އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު
ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޚާއްސަ ހަފްލާގައި ރާއްޖޭގެ 4 އަތޮޅެއްގައި ޤާއިމުކޮށްފައިވާ ޑަޔަލަސިސްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ.
ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ރާއްޖޭގެ ރަށްރަށުގައި ޑަޔަލަސިސްގެ ޚިދުމަތް ދޭ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި މަޝްރޫޢުގެ ދަށުން އަލަށް ޚިދުމަތް ފަށާފައިވަނީ ނ.ވެލިދޫ ޞިއްޙީ މަރުކަޒު، މ.މުލީ ރީޖަނަލް ހޮސްޕިޓަލް، ތ.އަތޮޅު ހޮސްޕިޓަލް އަދި ގއ.އަތޮޅު ހޮސްޕިޓަލް ގައެވެ.
މި މަޝްރޫޢުގެ ދަށުން މީގެ ކުރިން، މިދިޔަ ފެބުރުއަރީމަހު ހއ.އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އަދި 2024 ވަނަ އަހަރު ށ.އަތޮޅު ހޮސްޕިޓަލުގައިވެސް ވަނީ ޑަޔަލަސިސްގެ ޚިދުމަތް ފަށާފައެވެ.
ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގެ 5 އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ޑަޔަލަސިސްގެ ޚިދުމަތް ވަނީ ފެށިފައެވެ. މި ޚިދުމަތް އަދި ނުފެށި އޮތީ އއ، އދ، ވ، ފ، އަދި ދ. އަތޮޅު ގައެވެ.
އެ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ޑަޔަލަސިސްގެ ޚިދުމަތް އަދި ނުފެށި އޮތް 5 އަތޮޅުގައިވެސް މި ޚިދުމަތް ފެށޭނެއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.
Advertisement
29 މެއި 2025