އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިވާހަކަ ނިކަން ކިޔާލަބަލަ!: މައިންބަފައިންގެ ކޯލްތަކަށް ޖަވާބުނުދޭ ދަރިންގެ "ކޯލް"ތަކަށް ﷲ ތަޢާލާ "ޖަވާބު" ނުދެއްވަވައިފާނެކަމަށް ބިރުނުގަންނަނީ ހެއްޔެވެ؟

މިވާހަކަ ނިކަން ކިޔާލަބަލަ!: މައިންބަފައިންގެ ކޯލްތަކަށް ޖަވާބުނުދޭ ދަރިންގެ "ކޯލް"ތަކަށް ﷲ ތަޢާލާ "ޖަވާބު" ނުދެއްވަވައިފާނެކަމަށް ބިރުނުގަންނަނީ ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 30 ސިކުންތު

އަހުރެންނަކީވެސް އެހައި ތަނަވަސް މީހެއް ނޫންނަމަވެސް ފުދިގެން ދިރިއުޅެމުން އަންނަ އަންހެނަކީމެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅެވުނީ ތަނަވަސްކަން އިތުރުކުރަން މަސައްކަތްކުރަމުން އަންނަ ޒުވާނަކާއިއެވެ.  

އޭނާ ވަރަށް ބުރަކޮށް މަސައްކަތްކުރެއެވެ. ފައިސާ އިސްރާފެއްވެސް ނުކުރެއެވެ. ޚަރަދުކުރަނީވެސް ބަލައިގެންނެވެ. ނަމަވެސް އެކަށީގެންވާވަރާއި ގާތަކަށްވެސް ކުރިއެރުމެއް ނުލިބެއެވެ. އޭނާ ބުނަނީ ނަމާދުކޮށް ދުޢާވެސް ކުރާކަމަށެވެ. އަހުރެން ވިސްނައިގެން ހުރީ ކައިވެންޏަށްފަހު އޭނާއަށް އެހީތެރިވެ ދިނުމަށެވެ. ދެމީހުން ގުޅިގެން މަސައްކަތްކުރަން ފެށީމާ ކުރިއެރުން ލިބިދާނެ ކަމަށެވެ.  

އަހުރެންގެ ގޭގައި މަސައްކަތު މީހަކަށް ގެންގުޅެނީ މުސްކުޅި ފިރިހެނެކެވެ. ކޮންމެ ދުވަހަކުވެސް ފަތިހާ އޭނާ އައިސް ބަގީޗާއަށް ފެންދޭނެއެވެ. އަހުރެންގެ ކާރު ދޮވެދޭނެއެވެ. ދެންވެސް ހުންނަ އެބާވަތުގެ ކަންކަން ކޮށްފައި އޭނާދާނީއެވެ. ދެން ހުންނަ މަސައްކަތްތައް ކުރަނީ އަމިއްލައަށެވެ.  

އެއީ ހުކުރުދުވަހެކެވެ. ހެނދުނު ސައިބޯން އިށީނދެފައި ބަލައިލިއިރު އޭނާ ހުރީ ބިއްލޫރިތައް ފުހޭށެވެ. އެހެންވެ ގޮވައި ގެނެސް އެކުގައި ސައިބުއިމަށް ދަޢުވަތުދިނީމެވެ. ސައިބޯން ތިބެގެން ދެއްކިވާހަކައިން އެނގުނީ އޭނާގެ ހުންނަނީ އެންމެ ފިރިހެން ދަރިއެއްކަމެވެ. އޭނާއަށް ކިޔަވައިދިނީ ބުރަކޮށް މަސައްކަތްކޮށްގެން ކަމެވެ. ކިވަވައި ނިމިގެން ވިޔަފާރިއެއް ފަށަން ބޭނުންކަމަށް ބުނުމުން އޭނާއަށް މައިންބަފައިންގެ ކިބައިން ލިބިފައިވާ ބިމެއް ވިއްކާލައި ލިބުނު ފައިސާ ދީފައިވާނެ ކަމެވެ. އަދި މަސައްކަތް ފެށިފަހުން ދިރިއުޅެނީ ވަކިން ކަމަށާއި އުޅޭތަނެއްވެސް ނުއެނގޭ ކަމެވެ. އަދި އޭނާއަށް ފޯނުވެސް ނުކުރާކަމާއި ފޯނުކުރިޔަސް ނުވެސް ނަގާކަމެވެ.  

އެވާހަކަތައް ކިޔައިދިނުމުން ފޯނުގައި ދަރިފުޅުގެ ފޮޓޯއެއް އިންނަމަ ދައްކައިލުމަށް ބުނީމެވެ. ދައްކައިލުމުން ދިއައީ ސިއްސައިގެންނެވެ. އޭނާގެ ނަން އެހުމުން ބުނީ ލޯބިވެރިޔާގެ ނަން ކަމަށްވުމުން އިތުރަށް ޝައްކުކުރާނެ ޖާގައެއްވެސް ނެތެވެ. އަހުރެން ބުނީމެވެ. "އަހުރެންނަށް ތިއަ ޒުވާނާއާއި ބައްދަލުވެއްޖެނަމަ ވިސްނައިދޭން މަސައްކަތްކުރާނަމެވެ.  

