިވެރިން ތަމްރީން ކޮށްދެއްވުމަށް، ރައީސް އެދިވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ދިވެހި ވަޠަނީ ޚިދުމަތަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ދިވެހިރާއްޖޭގައި މުޅިން އަލަށް ފަށާ ކަމަކަށްވުމާއެކު، މިކަމުގައި ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު މަސައްކަތްކޮށްދެއްވައި، ބެލެނިވެރިންނާއި ރައްޔިތުން އުންމީދުކުރާފަދަ ހަރުދަނާ ބައެއްގެ ގޮތުގައި ބައިވެރިން ތަމްރީން ކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ، ސިފައިންގެ މައިމަރުކަޒު، ބަންޑާރަކޮށީގައި ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންނާ މިއަދު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވާ ޒުވާނުންނަކީ، އިސްލާމް ދީނަށް ލޯބިކުރާ، ދީނީ ކަންކަމަށް ފަރުވާތެރި، ޤައުމިއްޔަތުގެ ވިސްނުންހުރި، ޤައުމަށް ބޭނުންތެރި، ރިވެތި އަޚުލާޤާއި ސުލޫކުގެ ވެރި ބައެއްގެ ގޮތުގައި ތަމްރީނުކޮށްދެއްވުމަށްވެސް އެދިވަޑައިގަތެވެ.

އެއްވެސް އިޝްތިހާރުކުރުމެއް ނެތިވެސް، މި ޕްރޮގްރާމަށް މިހާތަނަށް ނުވަސަތޭކައާ ގާތްކުރާ ޢަދަދަކަށް، ޒުވާނުން ކުރިމަތިލާފައި ވާއިރު، މިއީ، މިފަދަ ޕްރޮގްރާމަކަށް ބެލެނިވެރިން ބޭނުންވެފައިވާ މިންވަރާއި ޒުވާނުންގެ މެދުގައި މި ޕްރޮގްރާމަށް އޮތް ތާއީދުގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ މިފަދައިން، ދިވެހި ވަޠަނީ ޚިދުމަތަކީ ދިވެހީން ބަލައިގަންނަ، ދިވެހި ޒުވާނުންގެ މެދުގައި މަޤްބޫލު، ނަމޫނާ ޙަރަކާތެއްގެ ގޮތުގައި ތަރައްޤީކުރެވިގެންދިއުމަށް ނުހަނު ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަރައްވައި، ޕްރޮގްރާމްގެ ބައިވެރިންނާއި ބެލެނިވެރިން، މި ޕްރޮގްރާމަށް ކުރާ އުންމީދު ޙާޞިލުވާނެހެން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވުމަށް މުދައްރިބުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ މޯލްޑިވްސް ނެޝަނަލް ސަރވިސްއަކީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަޚްލާޤު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވާ ވަރަށް ޚާއްޞަ ވަޠަނީ މަޝްރޫޢެކެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުމާއި، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ބައްޓަންކުރުން ހިމެނެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޤިޔާސްއާއި ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ. އަދި، ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންގެ އިތުރުން، ދިވެހި ވަޠަނީ ޚިދުމަތުގެ މަސައްކަތްކުރައްވާ ސިފައިންގެ އިސް އޮފިސަރުންވެސް ބައިވެރިވެވަޑައިގަތެވެ.

މޯލްޑިވްސް ނޭޝަނަލް ސަރވިސްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާއެކު، މޭ 28، 2025ގެ ނިޔަލަށް 891 ޒުވާނުން ކުރިމަތިލާފައިވެއެވެ. މޯލްޑިވްސް ނެޝަނަލް ސަރވިސްގެ ތަމްރީންގެ ފުރަތަމަ ބުރަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މި ފެށޭ ޖޫން މަހުގެ 1 ވަނަ ދުވަހުގެ 1200 ގެ ނިޔަލަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު