އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު
ޖިންނި ޝައިޠޯނުން އަހުރެމެންގެ ލޯތަކަށް ނުފެނުނުކަމުގައިވީނަމަވެސް އަހުރެމެންގެ ވަށައިގެން އެތަކެތި އެނބުރޭކަން އެބައެނގެއެވެ. އަހުރެމެންނަށް ގެއްލުންދޭން މަސައްކަތްކުރާނެކަންވެސް އެބައެނގެއެވެ. މިއީ ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެ ކަންކަމެވެ.
ޖިންނިއެއްގެ ނުވަތަ ސިހުރެއްގެ ނުވަތަ އެސްފީނާގެ ނުވަތަ ކޮންމެވެސް މީހެއްގެ ކިބައިން ތިމާއަށް ގެއްލުންތަކެއް ލިބޭކަމުގެ ޝަކުވާއަކީ އެންމެ ގިނައިން ލިބޭ ޝަކުވާތަކެވެ. ގެއްލުމެއް ލިބޭނަމަ އުނދަގުލެއްފޯރާނަމަ އެކަމުގެ ޝަކުވާކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކަސްވަނީ މިސުވާލުގެ ޖަވާބެވެ. "ތިބާ ތިއަ ހުންނަނީ އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅައިގެންހެއްޔެވެ؟"
ﷲ ތަޢާލާ ވަނީ ރަސޫލް ﷺ ހުރިހާ ކަމަކުން ސަލާމަތްކުރައްވަވައިފައެވެ. ނަމަވެސް ރަސޫލް ﷺ އަށް ސިހުރުޖެހިވަޑައިގަތީ ކީއްވެގެންހެއްޔެވެ؟ އަހަރެން ދެކޭ ގޮތުގައި އެއީ މީސްތަކުން ތިބެން ޖެހޭނީ ތަޢާލާގެ ރައްކައުތެރިކަން ހޯދައިގެންކަން ބަޔާން ކުރެއްވެވުމަށެވެ. ސިހުރުހާހޫރައާއި އެސްފީނާ އާއި ޖންނި ޝައިޠޯނުންގެ އާއި މީސްތަކުންގެ އުނދަގޫ ފޯރާނެކަން ބަޔާންކުރެއްވެވުމަށެވެ. އަދި އަބަދުވެސް މީސްތަކުން ތިބެންޖެހޭނީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގެންކަން ބަޔާންކުރެއްވެވުމަށެވެ.
އެކަމަށް ޚާއްޞަކުރައްވަވައި ކީރިތި ޤުރްއާނުގައި ސޫރަތެއް ބާވައިލެއްވެވީ އެސަބަބަށްޓަކައެވެ. ދެއިރު އާޔަތުލްކުރުސި އާއި އިޚްލާޞް، އަލްފަލަޤް، އަދި އައްނާސް ސޫރަތް ކިޔަވަން ޙަދީޘްފުޅުކުރެއްވެވީވެސް އެ ސަބަބަށްޓަކައެވެ. ހެނދުނާއި ހަވީރު ކިޔަންވީ ޛިކްރުތަކާއި ގެއިން ނުކުންނައިރުގައާއި ދަތުރުމަތީގައި ކިޔަންޖެހޭ ޛިކުރްތައް ބަޔާން ކުރައްވަވާފައިވަނީ އެ ސަބަބަށްޓަކައެވެ.
އަދިވެސް ވިސްނައިލާށެވެ! އެންމެހައި ކަންކަމުން ސަލާމަތްކަން ދެއްވަވާ ﷲ ތަޢާލާ އާއި ތިބާއާއި ދެމެދު އޮންނަންޖެހޭ ގުޅުން ބާއްވަންހެއްޔެވެ؟ ތިބާ ފޭރާންލައި އުޅެނީ ﷲ ތަޢާލާ އެންގެވިގޮތަށް ހެއްޔެވެ؟ ކީރތި ޤުރްއާން ކިޔަމުހެއްޔެވެ؟ ޚާއްޞަކޮށް ބަޤަރާ ސޫރަތް ކިޔަވަމުހެއްޔެވެ؟
رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ وَاَعُوْذُبِكَ رَبِّ اَنْ يَّحْضُرُوْنِ
އެންމެފަހުން މިދުޢާކީ ކޮންދުވަހަކު ހެއްޔެވެ؟
މީސްތަކުންނޭވެ! މިކަންކަންކޮށް ﷲ ތަޢާލާގެކިބައިން ރައްކައުތެރިކަން ލިބިނުގަނެ ހުރެ، މިވެނިކަމެއް ވެއްޖެއޭ، މިވެނި އަޑެއް އިވިއްޖެއޭ، ނިދީގައި ބިރުވެރިކަންކަން ފެންނަނީއޭ ކިޔުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ލޮބުވެތިކަނބަލުންނޭވެ! ހައިޟް، ނިފާސްކަމުގެ ދުވަސްވަރުކަމަށް ވެގެންވެސް މިފަދަ ޛިކްރުތައް ނުކިޔައި ނުތިބޭށެވެ. އެއީ ޛިކްރު ނުކުރަން އޮތް ސަބަބެއް ނޫނެވެ.
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
5 ޖޫން 2025