އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 12 މިނެޓް, 42 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
ކޮންމެ ކަމަކަށްވެސް އަދި އެއްޗަކަށްވެސް ލޯބިކުރުން އިތުރުކުރެވޭނީ އެއްޗެއްޗެއްގައިވާ ކަންކަމާއި އެކަންަކމުން ކުރާނެ ފައިދާ އެނގުނުވަރަކުންނެވެ. ގިނަ ބައަކަށް ފަރުވާ ކުޑަކުރެވޭ އެއްކަމަކީ ކީރިތި ޤުރްއާނާއި ބެހޭ ގޮތުން އެނގެން ޖެހޭނެ ކަންކަން ނުއެނގުމެވެ. އެއީ ވަރަށް ބައިވަރު ކަންކަމެވެ. މިލިޔުމުގައި ފާހަގަކޮށް މިލަނީ އެއިގެ ތެރެއިން ބައެއް ކަންކަމެވެ.
ކީރިތި ޤުރުއާނަކީ ޖިބްރީލްގެފާނު މެދުވެރި ކުރައްވަވާ رسول الله صلى الله عليه وسلم އަށް ބާވައިލެއްވުނު ﷲ سبحانه وتعالىގެ ކަލާމްފުޅެވެ. މިފޮތުގައި އަޅުގަނޑުމެން އިންސާނުން އުޅެންވީ ގޮތް ވަރަށް ފުރިހަމައަށް ބަޔާން ކޮށްދެއްވާފައިވެއެވެ. މިގޮތުން މި ލިޔުމުގައި މި ބަޔާން ކޮށްލަނީ ކީރިތި ގުރްއާނުގައި ދީނުގެ ޙުކުމްތައް އައިސްފައިވާ އުސްލޫބުތަކަށެވެ.
· ކީރިތި ގުރްއާނުގެ ހުކުމްތައް ބާވައިލައްވައިފައިވަނީ އެކިފަހަރު މަތީންކަން:
ކީރިތި ގުރްއާން ﷲ ސުބްހާނަހޫ ވަތަޢާލާ ބާވައިލައްވާފައި ވަނީ 23 އަހަރުންނެވެ. އެފޮތް އެއްފަހަރާ ބާވައިނުލައްވައެވެ. އެކި ބައިބަޔަށެވެ. އެފޮތުގައި މީސްތަކުން އުޅެންވީ ގޮތާއި ޢަޤީދާގެ ޙުކުމްތައްވެސް ބާވައިލެއްވިއެވެ. އަދި އެޙުކުމްތައް ބާވައިލެއްވީ ބައިބަޔަށެވެ. ﷲ ތަޢާލާ ރަމްޟާން މަހުގެ ރޯދަ އާއި ބެހޭގޮތުން ވަޙީ ކުރައްވާފައިވެއެވެ. ކީރިތި ގުރްއާނުގެ ބަގަރާ ސީރަތުގެ 183 ވަނަ އާޔަތުގައެވެ. يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾ މާނައީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. (183)"
· ކީރިތި ގުރްއާނުގައި ޢިބްރަތްތައް ވަރަށް ގިނައިން ހިމެނިފައިވެއެވެ
ޢިބްރަތްތަކުގެ ސަބަބުން އިންސާނާއަށް ވަރަށް އަސަރުކުރުވައެވެ. އަދި ހެޔޮމަގަށް އެޅުމުގެ ބާރު ލިބެއެވެ. އަދި ވިސްނުން ތަރައްގީ ކޮށްދެއެވެ. ﷲ ތަޢާލާ ކީރިތި ގުރްއާނުގައި ނަޙްލު ސޫރަތުގައި ވަހީ ކުރައްވާފައިވެއެވެ. وَإِنَّ لَكُمْ فِى ٱلْأَنْعَٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهِۦ مِنۢ بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَآئِغًا لِّلشَّٰرِبِينَ ﴿٦٦﴾ وَمِن ثَمَرَٰتِ ٱلنَّخِيلِ وَٱلْأَعْنَٰبِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَعْقِلُونَ ﴿٦٧﴾ މާނައީ: ” އަދި ހަމަކަށަވަރުން، نعم ސޫފީގައި، ތިޔަބައިމީހުންނަށް عبرة އެއް ވާކަން ކަށަވަރެވެ. އޭގެ ބަނޑުގައިވާ ތަކެތިން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބުއިމެއް ދެއްވަމެވެ. (ބަނޑުތެރޭގައިވާ) فضولات ތަކާއި، ލެޔާ ދެމެދުން އުފެދިގެން އަންނަ ބުއިމެކެވެ. ބޯމީހުންނަށް ބުއިމަށް ފަސޭހަ، އަދި ސާފުވެގެންވާ ކިރެވެ. (66) އަދި ކަދުރު ރުކުގެ މޭވާއާއި، މޭބިސްކަދުރުން މަސްތުވާ ބުއިންތަކާއި، ރަނގަޅު ކާތަކެތި ތިޔަބައިމީހުން ބޭނުންކުރަމުއެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. (ނޯޓު: މި آية ބާވައިލެއްވީ، ރާ حرام ކުރެއްވުމުގެ ކުރީގައެވެ.) (67)”
· ކީރިތި ގުރްއާނުގައިވާ އެކި އެކި ވާހަކަތައް:
ކީރިތި ގުރްއާނުގައި ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ވާހަކަ ބަޔާން ކޮށްދެއްވާފައިވެއެވެ. އެއީ އަޅިގަނޑުމެން އިންސާނުން އެކަމުން ޢިބުރަތް ލިބިގަނެ ތަރުބިއްޔަތުވެފައިވާ ގޮތް އަންގައިދިނުމަށްޓަކައެވެ. އަދި ކުރީގެ އުއްމަތްތަކުގެ ވާހަކވެސް އައިސްފައިވެއެވެ. އެބައިމީހުން ކާފަރުވުމުން އެބައިމީހުންނަށް އައި ޢަޛާބުގެ ވާހަކަވެސް ކީރިތި ގުރްއާނުގައި ބަޔާން ކޮށްދެއްވާފައިވެއެވެ. މިސާލަކަށް ޢާދު ބާގައިގެ މީހުން، ޘަމޫދު ބާގައިގެ މީހުންގެ ވާހަކައެވެ.
§ ޤާރޫންގެ ވާހަކަ
ﷲ ތަޢާލާ ކީރިތި ގުރްއާނުގެ ޤަޞަޞް ސޫރަތުގެ 76 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ۞ إِنَّ قَٰرُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَءَاتَيْنَٰهُ مِنَ ٱلْكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلْعُصْبَةِ أُو۟لِى ٱلْقُوَّةِ إِذْ قَالَ لَهُۥ قَوْمُهُۥ لَا تَفْرَحْ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْفَرِحِينَ ﴿٧٦﴾ މާނައީ: "ހަމަކަށަވަރުން، قارون އަކީ، موسى ގެފާނުގެ قوم ގެމީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) خزانة ތައް ދެއްވީމެވެ. ހަމަކަށަވަރުން، ވަރުގަދަ جماعة އެއްގެ މީހުންނަށް، އެ خزانة ތަކުގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ. އޭނާގެ قوم ގެމީހުން އޭނާއަށް ބުނިހިނދެވެ. (كبر ވެރިވުމުގެގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން، ބޮޑާވުމުގެގޮތުން އުފާކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. (76)"
§ ނަބީބޭކަލުންނާއި އެބޭކަލުންގެ ޤައުމުގެ ވާހަކަ
ﷲ ތަޢާލާ ކީރިތި ގުރްއާނުގައި 25 ނަބީބޭކަލުްގެ ވާހަކަ ގެންނަވާފައިވެއެވެ. އޭގެތެރޭގައި މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް، އާދަމްގެފާނު، ހޫދުގެފާނު، ޞާލިޙްގެފާނު، ޝުޢައިބުގެފާނު، އިދްރީސްގެފާނު، ޛުލްކިފްލް އަދިވެސް އިތުރު ނަބީބޭކަލުންގެ ވާހަކަ ގެންނަވާފައިވެއެވެ. އަންޢާމް ސޫރަތުގެ 83 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَتِلْكَ حُجَّتُنَآ ءَاتَيْنَٰهَآ إِبْرَٰهِيمَ عَلَىٰ قَوْمِهِۦ ۚ نَرْفَعُ دَرَجَٰتٍ مَّن نَّشَآءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ﴿٨٣﴾ وَوَهَبْنَا لَهُۥٓ إِسْحَٰقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيْمَٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَٰرُونَ ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴿٨٤﴾ وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ ٱلصَّٰلِحِينَ ﴿٨٥﴾ وَإِسْمَٰعِيلَ وَٱلْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى ٱلْعَٰلَمِينَ ﴿٨٦﴾
މާނައީ: "އެ ހުރިހާކަމަކީ، ތިމަންރަސްކަލާނގެ (حضرة ން އައި) حجّة ތަކެވެ. އެ حجّة ތައް، ތިމަންރަސްކަލާނގެ إبراهيم ގެފާނަށް ދެއްވީ، އެކަލޭގެފާނުގެ قوم ގެމީހުންނަށް ހުށަހެޅުއްވުމަށެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާ ބަޔަކު، ދަރަޖަ މަތިވެރިކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، حكيم ވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (83) ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް (އެބަހީ: إبراهيم ގެފާނަށް) إسحاق ގެފާނާއި، يعقوب ގެފާނު ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތެދުމަގު ދެއްކެވީމެވެ. އަދި އޭގެކުރިން نوح ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އެކަލޭގެފާނުންގެ ދަރިކޮޅުން، داود ގެފާނާއި، سليمان ގެފާނާއި، أيّوب ގެފާނާއި، يوسف ގެފާނާއި، موسى ގެފާނާއި، هارون ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. (84) އަދި زكريّا ގެފާނާއި، يحيى ގެފާނާއި، عيسى ގެފާނާއި، إلياس ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އެއިން ކޮންމެ ބޭކަލަކުމެވަނީ، صالح ންގެ ތެރެއިންނެވެ. (85) އަދި إسماعيل ގެފާނާއި، اليسع ގެފާނާއި، يونس ގެފާނާއި، لوط ގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންރަސްކަލާނގެ އެއިން ކޮންމެ ބޭކަލަކު عالم ތަކުގެ މައްޗަށް މާތްކުރައްވައި އިތުރުކުރެއްވީމެވެ. (86)”
Advertisement
9 ޖޫން 2025