އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު
މިއަހަރުގެ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ފެށުމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހަމަޖައްސައިފިއެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުގެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުންގެ ބަޔާއި، ސްކޫލް ކުދިންގެ ބަޔާއި، މުއައްސަސާތަކުގެ ބައެވެ.
ޙާފިޒުންގެ ބައިގައި ބައިވެރިވެވޭނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތްވާގޮތުގެ މަތިން މުޅި ޤުރުއާން ހިތުދަސް ބސް ބައިވެރިންނަށެވެ. މުބާރާތުގައި ބައިވެރިވެވޭ ކޮންމެ މުއައްސަސާއަކަށްވެސް މި ބައިގައި ބޭނުން ޢަދަދަކަށް ހާފިޒުން ބައިވެރި ކުރެވިދާނެއެވެ. އަދި އަމިއްލަ ގޮތުންވެސް ބައިވެރިވެވޭއިރު މިބަޔަށް ޙާފިޒުކަމުގެ ސަނަދު ހުށަހަޅަން ޖެހެއެވެ.
މުއައްސަސާތަކުގެ ބައިގައި މިފަހަރު ބައިވެރިވެވޭނީ ކަމާބެހޭ އިދާރާއެއްގައި އުނގަންނައިދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޤުރުއާން ކިޔަވައިދޭ ތަންތަނަށެވެ. ސްކޫލް ކުދިންގެ ބައިން ބައިވެރިވެވޭނީ ތަޢުލީމީ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލް މަދަރުސާތަކުގެ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 5 އާ ދެމެދުގެ ދަރިވަރުންނަށެވެ.
ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕާއި ހާފިޒުންގެ ގޮފި އޮންނައިރު މުބާރާތުގެ ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުންވެސް މި ވަނަތައް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުންވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވާނެކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތު ދެއްވިއެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގައި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށާއި، ޤުރުއާން ކިޔެވުމުގެ ހުނަރު އިތުރުކުރުމަށް ބާއްވާ އެންމެ މުހިންމު މުބާރާތެވެ. މި މުބާރާތުގެ ސަބަބުން ގިނަ ޢަދަދެއްގެ ކުދިންނާއި ބޮޑެތި މީހުން ޤުރުއާން ކިޔެވުމަށް ޝައުޤުވެރިވެ، އެކަމަށް އަހުލުވެރިވަމުން އަންނަކަން ފާހަގަކުރެވެއެވެ.
Advertisement
3 ޖޫން 2025