ޢާދައިގެމަތިން އެދުވަހު ހަވީރު ލޯބިވެރިޔާ ގެއަށް އައުމުން އޭނާގެ ބައްޕަގެ ފޮޓޯއެއް ދައްކާފައި ދަންނަ މީހަކުތޯ ސުވާލުކުރުމުން ހެދީ ދޮގެވެ. ބުނީ ނުދަންނަ ކަމަށެވެ. އަހުރެން ބުނީމެވެ. "މިއަދު ތިއަ ހުންނަނީ ކަލެއަށްޓަކައި ބުރައުފުލައިގެން ބަލައި ބޮޑުކުރި ބައްޕަގެ ޙާލު ނުބަލައެވެ. ބައްޕަގެ ކޯލްތަކަށް ޖަވާބުވެސް ނުދީއެވެ. ކައިވެނިކުރީމާ އަހުރެންނާއިމެދު ކަންތައް ކުރާނީ ހަމަ ތިއަގޮތަށް ނޫންހެއްޔެވެ؟  

ދެން އޮތީ ވިޔަފާރީގައި ކުރިނާރާ މައްސަލައެވެ. ވިޔަފާރި ތިއަކުރަނީ ބައްޕަގެ ބިމެއް ވިއްކާލާފައި ދިން ފައިސާއިން ނޫނެހެއްޔެވެ؟ ތިއަ ބުނަނީ ދުޢާކުރާ ކަމަށެވެ. ބަލަ ކަލޭ، ކަލޭގެ ބައްޕަގެ ކޯލްތަކަށް ޖަވާބނުނުދޭއިރު ކަލޭގެ ކޯލްތަކަށް ﷲ ތަޢާލާ ޖަވާބު ދެއްވަވާނެ ކަމަށް ހީކުރަނީހެއްޔެވެ؟ ދެއްވަވައިފިނަމަ އެއީ ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަމެވެ. ނަމަވެސް އަހުރެން ބުނާނީ ގާތީ ނުދެއްވެވުން ކަމަށެވެ. ސަބަބަކީ މައިންބަފައިން ދެރަކޮށް ހިތުގައި ޖެއްސުވުމާއި އެމީހުންނަށް އަޅައިނުލުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އެއްކަންތައްވީމައެވެ.  

އަހުރެންނާއި ގުޅެން ބޭނުންނަމަ ތައުބާވާށެވެ! ބައްޕަގެ ކިބައިން މާފަށް އެދޭށެވެ. ބައްޕައަށް އަޅާލައި ހެޔޮކޮށްހިތާށެވެ. 3 މަސްދުވަހު އަހުރެންނަށް ނުވެސް ފެނި ހުންނާށެވެ! މިބުނި ގޮތަށް ކަންކަން ކޮށްފައި އަންނާށެވެ! އަހުރެން އިންތިޒާރުކުރާނަމެވެ. އަހުރެން އޭނާއާއި ވަކިނުވީ މީހަކު އިޞްލާޙްކުރެވިއްޖެނަމަ އެކަމަށް މާތް ﷲ ދެއްވަވާނެ ޘަވާބުގެ ދަހިވެތިކަމުގައެވެ.  

ލޯބިވެރިޔާ އަހުރެން ބުނި ގޮތަށް ކަންކަންކުރަން ފެށުމުން ބައްޕަ ހުންނަނީ ވަރަށް އުފަލުންކަން އެނގުނެވެ. އޭނާ ކަންކަންކުރާ ގޮތް ބައްޕަގެ ގާތުން އޮޅުންފިލުވީމެވެ. އެކަމަކު އެއްވެސް އިތުރު ވާހަކައެއް ބައްޕަގެ ގާތަކު ނުބުނަމެވެ. 3 މަސްކޮށްފައި އައިސް އޭނާ ކަންކަން ކުރި ގޮތް ކިޔައިދިނެވެ. އަދި މިހާރު ވިޔަފާރި ކުރިއަރަމުން އަންނަ ކަމަށްވެސް ބުންޏެވެ.  

ދެމީހުން ކައިވެނިކުރީއެވެ. އެދުވަހު ބައްޕަހުރީ ވަރަށް އުފަލުންނެވެ. ވަރަށް ގިނައިން ހެޔޮދުޢާކުރިއެވެ. ކައިވެންޏަށް މިހާރު 5 އަހަރެވެ. ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ.  

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ މިއީ ހަަމ ކޮންމެ ދަރިއަކަށްވެސް ފައިދާކުރާނެ ވާހަކައަކަށްވާތީއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް