އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 37 ސިކުންތު
އަހަރެންނަކީ މިއަދުނޫހުގެ ހަޤީޤީ ހާދިސާތައް ޤަވައިދުން ކިޔަމުން އަންނަ މީހެކެވެ. މި ލިޔުމަކީ އަހަރެންނަށް ދިމާވެފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުން ލިޔުމުގެ އެންމެ ބޮޑު ބޭނުމަކީ މީހުންނަށް މަލާމާތްކޮށް ފުރައްސާރަކޮށް ހަދަމުންދާ މީހުންނަށް އިބްރަތެއް ހާސިލުވޭތޯ ބެލުމެވެ. އެހެނީ މަލާމަތްކޮށް ފުރައްސާރަ ކުރުމަކީ މުޖުތަމަޢުގެ ވަރަށް ގިނައި އަޑު އިވި ފެންނަ މަންޒަރުތަކެވެ. މި ހާދިސާ ކިޔުމަށް ފަހު ކިޔުން ތެރީންނަށް މިއިން ޢިބްރަތެއް ލިބިއްޖެނަމަ މަޤްސަދު ހާޞިލުވީއެވެ.
މިއީ މީގެ 2 އަހަރެއްވަރު ކުރިން ހިނގާފައިވާ ހާދިސާއެކެވެ. އަހަރެން ދިޔައީ އަހަރެންގެ ތިމާގެ ކުއްޖެއްގެ ގެއަށެވެ. އެގެއަށް ދިއުމުން އަހަރެންނަށް މެހެމާންދާރީ އަދާކުރީ ވަރަށް ރަނގަޅަށެވެ. ގިނަ ވަގުތު އެގޭގައި އިނުމުގެ ބޭނުގައި އެގޭގައި ތިބި ތިމާގެ ކުދިންނާއި އެކިއެކި ވާހަކަދައްކައި ހަދަމުން ދަނިކޮށް ކުއްލިއަކަށް އެގެއަށް އައީ އަހަރެންގެ ބޭބެ އާއި ފަހަރި އެވެ.
އަހަރެން ފެނުމާއި އެކުގައި ފަހަރި ފުރަތަމަވެސް ބުނީ އަހަރެންގެ ނަން ކިޔާފަ ހާދަހާ ފަލަ އޭ އެވެ. އަހަރެން އިންތަނުގެ ގޮތުންނާއި އިން ޕޮޒިސަނުން ގެ ގޮތުން ރަނގަޅަށް އަހަރެން ނުފެންނާނެއެވެ. އެކަމު ގިނަ މީހުންތިބި ތަނެއްގައި އެގޮތަށް ބުނުމުން ވަރަށް ރުޅި އައެވެ. ދެރަވެސްވިއެވެ. ނަމަވެސް އެއީ އާއްމު ބަހެއް ކަމުގައި ހިތަށް އެރުވީމެވެ. އަދި އެއްވެސް އެއްޗެއް ރައްދުގައި ނުބުނެ ކެތްތެރިކަމާއި އެކުގައި އެތަނުގައި އިނދެފައި ނިކުމެގެން އައީއެވެ.
އެކަމަކު ނިކުމެން އައިރު ވެސް ހިތުން އެކަމެއް ފިލުވައެއްނުލެވުނެވެ. އެންމެފަހުން އެގޭ ތިރިޔަށް ފައިބައިހުރެ ދުޢާ އެއް ވެސް ކުރެވުނެވެ.
އެ ދުޢާއަކީ ޔާ ﷲ! ހުރިހާ ކަމެއް ދެނެވޮޑިގަންނަވާ ފަރާތަކީ ތިއައީ... މީސްތަކުންގެ ހިތްތަކުގައި ފޮރުވިފައިވާ ހުރިހާ ކަމެއް ދެނެވޮޑިގެން ފަރާތަކީ ވެސް ހަމަ ތިއައީ ...ދެންމެގައި މިއަޅާއާ ދިމާއަށް ފަލަ އޭ ބުނި މީހާގެ ބަސް އިނބަރަސްކަލާނގެ އަޑު އައްސަވާވޮޑިގެންފީމު...ޔާ ﷲ! އޭނާ އެހެން މިއަޅާ އާ ދިމާލަށް އެބުނީ އެއްވެސް ހަސަދައާއި ރުޅިވެރިކަމެއް ނެތި ނަމަ އޭނާ އަށް ކުށް މާފްކޮށް ދެއްވާންދޭވެ.......އަދި އޭނާ އެހެން އެބުނީ މިއަޅާ ލަދުގަންނަވައި ދެރަ ކޮށްލުމުގެ ބޭނުގައި ނަމަ އިނބަރަސްކަލާނގެ އޭނާ ލަދު ގަންނާނެ ފަދަ ކަމެއް މިންވަރުކޮށްދެއްވާންދޭވެ!
ﷲ ގަންދީހުވާކޮށްބުނަމެވެ. އޭގެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ފަޟީހަތްވާނެ ކަމެއް ﷲ މިންވަރު ކުރެއްވިއެވެ. އަދި އެވާހަކަތައް ނޫސްތަކުގަޔާއި ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔައެވެ.
އެހެންކަމުން ބުނަމެވެ. މަޖަލަކަށް ހަދާފައި ނަމަވެސް މީހުންނާއި ދިމާލަށް އެމީހަކު ނުރުހޭނެ އަދި ލަދުގަންނާނެ އެއްޗެއް ނުބުނާށެވެ ތިމާއަށް އެކަމުގެ ހިތި ރަހަ އިޙްޞާޞްކުރަން ޖެހޭނީ ކިހިނެއްކަމެއް ނޭންގޭނެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ
(މިވާހަކަ ގެނެސްދީފައިއެވަނީ ކިޔުންތެރިޔާގެ އަމިއްލަ ޢިބާރާތުންނެވެ.)
Advertisement
5 ޖޫން 2025