އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު
ޢަލީ އިޙްޞާން ފިރާޤް
އެދުވަސްވަރު ދުނިޔޭގެ ހިތުގެ ވިންދު ޖަހަމުން ގެންދިޔައީ އިރުމަތީގައެވެ. ދުނިޔޭގެ ހިތްކަމުގައި ވެފައިވަނީ ބަޣުދާދެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ޢިލްމުވެރިންވަނީ ބަޣުދާދަށް އެއްވެފައެވެ. ޢިލްމުވެރިންގެ ފޮތްތައްވެފައިވަނީ ރަނަށްވުރެ އަގުހުރި އެއްޗަކަށެވެ. ސައިންސާއި ބޭސްވެރިކަމާއި ހިސާބުއިލްމާއި ފިލޯސޮފީގެ ޢިލްމުން ދުނިޔެ ހިންގަމުން ގެންދިޔައީ މުސްލިމުންނެވެ. ޢިލްމުގެ ގޮތުންވެސް އާރާއި ބާރުގެ ގޮތުންވެސް ދުނިޔެ އޮތީ މުސްލިމުންގެ މުށުތެރޭގައެވެ.
8 ވަނަ ގަރުނުން ފެށިގެން 13 ވަނަ ގަރުނާ ހަމައަށް ފާހަގަ ކުރެވިފައިވަނީ މުސްލިމުންގެ ރަންޒަމާނުގެ ގޮތުގައެވެ. އާ އީޖާދުތައް އުފެއްދުމާއި ޢިލްމާއި ތަރައްގީއާއި ތަމައްދުނުގެ ގޮތުން އޭރު އެންމެ ކުރިއަރާފައިވަނީ މުސްލިމުންނެވެ.
އިސްލާމީ ރަންޒަމާން ފެށިފައިވަނީ ޢައްބާސީ ޚިލާފަތުގައެވެ. ހާރުނުއްރަޝީދާއި އޭނާގެ ދަރިކަލުން މައުމޫންގެ ވެރިކަމުގެ ދުވަސްވަރުގައެވެ. އެދުވަސްވަރަކީ އެކިދީންތަކުގެ ޢިލްމުވެރިންނަށް ދައުވަތު ދެވި ކިޔެވުމާއި ތަރުޖަމާކުރުމާއި, އުފެއްދުންތައް އުފައްދަމުން ދިޔަ ޒަމާނެވެ. މުސްލިމުންނާއި ނަސާރާއިންނާއި ޔަހޫދީންނާއި މަޖޫސީން އެއްވެ މަސައްކަތްކުރަމުން ދިޔަ ޒަމާނެވެ.
ބައިތުލް ހިކްމާގެ ގޮތުގައި މަޝްހޫރުވެފައިވާ ލައިބްރަރީ ހުރީ ބަޣުދާދުގައެވެ. ޙިކްމަތުގެ ގޭގެ ގޮތުގައި މަޝްހޫރުވި މި ލައިބްރަރީއަކީ ހަމައެކަނި ލަބްރަރީއެއްނެވެ. އެއީ މިޒަމާނުގެ ބަހުން ދަންނަވާނަމަ ރިސާޗް ސެންޓަރެކެވެ. ޔުނިވާސިޓީއެކެވެ. ތަފާތު ފޮތްތައް ތަރުޖަމާ ކުރެވެމުން ދިޔަ ތަނެކެވެ.
ޢައްބާސީ ޚިލާފަތުގެ ރަސްރަސްކަލުންނަކީ ޢިލްމަށް ލޯބިކުރެއްވި ބައެކެވެ. އުނގެނުމަކީ އިސްލާމްދީނުގެ ސުންނަތެއްކަމުގައި ބެއްލެވި ބައެކެވެ. ވިސްނާ ފިކުރުކުރުމާއި ހަގީގަތަކީ ކޮބައިކަން ގަދައަޅާ ހޯދުމަށް ކީރިތި ޤުރްއާންވެސް ބާރު އަޅައެވެ.
ޢަރަބިބަހަށް ތަރުޖަމާކުރެވެމުން ދިޔަ ގްރީކް ފޮތްތަކާއި އިންޑިޔާ ފޮތްތަކާއި ފާރިސީ ފޮތްތަކުގެ ސަބަބުން މުސްލިމުންނަށް އާ ޚިޔާލުތަކެއް ލިބެމުން ދިޔައެވެ. މި ޚިޔާލުތައް އިސްލާމީ ޢިލްމުވެރިން އިތުރަށް ފުޅާކުރިއެވެ. އިތުރަށް ތަރައްގީކުރިއެވެ.
އަލްޖެބްރާ އާއި އޮޕްރޭޝަން ކުރަންގެންގުޅޭ ސާމާނާއި ތަރިތަކުގެ މަންޒިލުތައް ކުރެހުމާއި އެހެނިހެން ސައިންޓިފިކް ތަހްލީލުތައް ކުރިއަށް ގެންދިޔައެވެ. އަލްހަވާރިޒްމީ އާއި އިބްނު ސީނާއާއި އިބްނުލް ހައިޘަމްއަކީ ތާރީހް ބަދަލުކޮށްލެއްވި އިސްލާމީ އިލްމުވެރިންނެވެ.
އިސްލާމުންގެ ރަންޒަމާނަކީ ހަމައެކަނި ތާރީޚުގެ ސަފްހާތަކެއް ނޫނެވެ. އެއީ ޢިލްމާއި އިމާންކަން ގުޅިގެން އުފެދުނު ނަތިޖާއެކެވެ. މިހާރު އުފެދޭ ސުވާލަކީ އަހަރެމެން ހަމައެކަނި މި ތާރީޚާ މެދު ފަހުރުވެރިވާނީތޯއެވެ. ނުވަތަ މި ތާރީޚު އަލުން އިޔާދަ ކުރުމަށް މަސައްކަތް ކުރާނީތޯ މި ސުވާލެވެ.
Advertisement
9 ޖޫން 2025