އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު
ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް 194 މިލިއަން ޖަޕަނީސް ޔެން (1.3 މިލިއަން އެމެރިކާ ޑޮލަރު) ހިލޭ އެހީގެ ގޮތުގައި ދިނުމަށް ނިންމައިފިއެވެ. މި އެހީ ދިނުމަށް ނިންމާފައިވަނީ ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް)ގެ ދަށުންނެވެ.
މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ ދަށުން 2025 ވަނަ އަހަރަށް ހަ ސްކޮލަރޝިޕް ފުރުޞަތު ދިވެހިރާއްޖެއަށް ލިބިގެންދާނެއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަލްފާޟިލާ ޝެރީނާ ޢަބްދުއްޞަމަދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސިޒް އިޝިގާމީ ރުމީކޯއެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމުގެ މަޤްޞަދަކީ މުސްތަޤްބަލުގައި އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ޤާބިލު އަދި ޤައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުމެވެ. މި ޕްރޮގްރާމުގެ ދަށުން ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ލިބިގެންދާނެއެވެ.
ޖަޕާން ސަރުކާރުން 2020 ވަނަ އަހަރުން ފެށިގެން މި އެހީ ދެއްވަމުން ގެންދަވައެވެ. މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އެހީއަކީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ. އަދި މި އެހީގެ ސަބަބުން ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިވެ، ޤައުމުގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
Advertisement
3 ޖޫން 2025